ކެންސަރު ސެލްސް: މި ބަލީން ސަލާމަތްވެ ތިބުމަށްޓަކައި ބަލީގެ އަލާމާތްތައް ދެނެގަތުން މުހިންމު ---

ކެންސަރަކީ އާދަޔާ ޚިލާފު ސެލްތަކެއް ކޮންޓްރޯލެއް ނެތި އިތުރުވަމުން ގޮސް ވަށައިގެންވާ ސެލްތަކަށް ނުވަތަ ގުނަވަންތަކުގެ ތެރެޔަށްވެސް ވެރިވުމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ކިޔާ ނަމެކެވެ. ކެންސަރުގެ ސަތޭކަ އެތައް ވައްތަރެއް ހުރެއެވެ. ކެންސަރަށް ނަންދެވެނީ މިމައްސަލަ ދިމާވާ ސެލްގެ ބާވަތަށް ނުވަތަ ގުނަވަނަށް ނިސްބަތްކޮށެވެ.

ހަށިގަނޑުގައި އެކުލެވިފައިވާ ސެލްތަކަކީ ޢާންމު އުސޫލުން އަބަދުވެސް އާވެ އާލާވަމުންދާ އެއްޗެކެވެ. ކޮންމެ ސެލްއަކަށްވެސް އެސެލްއަކަށް ޚާއްޞަ ސިފަތަކަކާއި މަސައްކަތްތަކެއް ކަނޑައެޅިފައިވެއެވެ. ގުނަވަންތައް އުފެދިފައިވަނީ އެއްކަހަލަ އެއް މަސައްކަތަކަށް މަގުފަހިކޮށްދޭ ސެލްތައް އެކުވެގެންނެވެ. ކުރިންވެސް ފާހަގަކުރި ފަދައިން ހަށިގަނޑުން ދާނީ އަބަދުވެސް ސެލްތަކެއް އުފައްދަމުންނެވެ. އުފެދޭ ސެލްތަކުގެ އަޖަލު ހަމަވާންވާއިރަށް އެގުނަވަނެއްގެ މަސައްކަތަށް ބުރޫއެރިޔަނުދީ އާސެލްތައް އުފައްދަމުންނެވެ. ގުދުރަތީ ރޭވުމުގެ ދަށުން މިކަން ހިނގަމުންދެއެވެ.

ނަމަވެސް، އެއްވެސް ސަބަބަކާހުރެ މިސެލްތައް އުފެދި ވަކިވުމުގައި ތަފާތެއް އައިސް، ސެލްތައް އުފެދުން ކޮންޓްރޯލުން ނެއްޓިއްޖެކަމުގައި ވާނަމަ، އާދަޔާ ޚިލާފު ސެލްތަކެއް އުފެދިގެންދެއެވެ. މިއީ ކެންސަރެވެ. ކޮންމެ ސެލެއްގެ ވެސް "ނިއުކްލިޔަސް" އެއްވެއެވެ. ނިއުކްލިޔަސް އަކީ އެސެލެއްގެ ޑީ.އެން.އޭ ރައްކާތެރިކުރެވިފައިވާ ތަނެވެ. ސެލްތައް އާންމު އުސޫލުން އާލާވަމުންދަނީ މިނިއުކްލިޔަސްގައި ރައްކާކުރެވިފައިވާ ޑީ.އެން.އޭގައި ކަނޑައެޅިފައިވާ ގޮތަށެވެ. މިއީ ހަށިގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ގުދުރަތީ ގޮތުން ކަނޑައެޅިފައިވާ ނިޒާމެވެ.

ކެންސަރުގެ ބާވަތްތަކާއި ކެންސަރު ދެނެގަތުމުގައި ބޭނުންކުރެވޭ ބައެއް ލަފުޒުތައް:

ކުރިންވެސް ފާހަގަކުރެވުނު ފަދައިން، ކެންސަރަށް ނަންދެވެނީ ބަދަލު އަންނަ ސެލެއްގެ ނުވަތަ، އެސެލްތައް އެކުލެވިގެންވާ ގުނަވަނެއްގެ ނަމުންނެވެ. "ސެންޓްރަލް ނާރވަސް ސިސްޓަމް" ގެ ކެންސަރޭ ބުނެވެނީ ސިކުނޑިޔާއި މައިބަދައިގެ ކެންސަރަށެވެ. ތިރީގައި މިވަނީ ކެންސަރުގެ އެހެނިހެން ބާވަތްތަކެވެ.

ކެންސަރު ސެލްސް: ކެންސަރުގެ ގިނަ ވައްތަރުތަކަށް ނަން ދެވިފައި ހުންނަނީ ބަލި ޖެހޭ ގުނަވަނަކަށް ނުވަތަ ތަނަކަށް ނިސްބަތްކޮށް ---

ކާސިނޯމާ އަކީ ހަން ނުވަތަ އެހެނިހެންވެސް (ހަށިގަނޑުގެ އެތެރޭގައިވާ ގުނަވަންތައް) ގުނަވަންތަކުގެ ބޭރުފަށަލަ އެކުލެވިފައިވާ ސެލްތަކުން ފެށޭ ކެންސަރުގެ ބާވަތްތަކަށެވެ.

ސާކޯމާ އަކީ ކައްޓާއި، ކާޓިލޭޖު ނުވަތަ މަޑު ކަށިކޮޅާއި ސަރުބީއާއި މަހާއި ލޭހޮޅި އާއި އެހެނިހެން ވެސް ގުނަވަންތަކުގެ ކައިރީގައި އެގުނަވަންތަކަށް ވާގިވާން ހުންނަ ކަނެކްޓިވް ޓިޝޫ އިން އުފެދޭ ކެންސަރަށް ކިޔާނަމެވެ.

ލިއުކީމިއާ އަކީ ކަށީގެ މަދުފަދަ ލޭއުފައްދާ ސެލްތަކުގެ މަސައްކަތަށް އަންނަ ތަފާތެއްގެ ސަބަބުން ލޭގެ އެކިބާވަތްތައް އުފެދުމުގައި ތަފާތު އައިސް، އެސެލްތައް ލޭ ހޮޅިތަކަށް ވާސިލްވުމުން ދިމާވާ މައްސަލަތަކަށް ދެވިފައިވާ ނަމެވެ.

ލިމްފޯމާ (ވައިޓް ބްލަޑް ސެލްސްއަށް ޖެހޭ ބައްޔެއް) އާއި މައިލޯމާ (ލޭގެ ޕްލާސްމާގެ ބައްޔެއް) އަކީ ދިފާއީ ނިޒާމަށްޖެހޭ ދެ ބާވަތެއްގެ ކެންސަރެވެ.

ޓިއުމަރޭ ކިޔަނީ ހަށިގަނޑުގެ ކޮންމެ ހިސާބެއްގައި ވިޔަސް އުފެދިފައިވާ ގަނޑު ކޮޅަކަށެވެ. ޓިއުމަރުގެ ދެވައްތަރެއް ހުރެއެވެ. "މެލިގްނަންޓް" ޓިއުމަރު ނުވަތަ ކެންސަރާއި "ބިނައިން" ޓިއުމަރެވެ. ކެންސަރާ ޚިލާފަށް "ބިނައިން" ޓިއުމަރުގައި ސެލްތައް ކޮންޓްރޯލުން ނެއްޓުމާއި ކައިރީގައިވާ އެހެން ގުނަވަންތަކަށާއި ދުރުގައިވާ ތަންތަނަށް ފެތުރޭގޮތެއް ނުހުރެއެވެ. ވުމާއެކު، "ބިނައިން" ޓިއުމަރުގައި ކެންސަރަށް ވުމަށް ބޭނުންވާ ޝަރުތުތަކެއް ފުރިހަމައެއްނުވެއެވެ.

"އިންވޭސިވް" ނުވަތަ "އިންފިލްޓްރޭޓިންގް" ކެންސަރަކީ ކެންސަރު އުފެދިފައިވާ ސެލްތަކުން ނުވަތަ ގުނަވަނުން ބޭރުވެ، ކައިރި ހިސާބުތަކަށް އަސަރުކުރުމެވެ.

މެޓާސްޓޭސިސް ނުވަތަ ކެންސަރު ފެތުރުމަކީ ކެންސަރު އުފެދުނު ގުނަވަނަކާ ދުރުގައިވާ އެހެން ގުނަވަނަކަށް އޭގެ އަސަރުކުރުމެވެ. މިގޮތަށް ކެންސަރުފެތުރެނީ ކެންސަރު ސެލްތަކުގައިވާ "އެންޒައިމެއް" ގެ އެހީގައި އެއް ސެލުން އަނެއް ސެލަށާއި، ގުނަވަނުން ބޭރަށް ކުރިމަތިވާ ހުރަސްތައް ފަހަނައަޅާފައެވެ. މިގޮތަށް ނިކުތުމަށްފަހު، ލޭގެ އެހީގައި ނުވަތަ ލިންފެޓިކްސްގެ އެހީގައި އެހެން ހިސާބުތަކަށް ގޮސް އެހިސާބެއްގައި އިތުރުވާން ފަށަނީއެވެ. "ލިމްފެޓިކް ސިސްޓަމް" ނުވަތަ ހަށިގަނޑު ސާފުކުރުމަށްޓަކައި ގުނަވަންތަކާއި ލޭހޮޅިތަކުގެ ކައިރީގައިވާ ލިންފް ނޯޑުތައް (ގޮށް) މެދުވެރިވެގެންނެވެ.

ބަލީގެ އަލާމާތްތައް:

ކެންސަރަކީ ބަލީގެ ކުރީކޮޅުގައި އެއްވެސް އަލާމާތެއް ނުފެނިހިނގައިދާނެ ބައްޔެކެވެ. ބަލީގެ އަލާމާތްތައް ފެންނަނީ ކެންސަރު ޖެހިފައިވާ ސެލްތަކާއި ގުނަވަން އަދި ފެތުރިފައިވާ މިންވަރަށް ބިނާކޮށެވެ. ޓިއުމަރެއް ބޮޑުވަމުން އައިސް، އޭގެ ސަބަބުން އެގުނަވަނެއްގެ މަސައްކަތަށް ނުވަތަ ކައިރީގައިވާ ގުނަވަނަކަށް އަސަރުކުރުމުންނެވެ. ވުމާއެކު، އެބޭފުޅަކު އަމިއްލަފުޅަށް އެބޭފުޅެއްގެ އަމިއްލަފުޅު ހާލަތު ދެނެވަޑައިގަތުން ވަރަށް މުހިންމެވެ.

ކެންސަރުގެ އަލާމާތްތައް ބެހިފައިވަނީ މައިގަނޑު ދެބަޔަކަށެވެ. ކޮންމެ ކެންސަރެއްގައި ވެސް ފެނިދާނެ އަލާމާތްތަކާއި ވަކި ބާވަތެއްގެ ކެންސަރުތަކަށް ނުވަތަ ވަކި ގުނަވަނެއްގެ ކެންސަރަށް ޚާއްޞަ އަލާމާތްތަކެވެ. ސަމާލުވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަކީ، މީގެ ތެރެއިން ބައެއް ކަންކަމަކީ އެހެނިހެން ބަލިތަކުގައިވެސް (ކެންސަރު ނޫން ބަލިތައް) ފެނިދާނެ އަލާމާތްތަކެއް ކަމެވެ. ވުމާއެކު، ތިރީގައިވާ ފަދަ އަލާމާތްތަކެއް ފާހަގަކުރެވޭ ކަމުގައިވަނީ ނަމަ، ޑޮކްޓަރެއްގެ ލަފާ ހޯއްދެވުން ވަރަށް މުހިންމެވެ.

ކެންސަރާ ގުޅުން ހުރި އާންމު އަލާމާތްތަކުގެ ތެރޭގައި އެއްވެސް ސަބަބަކާ ނުލާ އާދަޔާ ޚިލާފަށް ކާހިތް ކެނޑުމާއި ބަރުދަން ލުއިވުމާއި އެއްވެސް ސަބަބަކާ ނުލާ ދިގުމުއްދަތަކަށް މަޑު ހުމެއް އައިސްފައި ހުރުމާއި އަބަދުވެސް ވަރުބަލި ވެފައި ހުރުން ހިމެނެވެ. މިގޮތަށް ހުންނަ ވަރުބަލި ކަމަކީ ގިނަފަހަރަށް އަރާމުކުރުމުން ވެސް ނުފިލާ ވަރުބަލިކަމެކެވެ. ރިހުމަކީ ވެސް ކެންސަރުގެ އަލާމާތަކަށް ވެދާނެއެވެ. މިފަދަ ރިހުން އާންމުކޮށް ހުންނާނީ އެމައްސަލައެއް ހުރި ސަރަހައްދެއްގައެވެ. ބައެއް ފަހަރު ބައެއް ކެންސަރު ތަކުގެ ސަބަބުން ހަނގަޑަށްވެސް ބަދަލު އާދެއެވެ. ހަމުގެ ކުލަ ރަތް ވުމާއި ރީނދޫވުމާއި ކަޅުވުން ނުވަތަ ހިރުވުމަކީ ފެންނަ އަލާމާތްތަކެވެ.

ހަށިގަނޑުގެ އެއްވެސް ހިސާބެއްގައި ގަނޑެއްލާފައި ހުރުން ނުވަތަ ބޯވުމާއި ފަސޭހަނުވާ ފާރުކޮޅެއް ހުރުމާއި، ހަޖަމުކުރުމުގެ މައްސަލަތަކާއި ކާނާ ނުވަތަ ދިޔާތަކެތި ދިރުވަން ދަތިވުންވެސް އަލާމާތްތަކުގެ ތެރޭގައި ހިމެނެއެވެ. ހޮޑުލެވުމާއި ބޮޑުކަމު ދިޔުމަށް ބަދަލު އައުމާއި ބޮޑުކަމުދާތަކެތީގެ ކުލަ ބަދަލުވުންފަދަ ކަންކަންވެސް އެއީ ކެންސަރުގެ އަލާމާތަކަށް ވެދާނެއެވެ. އުނދަގޫވާކަހަލަ ކެއްސުމެއް ދިގުމުއްދަތަކަށް ހުރުމާއި އާންމުކޮށް (ޕީރިއަޑް ވާއިރު) ލޭއައުން ނޫންގޮތަކަށް ކުރިމަތިފަރާތުން ނުވަތަ ހަށިގަނޑުގެ އެނޫންވެސް ތާކުން އެއްވެސް ސަބަބަކާ ނުލައި ލޭއައުމަކީވެސް ކެންސަރު ބަލީގެ އަލާމާތްތަކެވެ. އަވަސް އަވަހަށް އިންފެކްޝަންތަކުގެ ޝިކާރަޔަކަށް ވުމާއި ހަށިގަނޑުގެ އެކި ހިސާބުތަކުގައި ރިހުން ވެސް ކެންސަރުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެއެވެ.

ކެންސަރު ސެލްސް: މި ބަލީގެ ސަތޭކަ އެތައް ވައްތަރެއް ހުރޭ ---

ބަލިދެނެގަތުން:

ބަލި ދެނެގަތުމަށްޓަކައި، ފެންނަ އަލާމާތްތަކާއި ވާއުނދަގޫތައް ޑޮކްޓަރަށް ވިދާޅުވެދެއްވުމުގެ އިތުރުން، ދިރިއުޅުއްވުމުގެ ވައްޓަފާޅި އާއި ކުރައްވާ މަސައްކަތްޕުޅާއި އާއިލާގައި ހުންނަ ބަލިތަކަކީ ވަރަށް މުހިންމު މައުލޫމާތު ތަކެވެ. ހަމައެފަދައިން، ބަލިމީހާގެ ހަށިގަނޑާއި ގުނަވަންތައް ބެލުންވެސް އެހާމެ މުހިންމެވެ.

ކެންސަރު ބަލި ދެނެގަތުމަށްޓަކައި އެންމެ ފުރަތަމަ ތަހުލީލުތައް ހެދެނީ މަތީގައި ދަންނަވާފައިވާ ކަންކަމުން ލިބޭ މައުލޫމާތަށް ބިނާކޮށެވެ. މިގޮތުން ތަހުލީލު ހަދަނީ ބަލި ދެނެގަތުމަށާއި ބަލިފެތުރިފައިވާ މިންވަރު ބެލުމަށެވެ. އެއަށްފަހު ފަރުވާކުރަމުންދާއިރު ފަރުވާ ކުރިޔަށްދާ ގޮތް ބެލުމަށްވެސް ތަހުލީލު ހެދެއެވެ.

ބަލިދެނެގަތުމަށްޓަކައި ލޭގެ އެކި ބާވަތު ގެ ސެލްތައް ހުރިނެތް ގޮތާއި މިންވަރު ބެލުމުގެ އިތުރުން ޓިއުމަރ މާރކަރޒް ހަދައެވެ. ޓިއުމަރ މާރކަރޒްގެ އެހީގައި ކެންސަރު ގެ ބާވަތާއި ފަރުވާ މޮނިޓަރ ކުރެވެއެވެ. އަދި ލެޔާއި ކުޑަކަމުދާ ތަކެތީގެ އެހެނިހެން ޓެސްޓުތައް ވެސް ހެދެއެވެ. ބަލި ދެނެގަތުމަށްޓަކައި އެކްސް ރޭ އާއި ސްކޭނާއި ކެމެރާއެއްގެ އެހީގައި ކާތަކެތި ދަތުރުކުރާ ހޮޅިއާއި މައިދާ އާއި (އެންޑޯސްކޮޕީ) ބޮޑު ގޮހޮރާއި (ކޮލޮނޮސްކޮޕީ) މަސާނާ (ސިސްޓޯސްކޮޕީ) ބެލެއެވެ. މީގެ އިތުރުން ސީ.ޓީ ސްކޭން އާއި އެމް.އާރ.އައި އާއި ޕެޓް ސްކޭންގެ އެހީގައި ބަލި ހުރި ހިސާބާއި މިންވަރު ދެނެގަނެވެއެވެ. ބަލާބެލުމާއި ކުރެވޭ ތަހުލީލުތަކުން ފެންނަނީ ކޮންކަހަލަ ކެންސަރެއްތޯ ނުވަތަ ހުރީ ކޮންކަހަލަ ސެލްތަކެއްތޯ ދެނެގަތުމަށް ހެދޭ ޓެސްޓަކީ ބައިއޮޕްސީ އެވެ. މިޓެސްޓަކީ އެޓިއުމަރަކުން މަސްކޮޅެއް ނެގުމަށްފަހު މައިކްރޯ ސްކޯޕްގެ އެހީގައި ބަލައި ބަލި ދެނެގަތުމެވެ. މީގެ އިތުރުން ވެސް، އެކި އެކި ކެންސަރު ތަކަށް ހެދޭ ތަފާތު ޓެސްޓުތައް ހުރެއެވެ.

ބަލީގެ ފަރުވާ:

ކެންސަރަށް ފަރުވާ ކުރެވެނީ ކެންސަރުގެ ބާވަތާއި ހުރި މިންވަރު ކަށަވަރުކުރުމަށްފަހުގައެވެ. މިގޮތުން ދެވޭ ފަރުވާގެ ތެރޭގައި އޮޕަރޭޝަންކޮށްގެން ޓިއުމަރު ނެގުމާއި ކީމޯތެރަޕީ (ކެންސަރު ސެލްތައް ނައްތާލުމަށްޓަކައި ދެވޭ ބާރުގަދަ ބޭސް. އިންޖެކްޝަންގެ ގޮތުގަޔާއި ގުޅަބޭހުގެ ގޮތުގައި ދެވޭ.) ދިނުމާއި ރޭޑިއޯތެރަޕީ ދިނުން ހިމެނެއެވެ. (އެކްސްރޭ ފަދަ އައްޔެއްގެ އެހީގައި ސެލްތައް ނައްތާލުމަށްދެވޭ ފަރުވާ). މިފަދަ ފަރުވާތަކަކީ ބާރުގަދަ ފަރުވާތަކެއް ކަމުން ހޮޑުލެވުމާއި އަދި އެހެނިހެން އުނދަގޫތައްވެސް ކުރެއެވެ. ވުމާއެކު، މިފަދަ އުނދަގޫތައް ކުޑަކުރުމަށްޓަކައި ވެސް އިތުރު ބޭސް ދެވެއެވެ.

comment ކޮމެންޓް