ކުޑަކުދިން ބަނޑު ހަރުވުން

ބަނޑު ހިކުން ނުވަތަ ބަނޑު ހަރުވުމަކީ ކުޑަ ކުދިންނަށް ދިމާވާ ވަރަށް އާންމު މައްސަލައެކެވެ. ކުރީކޮޅުގައި ރަނގަޅު ހައްލެއް ނުހޯދިއްޖެ ނަމަ އިތުރު މައްސަލަތައް ކުރިމަތިވުން އެކަށީގެންވާ ކަމެކެވެ. ބޮޑުކަމުދިއުމަކީ ތަބީއީ ކަމަކަށް ވުމުގެ އިތުރުން، ކޮންމެ ކުއްޖަކަށް ހިފޭ އާދައެއް ވެސް މެއެވެ. އެއް ކުއްޖެއްގެ މިއާދަ އަނެއްކުއްޖަކާ ތަފާތު ވެދާނެއެވެ. ވުމާއެކު، ބެލެނިވެރިން ކޮންމެ ކުއްޖެއްގެ އާންމު ހާލަތު ދެނެގަތުން މުހިންމެވެ.

ހަމައެކަނި ގާތުން ކިރުދޭ ތުއްތު ކުދިން، ގާތުންދޭ ކޮންމެ ފަހަރަކު ބޮޑުކަމުދިޔުމަކީ އާންމުކަމެކެވެ. ބައެއް ކުދިން 24 ގަޑިއިރު ތެރޭގައި ހަފަހަރު ނުވަތަ އަށް ފަހަރު ވެސް މިގޮތަށް ބޮޑުކަމުދެއެވެ. މައިމީހާގެ ކިރުގައި އެކުލެވޭ ބައިތަކަކީ ތަބީއީގޮތުން ހަޖަމުކުރަން ބޭނުންވާ ގޮތަށް ހުންނަ ބާވަތް ތަކަކަށް ވާތީ، ތުއްތު ދަރިފުޅު ފަސޭހަކަމާއެކު އެ ހަޖަމުކޮށް ބޮޑުކަމުދެއެވެ. މިއާޚިލާފަށް ދަޅުކިރު ދޭ ކުދިންގެ މިއާދަ ތަފާތެވެ. ބޮޑުކަމުދާ އެއްޗެތީގެ ވަސް ނުބައި ވެފައި ބޮޑުކަމުދާ ކޮންމެ ފަހަރަކު ދެވޭ ވަރު އިތުރުވެދާނެއެވެ. މިހެން މިކަން ދިމާވަނީ ހަޖަމުކުރުމުގައި އުނދަގޫތަކެއް ހުރުމުގެ ސަބަބުންނެވެ.

ތުއްތު ކުދިންގެ ތެރެއިން ދަޅުކިރާއި އެކުގައި މަންމަގެ ގާތުން ދޭ ކުދިންގެ ބަނޑު ހަރުވުމުގެ ފުރުޞަތު ބޮޑެވެ. ކަންމިހެން ހުރުމާއެކު ވެސް، ހަމައެކަނި ގާތުންދޭ ކުއްޖަކު ބޮޑު ކަމުނުގޮސް ދެތިން ދުވަސް ވުން އެކަށީގެން ވެއެވެ. މުހިންމީ ބޮޑު ކަމުދާ އަދަދަށްވުރެ، ބޮޑުކަމު ދިއުމުގައި އެއްވެސް ދަތިކަމަކާނުލާ ބޮޑުކަމުދިއުމާއި ބޮޑު ކަމުދާތަކެތި މަޑުކޮށް ހުރުމެވެ.

ތުއްތު ކުދިންގެ ބޮޑުކަމު ދިއުމުގެ އާދަޔަށް ބޮޑެތި ބަދަލުތަކެއް އަންނަނީ ކާންދޭން ފެށުމުންނާއި، ނެޕީގެ އާދަ ކަނޑުވާލަން މަސައްކަތްކުރަމުން އަންނަ ދުވަސްވަރުއެވެ. މާހައުލު ބަދަލުވުމާއި، ސްކޫލަށް ދާންފެށުމާއި ނަފުސާނީ ބައެއް މައްސަލަތަކަކީ ވެސް ބޮޑުކަމުދިއުމުގެ އާދައަށް ބަދަލު އަތުވެދާނެ މަރުހަލާތަކެކެވެ. މިމަރުހަލާ ތަކަކީ އެކުދިންނަށް ބެލެނިވެރިންގެ ފަރާތުން އިތުރު އަޅާލެއްވުމާއި ލޯތްބާއި އެހީތެރިކަން ބޭނުންވާނެ މަރުހަލާތަކެކެވެ. އެކުދިން ތަހައްމަލް ކުރަމުންދާ އުނދަގޫތައް ފާހަގަކުރައްވައި، އޯގާތެރިކަމާ އެކު ހިތްވަރުދެއްވުން ވަރަށް މުހިންމު ދުވަސްވަރެކެވެ.

ކުދިން ބޮޑެތިވުމަށްފަހު ކެއުމުގެ އާދަކާދަ ހުންނަގޮތަކުން ބޮޑުކަމު ދިއުމަށް ދުވަހުން ދުވަހަށް ބަދަލު އަތުވެދާނެއެވެ. ވުމާއެކު ބޮޑުވަމުން އަންނަ ކުދިންގެ އާންމު ހާލަތު ދެނެގަތުމާއި ހަށިގަނޑުގެ ތަބީއީ އާދަތަކަށް ބެލެނިވެރިން ޚާއްސަ ސަމާލުކަމެއް ދެއްވަން ވާނެއެވެ. ބޭރަށް ހިނގުން ކަމުގައި ބެލެވޭނީ ދުވާލެއްގެ މައްޗަށް 3 ފަހަރަށް ވުރެން ގިނައިން ބޮޑުކަމު ދެވުމާ އެކު ބޮޑުކަމުދާ ތަކެތި ބަދަލުވެ، ދިޔާވުމުންނެވެ. ކުޑަކުދިންގެ ބަނޑު ހަރުކަމުގައި ބެލެވޭނީ އާއްމުކޮށް ބޮޑުކަމުދާ އަދަދަށްވުރެން މަދުން، އާންމުކޮށް ހުންނަ ވަރަށް ވުރެ ހަރުކޮށް އުނދަގުލާ އެކު ބޮޑުކަމު ދެވުމުންނެވެ. ބޮޑުކަމުދާ ތަކެތި މާ ހަރުކަމުގައި ވާނަމަ، ބައެއް ފަހަރަށް ފުރަގަސް ފަރާތުން ތަންކޮޅެއް ކަނޑައިގެންގޮސް ތަދުވެ، ލޭ އައުމާއި އެތަން އިންފެކްޓުވުން އެކަށީގެންވެއެވެ. މާގިނަގިނައިން ބަނޑު ހަރުވުމުގެ ނަތީޖާއެއްގެ ގޮތުން، އުމުރާ އެކު ޕައިލްސްގެ (ފުރުގަސްފަރާތުގައި ހުންނަ ބައެއް ލޭހޮޅިތައް ފުއްޕައި މަސްކޮޅެއް ނުކުންނަފަދައިން ފުރަގަސްފަރާތުން ބޭރަށް ނުކުންނަ މައްސަލަ) ދިމާވުމުގެ ފުރުޞަތު އިތުރުވުން ވެސް އެކަށީގެން ވެއެވެ.

ބަނޑު ހަރުވުމުގެ އިތުރު އަލާމާތްތަކުގެ ތެރޭގައި ބަނޑުގައި ރިއްސުމާއި މޭނުބައިވެ، ކާހިތް ނުވުން ހިމެނެއެވެ. ވަރުދެރަވެ، އުނދަގޫވެފައި ހުރުމާއި ފާޚާނާޔަށް ދާން ބޭނުންވެގެން އުޅޭކަން ބެލެނިވެރިންނަށް ފާހަގަކުރެވޭނެއެވެ. މާބޮޑަށް ބަނޑު ހިކި، ބޮޑުކަމުދާ ތަކެތި ފުރުގަސް ފަރާތުގައި ޖަމާވެފައި ވާނަމަ، ދިޔާކޮށް ހުންނަ ބޮޑު ކަމުދާތަކެތި (އޯވަރ ފްލޯ ޑައިރިއާ) ނުވަތަ ބޮޑުކަމުދާ ތަކެތީގެ ކުލަޔާއި ވަސް އެކުލެވިފައި ހުންނަ ލޮނދި ފައިބާފައި ހުރުން އެކަށީގެން ވެއެވެ. މިގޮތަށް ކަންތައް ދިމާވަނީ ބޮޑުކަމުދާ ތަކެތި ފުރަގަސްފަރާތުގައި ތޮއްޖެހި (އިމްޕެކްޓަޑް ސްޓޫލް)، ފުރަގަސް ފަރާތަށް ވާންވެފައި ހުއްޓައި، ކޮންމެވެސް ސަބަބަކާ ހުރެ ބޮޑު ކަމުނުދެވުމުގެ ސަބަބުން ބޮޑުކަމު ދާން ބޭނުންވުމުގެ އިހުސާސް ކުޑަވުމުންނެވެ.

މިގޮތަށް ބޮޑުކަމުނުދެވުމުގެ ސަބަބުތަކުގެ ތެރޭގައި ކުރިން ބޮޑުކަމުދިޔަ އިރެއްގައި ތަދުވެފައިވާތީ ނުވަތަ ނެޕީގެ އާދަ ކަނޑުވާލަމުންދާ ދުވަސްވަރު ކަމުގައިވާތީ އެކުއްޖަކު އަމިއްލަޔަށް ބޮޑުކަމުނުގޮސް ހިފަހެއްޓުން ހިމެނެއެވެ. މިކަމުގެ ފަރުވާއެއްގެ ގޮތުން ދެވޭ ބޭހުން އަސަރު ނުކޮށްފިނަމަ، މަދު ހާލަތްތަކެއްގައި ހޭނެއްތުމަށް ފަހު ބޮޑުކަމުދާ ތަކެތި އަތުން ނަގަންޖެހޭ ހާލަތެއް އައުން އެކަށީގެންވެއެވެ.

އާންމު ގޮތެއްގައި ބަނޑު ހަރުވަނީ މާބޮޑު ސަބަބެއް ނެތިއެވެ. މާހައުލަށާއި އާދަކާދަޔަށް އަންނަ ބަދަލެއްގެ ސަބަބުންނެވެ. މިފަދަ ބަނޑު ހަރުވުން ކުރިން ފާހަގަ ކުރެވި އެކަށީގެންވާ ފިޔަވަޅު އެޅިއްޖެނަމަ، އިސާހިތަކު ރަނގަޅުވެއެވެ. އެހެންނަމަވެސް، މިކަން ދިގުދެމިގެން ދާނަމަ، ދިގު މުއްދަތަކަށް ފަރުވާކުރަން ޖެހިދާނެއެވެ. މިކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ބަލަން ޖެހެނީ، ބަނޑު ހިކުމަކީ ނުވަތަ އާންމު އުސޫލުން ބޮޑުކަމުނުދެވުމަކީ ބައްޔެއްގެ އިޝާރާތަކަށް ވެދާނެތީއެވެ.

އަލާމާތެއްގެ ގޮތުގައި ބަނޑު ހަރުވުން ފެނިދާނެ ބަލިތަކުގެ ތެރޭގައި ތައިރޮއިޑުގެ މައްސަލަ އާއި ނާރުގެ ބައެއް މައްސަލަތައް ހިމެނެއެވެ. އަދި ބޭނުންކުރަމުން ގެންދާ ބޭހެއްގެ ސައިޑް އިފެކްޓެއްގެ ގޮތުގައި ވެސް މިމައްސަލަ ފެނިދާނެއެވެ. ބައްޔެއްގެ ސަބަބުން ބަނޑު ހިކޭނަމަ ފެނިދާނެ އެހެނިހެން އަލާމާތް ތަކަކީ ބަނޑު ފުއްޕުމާ އެކު ހޮޑުލެވުމާއި ބަރުދަން ލުއިވުމާއި ވަރަށް ވަރުގަދަޔަށް ބަނޑުގައި ރިއްސުމެވެ. ބޮޑުކަމުދާ ތަކެތީގެ ކުލަ ވަރަށް މަޑުވެ، ކުޑަކަމުދާ ތަކެތީގެ ކުލަ ގަދަވުން ވެސް އެކަށީގެން ވެއެވެ. ބައެއް ފަހަރަށް ކުޑަކަމުދާން އުނދަގޫވެ، ކުޑަކަމުދާ ތަކެތީގެ ކުލަ ބަދަލުވެ، ނުބައިވަސް ދުވައެވެ.

ބަނޑު ހަރުވާނަމަ، ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދުގެ މަތިން ކަންތައްތައް ގެންދެވުން ވަރަށް މުހިންމެވެ. ޑޮކްޓަރެއްގެ ލަފާގެ މަތިން ޓެސްޓު ހަދަންޖެހޭ ހާލަތް ތަކުގައި ޓެސްޓުތައް ހެއްދެވުމާއި، ބޮޑުކަމުދާ ތަކެތި މަޑުކުރުމަށް ދެވޭ ބޭސް ގަވައިދުން ދެއްވައި، މައްސަލަ ހައްލުވުމުން، ޑޮކްޓަރުގެ އިރުޝާދުގެ ދަށުން މަޑުމަޑުން ބޭސް ހުއްޓައިލެއްވުމެވެ. ކުއްލިޔަކަށް ބޭސް ހުއްޓާލައްވައިފިނަމަ، އަނެއްކާވެސް ބަނޑު ހިކުމުގެ މައްސަލަ ކުރިމަތިވެދާނެތީއެވެ.

ބަނޑު ހިކުނަނުދިނުމަށް ޓަކައި ގިނައިން ދިޔާތަކެތި ދެއްވުން މުހިންމެވެ. އަދި މޭވާ އާއި (ބެރީސް އާއި، ޕްރޫންސާއި، ކަދުރާއި، އާފަލާއި އޮރެންޖު ފަދަ މޭވާ) ތަރުކާރީ (ބީންސްގެ ބާވަތްތަކާއި ފެހިކަން ގަދަ ފަތް ފަދަ ތަކެތި)، ސީރިޔަލާއި ހޯލް ގްރެއިން ޕާންފަދަ ފައިބަރު ގިނަ ކާނާ ކާން ދެއްވުމަކީ އާދަޔަކަށް ހައްދަވަންވާނެ އެވެ. ކުދީންނަށް އިވޭ އަޑުތަކަށްވުރެން ބޮޑަށް ކުދީން ދަސްކުރަނީ މާހައުލުން ފެންނަ ކަންކަމުންނެވެ. އެހެންކަމުން މޭވާ އާއި ތަރުކާރީ އާއި އެހެނިހެން ފައިބަރ ގިނަ ކާނާ ބޭނުންކުރުމާއި ގިނައިން ކެއުމަކީ ގޭގެ އާންމު ދިރިއުޅުމުގެ އާދަކާދައިގެ ތެރޭގައި ހިމެނިފައިވާ ކަންކަންކަމުގައި ހެއްދެވުން މުހިންމެވެ. ކާންދެއްވާ ކޮންމެފަހަރަކު ކޮންމެވެސް ބާވަތެއްގެ މޭވާއެއް ދެއްވުން ރަނގަޅެވެ. އާންމު ދިރިއުޅުމުގައި ގިނައިން ހެލިފެލިވެ، ހަރަކާތްތެރިކޮށް އުޅުމާއި ކަސްރަތުކުރުމަކީ ވެސް ބަނޑު ހަރުވިޔަ ނުދިނުމަށް ބާރުއަޅާކަމެކެވެ.

ސްކޫލަށް ދާކުދިން ހެދުނު ތަންކޮޅެއް އަވަހަށް ނަންގަވައި، ނާސްތާ ދެއްވައި، ސްކޫލަށް ގެންދެވުމުގެ ކުރިން އެކުއްޖަކު ހަމަޖެހިގެން ފާޚާނާކުރާނެ ވަގުތު ދެއްވުމަކީ މުހިންމު ކަމެކެވެ. ނިދާ ވަގުތަކީ ގޮހޮރުގެ ހިނގުން ތަންކޮޅެއް ލަސްވާ ވަގުތެކެވެ. ހެނދުނު ހޭލުމަށްފަހު ކެއިންބުއިމުގެތެރެއިން ގޮހޮރުގެ އާންމު މަސައްކަތްތައް ފަށައެވެ. އެހެންކަމުން، މިއީ ކުޑައިރު ހިފިދާނެ ރަނގަޅު އާދައެކެވެ. ސްކޫލަށް ދިޔުމުގެ ކުރިން ފާޚާނާކުރުމުން، ތަފާތު ފާޚާނާއަކަށް ވަންނަން ޖެހޭތީ ކުއްޖާ ބޮޑުކަމު ނުގޮސް ހިފަހައްޓާ ހިފެހެއްޓުމަކަށް ފުރުޞަތެއް ނޯންނާނެއެވެ. އަދި ހަށިގަނޑުގެ ނިޒާމުތައް އޭގެ ތަބީއީގޮތުގައި ހިނގުމަށް ފުރުޞަތު ދެވުމުން ދުޅަހެޔޮ ދިރިއުޅުމަކަށް މަގު ފަހިވެއެވެ. ހަމައެފަދައިން، ކުޑަކުދިންނަށް ބަނޑު ހަރުވުމުގެ ސަބަބުން ވާ އުނދަގޫތައް ކުޑަވެ އެކުދިންނަށް އުފަލާ އެކު ކިޔެވުމާއި އެހެނިހެން ކަންކަމުގައި ހެލިފެލިވެ އުޅުމުގެ ފުރުޞަތު ތަނަވަސް ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް