އެތެރޭގެ ދަރަނި 100 ބިލިއަނަށް އަރާއިރު، ޚަރަދު ފޫބައްދަން އިތުރަށް 3.2 ބިލިއަން ރުފިޔާ ހޯދަނީ

ފިނޭންސް މިނިސްޓަރު ޒަރީރު: އެތެރޭގެ ދަރަނި 100 ބިލިއަނަށް އަރާއިރު، ޚަރަދު ފޫބައްދަން އިތުރަށް 3.2 ބިލިއަން ރުފިޔާ ހޯދަން ވަނީ އިއުލާންކޮށްފައި -- ފޮޓޯ/ މަޖިލިސް

ދައުލަތުގެ އެތެރޭގެ ދަރަނި 100 ބިލިއަން ރުފިޔާއަށް އަރައިފައި ވަނިކޮށް، ސަރުކާރުން ޚަރަދުތައް ހަމަޖައްސަން 3.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، ހަތަރު ޓީބިލެއް ވިއްކަން އިއުލާން ކޮށްފައެވެ. އެ ހުރިހާ ޓީބިލަކަށް ވެސް މާދަމާ ފައިސާ ދައްކަން ޖެހޭ ކަމަށް އިއުލާނުގައިވެއެވެ.

ޓީބިލަކީ އިންޓަރެސްޓާއެކު އަނބުރާ ދައްކާ ގޮތަށް ސަރުކާރުން ނަގާ ފައިސާއެވެ. ޓީބިލު އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުވާ ވަރަކަށް އެއަށް ދައްކަން ޖެހޭ އިންޓްރެސްޓު ވެސް އިތުރުވާނެއެވެ.

މިހާރު ވިއްކަން އިއުލާންކޮށްފައިވާ ޓީބިލުތަކުގެ އަދަދާއި އިންޓްރެސްޓް ރޭޓަކީ:

  • 1.32 ބިލިއަން ރުފިޔާ - 3.5 ޕަސެންޓް، އަނބުރާ ދެއްކުން 28 ދުވަހުން
  • 70.2 މިލިއަން ރުފިޔާ - 3.87 ޕަސެންޓް، އަނބުރާ ދެއްކުން 98 ދުވަހުން
  • 50 މިލިއަން ރުފިޔާ - 4.23 ޕަސެންޓް، އަނބުރާ ދެއްކުން 188 ދުވަހުން
  • 1.76 ބިލިއަން ރުފިޔާ - 4.6 ޕަސެންޓް، އަނބުރާ ދެއްކުން 364 ދުވަހުން

ފިނޭންސް މިނިސްޓްރީންވަނީ އެ ޓީބިލްތައް ވިއްކުމާ ގުޅޭ އިތުރު މައުލޫމާތު 3349200އަށް ގުޅުމުން ލިބޭނެކަން ފާހަގަކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި، ދައުލަތުގެ އެތެރޭގެ ދަރަނި މިހާރު ވަނީ 100 ބިލިއަން ރުފިޔާއަށް އަރައިފައެވެ. އޭގެ ތެރެއިން އެންމެ ގިނައީ އެއް އަހަރު ތެރޭ ދައްކަން ޖެހޭ ދަރަންޏެވެ. އެގޮތުން އެ މުއްދަތުގައި 40.2 ބިލިއަން ރުފިޔާ އަނބުރާ ދައްކަން ސަރުކާރަށް ޖެހެއެވެ.

އެތެރޭގެ ދަރަނީގެ ތެރޭގައި ރުފިޔާއިން ވިއްކާފައިވާ 43 ބިލިއަން ރުފިޔާގެ ޓީބިލާއި 33 ބިލިއަންގެ ޓްރެޝަރީ ބޮންޑް ހިމެނެއެވެ. ޓީބިލް އެންމެ ގިނައިން ގަނެފައިވަނީ ކޮމާޝަލް ބެންކުތަކާއި އެހެނިހެން ފައިނޭންޝަލް ކޯޕަރޭޝަންތަކުންނެވެ.

އާންމު ގޮތެއްގައި ބެންކުތަކުގެ އިތުރުން ޕެންޝަން ފަންޑާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޓީބިލްތައް ގަނެއެވެ.

ރާއްޖޭގައި އެކި ސަރުކާރުތަކުގައި ޚަރަދުތައް ކުޑަނުކުރެވި، ދަރަނި އިތުރުވަމުން ގޮސް، މި އަހަރު އެކަނި ވެސް 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހުނެވެ. މި އަހަރަށް ފާސްކުރީ 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށްވާއިރު، އޭގެ މައިގަނޑު ސަބަބަކަށްވީ ދަރަނި އަނބުރާ ދައްކަން 12.9 ބިލިއަން ރުފިޔާ ކަނޑައަޅަން ޖެހުމެވެ.

https://sun.mv/229800

ސަރުކާރުން އަންނަ އަހަރަށް އެކުލަވާލި 59.7 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތަފުސީލު ދެއްވަމުން ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވަނީ، މި އަހަރުގެ ނިޔަލަށް ޖުމުލަ 11.7 ބިލިއަން ރުފިޔާ ދަރަނި އަނބުރާ ދެއްކުމަށް ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭކަން ހާމަކުރައްވައިފައެވެ. ނަމަވެސް އެ ދަރަނިތައް ދައްކައި ޚަލާސްކުރުމުން، އަންނަ އަހަރު ސަރުކާރުން ދަރަނި ދެއްކުމަށް ހޭދަކުރަންޖެހޭ މިންވަރުވަނީ ދަށްކުރެވިފައި ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، އަންނަ އަހަރު ދަރަނި އަނބުރާ ދެއްކުމަށް ހޭދަކުރަން ޖެހޭނީ 4.5 ބިލިއަން ރުފިޔާ ކަމަށް ލަފާކުރެވޭ ކަމަށް ޒަރީރު ވިދާޅުވިއެވެ.

މީގެ އިތުރުން ޒަރީރު ވަނީ، އަންނަ އަހަރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ސީދާ ދަރަނި ހުންނާނެކަމަށް އަންދާޒާކުރެވެނީ 117 އިންސައްތައިގައި ކަމަށެވެ. އަދި 2028 ވަނަ އަހަރު އެ ޢަދަދު 116.3 އިންސައްތައަށް ތިރިވާނެ ކަމަށް ލަފާކުރެވޭއިރު، 2029 ވަނަ އަހަރަށް ދަރަނި 107.9 އިންސައްތައަށް ތިރިކުރުމުގެ އަމާޒު ވެސް މި ބަޖެޓުގައި ކަނޑައަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް