މޯލްޑިވްސް އެސޯސިއޭޝަން ފޯ އެޗްއާރް ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރްޕީ)ގެ ހަތް ވަނަ އަހަރީ އާންމު ޖަލްސާ ބާއްވައި، ޖަމިއްޔާގެ ކުރިއަށް އޮތް ދެ އަހަރުގެ ހިންގާ ކޮމިޓީ އިންތިޚާބުކޮށްފިއެވެ.
އިއްޔެ ބުރުޒު ހޯލުގައި ބޭއްވި އެ ޖަލްސާގައި މާޕްގެ އާންމު މެންބަރުންނާއި، ހިންގާ ކޮމިޓީއާއި، އެޑްވައިޒަރީ ކޮމިޓީގެ އިތުރުން މުހިންމު ފަރާތްތަކުން ބައިވެރިވެ، ޖަމްއިއްޔާގެ ކާމިޔާބީތަކާ މެދު މަޝްވަރާކޮށް، ކުރިމަގުގެ ރޭވުންތައް އެކުލަވާލާފައިވާ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
އެ ޖަމިއްޔާއިން ވަނީ، އާންމު ޖަލްސާގެ އެންމެ މުހިންމު އެއް މަސައްކަތުގެ ގޮތުގައި، ކުރިއަށް އޮތް ދެ އަހަރުގެ ނިޔަލަށް މާޕްގެ ހިންގާ ކޮމިޓީ އިންތިޚާބު ކޮށްފައިވާކަން ފާހަގަކޮށްފައެވެ. ދެ އަހަރު ދުވަހުގެ ދައުރަކަށް އިންތިޚާބުކުރާ މި ކޮމިޓީގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީކޮށް، އެ ދާއިރާއިން އެންމެ މަތީ ފަންތީގެ ކުރިއެރުންތައް ހޯދައިދިނުން ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
އެ ޖަލްސާގައި މާޕްގެ ރައީސް އަޙްމަދު އިބްރާހީމް ވަނީ، ރާއްޖޭގެ އެކި މުއައްސަސާތަކުގެ ފަންނީ މިންގަނޑުތަކާއި ހުނަރުތައް މަތީ ދަރަޖައަކަށް ގެންދިއުމަށްޓަކައި، އެ ޖަމްޢިއްޔާގެ މަޤްޞަދުތަކާއި ތަޞައްވުރާ އެއްގޮތަށް ޙަރަކާތްތައް ބައްޓަންކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ.
އެމްއޭއެޗްއާރްޕީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން --- ފޮޓޯ: އެމްއޭއެޗްއާރްޕީމީގެ އިތުރުން ކުރިއަށް އޮތް ދެ އަހަރަށް އެ ޖަމްޢިއްޔާއިން ހާސިލުކުރުމަށް ކަނޑައަޅާފައިވާ މުހިންމު ލަނޑުދަނޑިތަކުގެ ޚުލާސާއެއް އޭނާ ވަނީ ހުށަހަޅުއްވާފައެވެ.
އެ ޖަމިއްޔާއިން ބުނި ގޮތުގައި، އައު ހިންގާ ކޮމިޓީ އިންތިޚާބު ކުރުމުގެ ކަންކަން ކުރިއަށްދިޔައީ އިލެކްޝަން ޗެއާ ރީމާ ރަޝީދާއި ޙަސަން އަކްރަމް މުޙައްމަދު އިސްކޮށް ތިއްބެވި، މިނިވަން އިންޓާނަލް އޮޑިޓަރުންގެ ޓީމެއްގެ ބެލުމުގެ ދަށުންނެވެ.
އައު ހިންގާ ކޮމިޓީގެ މެންބަރުން:
- ޢަލީ އާދަމް – ރައީސް
- ޙުސައިން އަފީފް – ވައިސް ޕްރެޒިޑެންޓް (ގްރޯތް)
- ޢާއިޝަތު ނިހާ – ވައިސް ޕްރެޒިޑެންޓް (މެންބަޝިޕް)
- އަޙްމަދު އިބްރާހީމް – ޖެނެރަލް ސެކްރެޓަރީ
- ފާޠިމަތު އުނައިފަތު އަޙްމަދު – ސެކްރެޓަރީ
- އިބްރާހީމް ޝަރީފް – ޚަޒާންދާރު
- އާމިނަތު ޝަޒްނީ – އެގްޒެކެޓިވް ކޮމިޓީ މެންބަރު
- އަޒްހާ ޒަމީރު – އެގްޒެކެޓިވް ކޮމިޓީ މެންބަރު
- ޢާއިޝަތު ޝިފާޒާ – އެގްޒެކެޓިވް ކޮމިޓީ މެންބަރު
- ޢާއިޝަތު ޝަރީފް – އެގްޒެކެޓިވް ކޮމިޓީ މެންބަރު
- ޙުސައިން ޝުޢާޒް – އެގްޒެކެޓިވް ކޮމިޓީ މެންބަރު
އެ ބައްދަލުވުން ނިންމަވާލައްވަމުން ދެއްކެވި ވާހަކަފުޅުގައި، މާޕްގެ ރައީސް ކަމަށް އިންތިޚާބުވި ޢަލީ އާދަމް ވަނީ. ރާއްޖެއަކީ މަސައްކަތުގެ މާހައަލުގެ ފުރިހަމަކަމާއި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގައި ނަމޫނާ ގައުމަކަށް ހެދުމަށް، ބައިވެރިންނާއި ކަމާގުޅުންހުރި އެންމެހައި ފަރާތްތަކުގެ އެއްބާރުލުމަށް އެދިވަޑައިގެންފައެވެ..