އަމާޒަކީ، އާމްދަނީގެ ނިސްބަތުން ދަރަނީގެ އިންޓްރެސްޓަށް ހޭދަކުރާ މިންވަރު 12 އިންސައްތައަށްވުރެ މަތިނުކުރުން: ސަރުކާރު

ފަތުރުވެރިންތަކެއް އެއާޕޯޓުގައި: އަމާޒަކީ، އާމްދަނީގެ ނިސްބަތުން ދަރަނީގެ އިންޓްރެސްޓަށް ހޭދަކުރާ މިންވަރު 12 އިންސައްތައަށްވުރެ މަތިނުކުރުން ކަމަށް ސަރުކާރުން ބުނޭ --- ފޮޓޯ/ އެމްއޭސީއެލް

ބޭރުން ނަގާފައިވާ ލޯނުތަކުގެ އިންޓަރެސްޓް ޚަރަދު، ގައުމަށް ލިބޭ ޖުމްލަ އާމްދަނީގެ ނިސްބަތުން 12 އިންސައްތައިގައި ހިފެހެއްޓުމަށް، އަންނަ އަހަރުގެ ބަޖެޓުގައި ވަނީ އަމާޒު ހިފާފައި ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި، އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ތަފުސީލު ހާމަކުރައްވަމުން ޒަރީރު ވިދާޅުވީ އަންނަ އަހަރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ސީދާ ދަރަނި ހުންނާނެކަމަށް އަންދާޒާކުރެވެނީ 117 އިންސައްތައިގައި ކަމަށެވެ. އަދި 2028 ވަނަ އަހަރު އެ ޢަދަދު 116.3 އިންސައްތައަށް ތިރިވާނެ ކަމަށް ލަފާކުރެވޭއިރު، 2029 ވަނަ އަހަރަށް ދަރަނި 107.9 އިންސައްތައަށް ތިރިކުރުމުގެ އަމާޒު ވެސް މި ބަޖެޓުގައި ވަނީ ކަނޑައަޅާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ، ތަރައްޤީގެ މަޝްރޫޢުތަކަށް ބަލާއިރު، އަންނަ އަހަރުގެ ބަޖެޓުގައި، ޕީއެސްއައިޕީގެ ޚަރަދުގެ ޖުމްލަ ކަނޑައެޅުމުގައި، ޑޮމެސްޓިކް ބަޖެޓުން ފަންޑުކުރާ މިންވަރު 70 އިންސައްތައަށްވުރެ ބޮޑުނުވާނެ މިންވަރެއްގައި ހިފެހެއްޓުމަށް ވަނީ އަމާޒު ހިފާފައި ކަމަށެވެ

"ހަމައެއާއެކު، ބޭރުގެ ފަރާތްތަކުން ނަގާފައިވާ ލޯނުތަކުގެ އިންޓަރެސްޓް ޚަރަދު، ޤައުމަށް ލިބޭ ޖުމްލަ އާމްދަނީގެ ނިސްބަތުން 12 އިންސައްތައިގަ ހިފެހެއްޓުމަށްވެސް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ އަމާޒު ހިފާފައި." އޭނާ ވިދާޅުވިއެވެ.

ޒަރީރު ވަނީ، އެ ހުރިހާ މަސައްކަތެއްގެ މައިގަނޑު މަޤްޞަދަކީ، 2028 ވަނަ އަހަރު ނިމެންވާއިރަށް، ދައުލަތުގެ އޯވަރޯލް ބެލެންސް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން ފަސް އިންސައްތައަށް ދަށްކުރުންކަން ހާމަކުރައްވާފައެވެ. ހަމައެޔާއެކު 2028 ވަނަ އަހަރު ޕީއެސްއައިޕީގެ ޚަރަދުވެސް ޖީޑީޕީގެ ނިސްބަތުން ހަތް އިންސައްތައަށް ދަށްކުރެވޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން މި އަހަރަށް ކަނޑައެޅި ބަޖެޓުގައިވަނީ، ދައުލަތުގެ ދަރަނީގެ އިންޓަރެސްޓް ޚަރަދު ޤައުމަށް ލިބޭ ޖުމްލަ އާމްދަނީ އަދި ހިލޭ އެހީގެ ނިސްބަތުން ހުންނާނެ ކަމަށް ލަފާކުރެވެނީ ގާތްގަނޑަކަށް 13 ޕަސެންޓާއި 14 ޕަސެންޓާ ދެމެދުގައި ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި އަހަރެކޭ އެއްގޮތަށް އަންނަ އަހަރަށް ވެސް ހުށަހަޅައިފައިވަނީ އާމްދަނީއަށް ވުރެ ޚަރަދު ބޮޑު ބަޖެޓެކެވެ. އެގޮތުން އަންނަ އަހަރަށް ކަނޑައަޅައިފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށްވާއިރު، އެ މިނިސްޓްރީން ލަފާކުރާ އާމްދަނީއަކީ 43 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ޚަރަދުތައް ހުރީ، އާމްދަނީއަށްވުރެ ނުވަ ބިލިއަން އިތުރު އަދަަދެކެވެ.

މި އަހަރަށް ދައުލަތުން ފާސްކުރީ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެއް ކަމަށްވާއިރު، އޭގެ މައިގަނޑު ސަބަބަކަށްވީ، އެކި ސަރުކާރުތަކުން ވާރުތަވަމުން އައި 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހިފައި އޮތުމެވެ. އެގޮތުން މި އަހަރު ދަރަނި ދައްކަން އެކަނިވެސް 12.9 ބިލިއަން ރުފިޔާ ކަނޑައަޅައިފައި އޮތެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭއާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ރާއްޖޭގެ ދަރަނި މިހާރު 155 ބިލިއަން ރުފިޔާ ނުވަތަ ޖީޑީޕީގެ ނިސްބަތުން ބަލާއިރު ގާތްގަނޑަކަށް 122 ޕަސެންޓަށް އަރައެވެ.

comment ކޮމެންޓް