ސްލަޝް 2026ގެ ކުރިން، ސިނެޓެކްސްއިން ޑީޕް-ޓެކް އޭއައި އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވެބްސައިޓް އަލުން ފަރުމާކޮށްފި

ފިންލެންޑުގެ ހެލްސިންކީގައި ބާއްވާ ސްލަޝް 2026ގެ ކުރިން، ސިނެޓެކްސް އިންކްއިން އެ ކުންފުނީގެ ކޯޕަރޭޓް ވެބްސައިޓް އަލުން ފަރުމާކޮށްފިއެވެ.

މިއީ ޑިޖިޓަލް ވަސީލަތްތައް މަދު ބަސްތަކަށާއި ސައިބާ ސެކިއުރިޓީއަށް ޚާއްޞަކޮށްގެން މޮޑެލްތައް އުފައްދާ ޑީޕް-ޓެކް އޭއައި އިންފްރާސްޓްރަކްޗާ ކުންފުންޏެއްގެ ގޮތުގައި އެ ކުންފުނި އަލުން ތަމްސީލުކުރުމަށްޓަކައި ގެނައި ބަދަލެކެވެ.

ދުނިޔޭގައި 7،000އަށް ވުރެ ގިނަ ބަހުން ވާހަކަދައްކާއިރު، އިތުބާރު ހުރި އޭއައި ވަސީލަތްތައް އުފެއްދުމަށް ބޭނުންވާ ވަރަށް އޮންލައިން ޑޭޓާ ހުރީ އޭގެ ތެރެއިން ވަރަށް މަދު ބަހެއްގައެވެ. ސިނެޓެކްސްގެ އަންދާޒާއިން ދައްކާ ގޮތުގައި، އޭއައި ތަމްރީނުކުރުމުގެ ޑޭޓާ މަދު ބަސްތަކުން ވާހަކަދައްކާ މީހުންގެ އަދަދު 3.4 ބިލިއަނަށް އަރައެވެ.

ދިވެހިބަހުން ފެށިގެން، އެ ކުންފުނިން ވަނީ އަޑު ދެނެގަތުމާއި (speech recognition)، ލިޔުން އަޑަށް ބަދަލުކުރުމާއި (text-to-speech)، ތަރުޖަމާކުރުމާއި ސްކޭންކޮށްފައިވާ ލިޔުންތައް ކިޔައިދޭ މޮޑެލްތައް ތަރައްގީކޮށްފައެވެ. ދިވެހިބަހުގައި ބޭނުންކުރެވޭ ފަދަ ޓްރެއިނިން ޑޭޓާ މަދުވުމުގެ ސަބަބުން، ސިނެޓެކްސްއިން ވަނީ ޑޭޓާ ސާފުކުރުމަށާއި އޭގެ ޓްރެއިނިން ޕައިޕްލައިން އޮޓޮމޭޓް ކުރުމަށް އަމިއްލަ ޓޫލްތަކެއް އުފައްދާފައެވެ. އެ ކުންފުނިން ރާވާފައިވަނީ މި ޓޫލްތައް ބޭނުންކޮށްގެން އިތުރު ބަސްތައް ހިމަނައި، ދުނިޔޭގެ ފެންވަރުގައި ކުރިއަށްވުރެ ހަލުވިކަމާއެކު ޚިދުމަތް ފުޅާކުރުމަށެވެ.

"އަޅުގަނޑުމެންނަށް ދިމާވި އެންމެ ބޮޑު އެއް ހުރަހަކީ، އަޅުގަނޑުމެން އުފައްދާފައިވާ އެއްޗެއް ބެލުމުގެ ކުރިން، އަޅުގަނޑުމެން ނިސްބަތްވާ ގައުމަށް ބަލައި މީހުން ގޮތް ނިންމުން،" ސިނެޓެކްސްގެ ކޯ-ފައުންޑަރު އަދި ސީއީއޯ އިސްމާޢީލް ކަލީމް ވިދާޅުވިއެވެ.

"ދިވެހިރާއްޖެއަކީ ކުޑަ ގައުމެއް، އަދި ދިވެހިބަހަކީ ޑިޖިޓަލް ފިޔަވަޅުތައް މަދު، ލިބެންހުރި ޑޭޓާ ނިސްބަތުން ވަރަށް މަދު، ވަސީލަތްތައް އިންތިހާއަށް މަދު ބަހެއް. މިއަށް އޭއައި ބިނާކުރުމަކީ ވަރަށް އުނދަގޫވި ކަމެއް. އަދި އެހެން ބަސްތަކަށް މޮޑެލްތައް ތަރައްގީކޮށް ފުޅާކުރުމަށް އަޅުގަނޑުމެންނަށް ބޭނުންވަނީ ހަމަ މި ތަޖުރިބާ. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ދިވެހިވަންތަކަން ހިފަހައްޓަމުން، މިފަދަ ދަތިތަކާ ކުރިމަތިލާ އެހެން މުޖުތަމަޢުތަކަށް ވެސް ތާނަ އޭއައި ފޯރުކޮށްދިނުމަށް."

ސިނެޓެކްސްގެ ދިވެހި އަދި އިނގިރޭސި އޭއައި އެސިސްޓެންޓް، ތާނަ އޭއައި ރާއްޖޭގައި އަމިއްލަ ފަރުދުންނަށް ޚިދުމަތް ހޯދޭނެހެން ހުޅުވާލީ އޮގަސްޓް 2026 ގައެވެ. މި ޚިދުމަތް އާންމުންނަށް ލިބެނީ ކޯޕަރޭޓް އަގަށް ވުރެ 95 އިންސައްތައަށް ވުރެ ކުޑަ އަގެއްގައެވެ. މިއީ ދިވެހި އޭއައި އާންމު ބޭނުންތެރިންނަށް ފަސޭހައިން އަތްފޯރާ އަގެއްގައި ފޯރުކޮށްދިނުމަށެވެ. އަދި ސްމާޓްފޯނުތަކަށް މި އެސިސްޓެންޓް ގެނެސްދިނުމަށްޓަކައި މޯބައިލް އެޕެއް ލޯންޗުކުރުމުގެ ތައްޔާރީތައް ސިނެޓެކްސް އިން ދަނީ ވަމުންނެވެ. މި ޓެކްނޮލޮޖީ ތަރައްގީކޮށް، އިންޓެލެކްޗުއަލް ޕްރޮޕަޓީ (މިލްކުވެރިކަމުގެ ޙައްގު) ހިފަހައްޓަނީ ސިނެޓެކްސް އިންކް އެވެ. ރާއްޖޭގައި ތާނަ.އޭއައި ފޯރުކޮށްދޭ ލޯކަލް ޑިސްޓްރިބިއުޓަރަކީ ތާނަ އޭއައި ޕްރައިވެޓް ލިމިޓެޑެވެ.

ތާނަ އޭއައި މެދުވެރިކޮށް ދިވެހި ބަހުން ވާހަކަދައްކާ މީހުންނަށް ޖެނެރޭޓިވް އޭއައި ތަޢާރަފުކުރުމަށްފަހު، ސިނެޓެކްސް ދެން މިސްރާބު ޖަހާފައިވަނީ އެޖެންޓިކް އޭއައި (agentic AI) އަށެވެ. މި މަހުގެ ފަހުކޮޅު، އެ ކުންފުނިން ރާއްޖެއާއި ދުނިޔޭގެ ބާޒާރަށް އަކީމާ އޭއައި (Akema.ai) ނެރޭނެއެވެ. އަކީމާ އޭއައި އަކީ ކުންފުންޏެއްގެ އަމިއްލަ ލިޔެކިޔުންތަކުން ދަސްކޮށް، ވެބްސައިޓް ޗެޓާއި ފޯނު މެދުވެރިކޮށް 50 އަށް ވުރެ ގިނަ ބަހުން ކަސްޓަމަރުންނަށް ޖަވާބުދޭ އޭއައި ކަސްޓަމަރ ސަޕޯޓް އޭޖެންޓެކެވެ. އަދި އިންސާނެއްގެ ވިސްނުން ބޭނުންވާ ސުވާލެއް ކުރިމަތިވެއްޖެނަމަ، އެކަން ސްޓާފުންނާ ހަވާލުކުރެއެވެ. އަކީމާ ބާޒާރަށް ނެރުމަށްޓަކައި ސިނެޓެކްސް އިން މިހާރު ދަނީ ޗެނަލް ޕާޓްނަރ ނެޓްވޯކެއް ބިނާކުރަމުންނެވެ.

ސިނެޓެކްސްގެ މުއައްސިސުންގެ ގޮތުގައި ހިމެނޭ ތިން ދިވެހިން ކަމަށްވާ އިސްމާޢީލް ކަލީމް، މުޙައްމަދު ދާރިސް އިލްޔާސް އަދި މުޙައްމަދު ޖިނާސް --

ސައިބަރ ސެކިއުރިޓީގެ ދާއިރާއިން، ސިނެޓެކްސް އިން ދަނީ ޕްރޮމްޕްޓް އިންޖެކްޝަން (އޭއައި ސިސްޓަމެއްގެ އިރުޝާދުތައް ބަދަލުކޮށްލަން ކުރާ މަސައްކަތްތައް) ފަދަ ނުރައްކާތައް ނުވަތަ އޭއައި ރިކުއެސްޓްތަކުގައި ހިމެނޭ ނާޒުކު މަޢުލޫމާތުތައް ދެނެގަތުމަށް ޚާއްޞަ މޮޑެލްތައް އުފައްދަމުންނެވެ. މި މޮޑެލްތަކަކީ ގަވަރނަންސް، ރިސްކް މެނޭޖްމަންޓް އަދި ކޮމްޕްލަޔަންސްއަށް ޚާއްޞަކޮށް ސިނެޓެކްސް އިން ތައްޔާރުކޮށްފައިވާ އެންޓަރޕްރައިޒް އޭއައި ކޮންޓްރޯލް ޕްލޭން، "ވޯރޑެން" (Warden) ހިންގުމަށް އެހީތެރިވެދޭ މޮޑެލްތަކެކެވެ. ވޯރޑެން ފަރުމާކޮށްފައިވަނީ ހުއްދަދެވިފައިވާ ދާއިރާއިން ބޭރުން ބޭނުންކުރާ އޭއައި ޓޫލްތައް ދެނެގަތުމަށާއި، އޭއައި މެދުވެރިކޮށް އަޅަން ނިންމާ ފިޔަވަޅުތައް އެޅުމުގެ ކުރިން އެކަންކަން މުއައްސަސާގެ ސިޔާސަތުތަކާ އެއްގޮތްވޭތޯ ބެލުމަށާއި، އަދި އޮޑިޓްކުރުމަށާއި އިންސާނުން އަލުން ބެލުމަށްޓަކައި އެ ނިންމުންތައް ރެކޯޑުކޮށް ބެލެހެއްޓުމަށެވެ. މީގެއިތުރުން، ނާޒުކު ޒާތީ މަޢުލޫމާތުތައް ރައްކާތެރިކުރުމަށާއި، ހެކިތައް އޭއައި ގަވަރނަންސް އޮނިގަނޑުތަކާ ގުޅުވައިދިނުމަށާއި، އަދި އޭއައި ބޭނުންކުރާ މިންވަރާއި އެކަމަށް ކުރެވޭ ހޭދަ މެނޭޖުކުރުމަށްވެސް މުއައްސަސާތަކަށް މިއިން އެހީތެރިވެދެއެވެ.

ދަޢުވާކުރުމުގެ މަރުޙަލާތަކުގައި އޭއައި ބޭނުންކުރެވޭ ގޮތް ބެލެހެއްޓުމަށްޓަކައި، ޕީޖީއޯ 2.0 ގެ ދަށުން ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި މިހާރު ދަނީ ވޯރޑެން ގާއިމުކުރެވެމުންނެވެ. މި މަސައްކަތުގެ ކޮންޓްރެކްޓް ހަވާލުކުރެވިފައިވަނީ ރާއްޖޭގައި ސިނެޓެކްސްގެ ޑިސްޓްރިބިއުޓަރ ކަމަށްވާ ތާނަ އޭއައި ޕްރައިވެޓް ލިމިޓެޑާއެވެ. ރަސްމީކޮށް މި ޓޫލް ލޯންޗުކުރުމަށް އެޕްރީލް 2027 އަށް ތާވަލުކުރެވިފައިވާއިރު، އޭގެ ކުރިން އާލީ އެކްސެސް މެދުވެރިކޮށް ވާޑަން މިހާރު ލިބެން އެބަހުއްޓެވެ.

ސިނެޓެކްސް ދުނިޔޭގެ ފެންވަރުގައި ފުޅާކުރުމަށް ތައްޔާރުވަމުންދާއިރު، އިންވެސްޓަރުންނާއި ޕާޓްނަރުންނާ ބައްދަލުކުރުމަށްޓަކައި، އެ ކުންފުނީގެ މުއައްސިސުންގެ ގޮތުގައި ހިމެނޭ ތިން ދިވެހިން ކަމަށްވާ އިސްމާޢީލް ކަލީމް، މުޙައްމަދު ދާރިސް އިލްޔާސް އަދި މުޙައްމަދު ޖިނާސް، 18 އިން 19 ނޮވެމްބަރަށް ފިންލޭންޑްގެ ހެލްސިންކީގައި އޮންނަ ސްލަޝް 2026 ގައި ބައިވެރިވާނެއެވެ. ވެންޗަރ ކެޕިޓަލްގެ ދާއިރާއިން ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު އެއްވުން ކަމަށް އިންތިޒާމުކުރާ ފަރާތްތަކުން ސިފަކުރާ ސްލަޝް އަކީ، ދުނިޔޭގެ ކުރިއަރާފައިވާ ވެންޗަރ ކެޕިޓަލް ފާމްތައް ހިމެނޭހެން، އެތައް ހާސް ފައުންޑަރުންނާއި އިންވެސްޓަރުން އެއްތަނަކަށް ޖަމާކޮށްދޭ އިވެންޓެކެވެ. ސްލަޝްގައި ބައިވެރިވާ އިންވެސްޓަރުންނާއި ޕާޓްނަރުންނަށް [email protected] އަށް އީމެއިލް ކުރައްވައިގެން ފައުންޑަރުންނާ ބައްދަލުވުން ހަމަޖެއްސެވޭނެއެވެ.

ސިނެޓެކްސް، އިންކޯޕަރޭޓެޑް އަކީ ތިން ދިވެހި ވިޔަފާރިވެރިން އިސްނަގައިގެން ޑެލަވެއަރގައި ރަޖިސްޓްރީކޮށްފައިވާ، ޑީޕް-ޓެކް އޭއައި އިންފްރާސްޓްރަކްޗަރ ކުންފުންޏެކެވެ. މި ކުންފުނިން ދަނީ އާންމުކޮށް ސަމާލުކަން ނުލިބޭ ބަސްބަހަށާއި ސައިބަރ ސެކިއުރިޓީއަށް ޚާއްޞަކޮށްގެން މޮޑެލްތައް ތަރައްގީކުރަމުންނެވެ. އެޕްރީލް 2026 ގައި، ސިލިކަން ވެލީގައި ބޭއްވުނު ސްޓާޓްއަޕް ގްރައިންޑް ކޮންފަރެންސްގައި މި ކުންފުނިން ވަނީ ބައިވެރިވެ އެގްޒިބިޓްކޮށްފައެވެ.

comment ކޮމެންޓް