ހުޅުމާލެ ރުއްގަނޑު އެކެއް ކައިރީގައި ހުންނަ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފަރުވާއަށް ގެންދިޔަ ހަތަރު މީހުންގެ ތެރެއިން ދެ މީހުން ދޫކޮށްލައިފިއެެވެ.
ހުޅުމާލެ ރުއްގަނޑު އެކެއް ކައިރީގައި ހުންނަ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ މިއަދުގެ ހެނދުނު 10:00 ހާއިރުއެވެ.
އެ ހާދިސާގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އޭގެ ތެރެއިން ހަތަރު މީހަކަށް ފަރުވާ ދިނުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ހަތަރު މީހުންނަކީ ކެފޭގައި މަސައްކަތްކުރާ ބިދޭސީންކަން ފުލުހުން ފާހަގަކުރިއެވެ.
'ސަން' އަށް މައުލޫމާތުދެމުން ހުޅުމާލޭ ހޮސްޕިޓަލުން ބުނީ، އަލިފާނުގެ ހާދިސާއާ ގުޅިގެން ހަތަރު މީހަކަށް އަނިޔާވެގެން އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެެ. އަދި އެ ހަތަރު މީހުންގެ ތެރެއިން ދެ މީހަކަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށާއި ބާކީ ތިބި ދެ މީހުންނަށް އެ ހޮސްޕިޓަލުގެ ވޯޑުގައި ފަރުވާ ދެމުންދާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދިނެވެ.
ނަމަވެސް އެ މީހުންނަށް ލިބިފައި ވަނީ ކޮންކަހަލަ އަދި ކިހައިވަރެއްގެ އަނިޔާއެއް ކަމެއް ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.
އެ ހާދިސާގައި ކެފޭގައި ތިބި އެއްވެސް ކަސްޓަމަރަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި، ކެފޭގެ އިމާރާތަށާއި ބަދިގޭގައި ހުރި އެއްވެސް މުދަލަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް ބާރު އަޑެއް އިވުމާއެކު ކަސްޓަމަރުން ބޭރަށް ނުކުންނަން އުޅުމުގެ ތެރޭގައި ކެފޭގެ ބައެއް ތަށިތައް ވެއްޓި ތަޅައިގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ގޭސް ލީކުވުމާއި، ގޭސްފުޅި ގޮވުމުގެ ނުރައްކާތެރި ހާދިސާތައް ފަހުގެ ތާރީޚުތަކުގައި ހިނގައިފައިވެއެވެ.