ވަކި ދީނަކާ ދެކޮޅަށް އަމަލުކުރުން ކުށަކަށް ހެދުން: "އިސްލާހު ގެންނަނީ، ބައިނަލްއަގުވާމީ މުއާހަދާއަކުން ލާޒިމުކުރާތީ"

ބަންޑާރަ ނައިބު އަހުމަދު އުޝާމް--- ފޮޓޯ/ ރައީސް އޮފީސް

ވަކި ދީނެއްގެ ބަޔަކާ ދެކޮޅަށާއި އިގުތިޞާދަށް ގެއްލުންހުރި އަމަލުތައް ކުރުން ކުށަކަށް ހެދޭ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ބިލެއް ހުށަހެޅީ، ރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާއަކުން ލާޒިމްކުރާ އިސްލާހެއް ގެނައުމަށް ކަމަށް ބަންޑާރަ ނައިބު އަޙުމަދު އުޝާމް މިރޭ ވިދާޅުވެއްޖެއެވެ.

ގަތުލުއާންމު ހިންގުމާއި، ވަކި ދީނެއްގެ ބަޔަކާ ދެކޮޅަށް އަމަލުތައް ހިންގުމާއި، ދައުލަތަށް ޚިޔާނާތްތެރިވުމާއި އިގުތިސާދަށް ގެއްލުންހުރި އަމަލުތައް ކުރުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބިލެއް ވަނީ ހުށަހަޅައިފައެވެ.

https://sun.mv/229653

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.

އެ ބިލު ހުށަހަޅައިފައިވަނީ، ރަސްމާލޭގައި ބިޔަ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސްއިން ހަވާލުވެފައިވާ ދަނޑިވަޅެއްގައެވެ. އެ މަޝްރޫއާ ދެކޮޅަށް ބައެއް އާންމު ރައްޔިތުންނާއި ސިޔާސީ އިސްވެރިން ޚިޔާލު ފާޅުކޮށް، އެ މަޝްރޫއާއެކު އިޒްރޭލުގެ މީހުންނަށް ރާއްޖޭގައި ދިރިއުޅެވޭނެ ކަމަށް ބުނެ ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ، ރަސްމާލެ މަޝްރޫއުގެ ދަށުން އިސްރާއީލުގެ ރައްޔިތުންނަށާއި އެ ގައުމާ ގުޅުންހުރި ކުންފުނިތަކަށް ޕްރޮޕަޓީ ނުގަނެވޭނެ ގޮތް ހަދާނެ ކަމަށް މީގެ ކުރިން ބުނެފައެވެ.

މިއަދު ހުށަހަޅައިފައިވާ ބިލާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ، އެއީ ރަސްމާލެ މަޝްރޫއާ ގުޅުންހުރި ފާޑުކިޔުންތައް ހުއްޓުވުމަށް ގެންނަ އިސްލާހުތަކެއް ކަމަށް ތުހުމަތުކޮށްފައެވެ.

އެ ބިލާ ގުޅޭ ގޮތުން އުޝާމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ (ޖެނޮސައިޑް ކޮންވެންޝަން) ގައި ދިވެހިރާއްޖެއިން އެޕްރީލް 24، 1984 ބައިވެރިވެފައިވާ ކަމަށެވެ. އަދި އެ މުއާހަދާގެ ފަސް ވަނަ މާއްދާގެ ދަށުން، އެ މުއާހަދާއަށް އަމަލުކުރުމަށްޓަކައި ބައިވެރިވެފައިވާ ގައުމުތަކުން ހަދަންޖެހޭ ގާނޫނުތައް ހެދުމާއި، ޖެނޮސައިޑާ ގުޅޭ ކުށްތަކަށް އަދަބު ކަނޑައެޅުން ލާޒިމުކޮށްފައި އޮތް ނަމަވެސް، ވޭތުވެދިޔަ 42 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއިން އެ ޒިންމާ އަދާކޮށްފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު --- ފޮޓޯ/ މަޖިލިސް

މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމުގެ ކުށްތައް ހިންގާފައިވާ އަދި ހިންގަމުންދާ ގައުމުތަކާ ދެކޮޅަށް އައިސީޖޭގައި ހިނގަމުންދާ މައްސަލަތައް ކަމަށްވާ، "ދަ ގެމްބިއާ ވ. މިޔަންމާ" އަދި "ސައުތު އެފްރިކާ ވ. އިސްރާއީލު" މައްސަލައަށް ދިވެހި ސަރުކާރުން ތަދައްޚުލުވެ، ހަރުކަށި ފިޔަވަޅު އެޅުމަށް ވަކާލާތު ކުރަމުންދާކަން ބަންޑާރަ ނައިބު ފާހަގަކުރެއްވިއެވެ.

ނަމަވެސް، އެހެން ގައުމުތަކުން ޖެނޮސައިޑް ކޮންވެންޝަނަށް ކަމޭހިތުމަށް ރާއްޖެއިން ގޮވާލާއިރު، އެ މުއާހަދާގެ ދަށުން ރާއްޖެއިން ކުރުން ލާޒިމު ކަންކަން ކޮށްފައި ނެތުމަކީ ރާއްޖޭގެ ގާނޫނީ ނުކުތާތަކަށް އަސަރުކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ގާނޫނުލްޢުގޫބާތަށް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިޞްލާޙަކީ، ޖެނޮސައިޑް ކޮންވެންޝަންއާ އެއްގޮތްވާ ގޮތުގެމަތިން ގަތުލުޢާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެ ކުށުގެ އަދަބު ބަޔާންކުރުމަށްޓަކައި ހުށަހަޅާފައިވާ އިޞްލާޙެއް. މިއީ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ދިވެހިރާއްޖެއިން ކުރުން ލާޒިމްކޮށްފައިވާ ކަމެއް." އުޝާމް ލިޔުއްވާފައިވެއެވެ.

މިއަދު ކުރިއަށް ދިޔަ މަޖިލީހުހެ ތަޅުމަށް ސަރުކާރުން ހުށަހެޅި މި ބިލުގައި ވަކި ގައުމަކަށް، ނަސްލަކަށް، ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތަކާ ދެކޮޅަށް ވަކި އަމަލުތަކެއް ހިންގުމަކީ ކުށެއް ކަމުގައި ވަނީ ކަނޑައަޅައިފައެވެ.

އޭގެ ތެރޭގައި އެފަދަ ޖަމާއަތެއްގެ ބަޔަކު މެރުން، ބޮޑެތި ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާ ދިނުން، ޖަމާއަތް އެކުގައި ނުވަތަ އޭގެ ބޮޑު ބައެއް ހަލާކުވެދާނެ ފަދަ ދިރިއުޅުމުގެ ހާލަތްތައް ގަސްދުގައި ކުރިމަތިކުރުވުން އަދި ކުޑަކުދިން މަޖުބޫރުން އެހެން ޖަމާއަތަކަށް ބަދަލުކުރުން ހިމެނެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް -- ފޮޓޯ; ރައީސް އޮފީސް

މިފަދަ އަމަލުތައް ހިންގުމާއި، އެ ކަންކަމަށް ސީދާ އަދި ފާޅުގައި ގޮވާލުމަކީ ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ބިލުގައި ވަނީ ކަނޑައަޅައިފައެވެ. މި ކުށުގެ އަސާސީ އަދަބަކީ 10 އަހަރުގެ ޖަލު ހުކުމެއް ކަމަށްވާއިރު، އެންމެ ބޮޑު އަދަބެއްގެ ގޮތުން 25 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅިދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ، ވަޒީރުން، މަޖިލިސް މެންބަރުން، ފަނޑިޔާރުން އަދި ސަލާމަތީ ޚިދުމަތްތަކުގެ އަމުރުވެރި މަގާމުތަކުގައި ތިބޭ ފަރާތްތަކުން މި ކުށް ކޮށްފިނަމަ އެއީ ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށާއި، އެ ނޫން ހާލަތްތަކުގައި އެއީ ޖިނާއަތުގެ ދެވަނަ ދަރަޖައިގެ ކުށެއް ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި ވެރިއެއްގެ އަމުރަށް ތަބާވުމަކީ ނުވަތަ ގާނޫނުން ހުއްދަކޮށްފައިވާ ކަމެއް ކަމަށް ބުނުމަކީ ދިފާއެއް ނޫން ކަމަށް ވެސް ބިލުގައިވެއެވެ.

މީގެއިތުރުން ދައުލަތަށް ޚިޔާނާތްތެރިވުމާއި، ގަސްދުގައި ރާއްޖެއާ ދެކޮޅަށް ހަނގުރާމަކުރުމާއި، ދުޝްމަނުންނަށް އެހީތެރިވުމުގެ އިތުރުން އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބިދާނެ ފަދަ އަމަލުތައް ކުރުމަކީ ވެސް ޖިނާއީ ކުށަކަށް ހެދުމަށް މި ބިލުގައި ވަނީ ހިމަނައިފައެވެ. އަދި އިސްލާމްދީނާ އިދިކޮޅު އަމަލުތަކަށް ކަނޑައަޅާފައިވާ އަދަބު ބޮޑުކުރުމަށް ވެސް ބިލުގައި ވަނީ ހުށަހަޅައިފައެވެ.

comment ކޮމެންޓް