ވަކި ދީނެއްގެ ބަޔަކާ ދެކޮޅަށާއި އިގުތިޞާދަށް ގެއްލުންހުރި އަމަލު ކުރުން ކުށަކަށް ހަދަނީ

ވިހިވަނަ މަޖިލީހުގެ ޕީއެންސީ މެންބަރުން: ވަކި ދީނެއްގެ ބަޔަކާ ދެކޮޅަށާއި އިގުތިޞާދަށް ގެއްލުންހުރި އަމަލު ކުރުން ކުށަކަށް ހަދަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް

ވަކި ދީނެއްގެ ބަޔަކާ ދެކޮޅަށާއި އިގުތިޞާދަށް ގެއްލުންހުރި އަމަލުތައް ކުރުން ކުށަކަށް ހެދޭ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ބިލެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ، މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ)އެވެ.

އެ ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ބުނެފައި ވަނީ، ރާއްޖޭން ބައިވެރިވެފައިވާ ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ އެއްގޮތްވާ ގޮތުގެ މަތިން ގަތުލު އާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅުމެވެ.

މީގެ އިތުރުން، އެ ކުށުގެ އަދަބު ބަޔާންކުރުމަށް ގާނޫނުލްއުގޫބާތަށް ގެންނަން ޖެހޭ އިސްލާހުތަކާއި ދައުލަތަށް ޚިޔާނާތްތެރިވުމާއި އިގުތިޞާދީ ރައްކާތެރިކަމަށް ގެއްލުންހުރި އަމަލުތައް ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަކީ ވެސް މަގުސަދެއް ކަމަށް ބުނެފައިވެއެވެ. އަދި، އިސްލާމްދީނާ އިދިކޮޅު އަމަލުތަކުގެ ކުށަށް ކަނޑައަޅާފައިވާ އަދަބު ބޮޑުކުރުމަށްޓަކައި އެ ގާނޫނަށް އިސްލާހުތައް ގެންނަން ޖެހޭ ކަމަށް އެ ބިލުގައި ބުނެފައިވެއެވެ.

މި ބިލު ހުށަހެޅުއްވި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ބިލުގައި ވަނީ، ގާނޫނުގެ 140 ވަނަ ބާބުގެ ފަހަތަށް ގަތުލުއާންމުގެ ނަމުގައި މާއްދާއެއް ހިމެނުމަށް ހުށަހަޅާފައެވެ. މިގޮތުން، ވަކި ގައުމަކަށް ނުވަތަ ނަސްލަކަށް ނުވަތަ ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތަކާ ދެކޮޅަށް ފަސް ކަމެއް ކުރުމަކީ ކުށެއް ކަމުގައި ކަނޑައަޅަން ވަނީ ހިމަނާފައެވެ. އޭގެތެރޭގައި ހިމެނެނީ:

  • އެ ފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކު މެރުން
  • އެ ފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކަށް ބޮޑެތި ޖިސްމާނީ ނުވަތަ ނަފުސާނީ އަނިޔާ ދިނުން
  • އެ ފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކަށް، އެ ބަޔަކު އެކުގައި ނުވަތަ އޭގެތެރެއިން ބޮޑު ބައެއް ޖިސްމާނީ ގޮތުން ހަލާކުވެދާ ފަދަ ދިރިއުޅުމުގެ ހާލަތްތައް އެނގިހުރެ އަދި ގަސްދުގައި ކުރިމަތިކުރުވުން
  • އެ ފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކަށް ދަރިން އުފަންވިޔަ ނުދިނުމަށްޓަކައި ފިޔަވަޅުތަކެއް އެޅުން
  • އެ ފަދަ ޖަމާއަތަކަށް ނިސްބަތްވާ ކުޑަކުދިން މަޖުބޫރުން އެހެން ޖަމާއަތަކަށް ބަދަލުކުރުން

އެ އަމަލު ހިންގާފައި ވަނީ އެ ޖަމާއަތެއްގެ ބަޔަކު އެކުގައި ނުވަތަ އޭގެތެރެއިން ބޮޑު ބައެއް ނެތިކޮށްލުމުގެ ނިޔަތުގައި ކަމަށް ވާން ޖެހޭ ކަމަށް ވެސް ބިލުގައި ވަނީ ބުނެފައެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ: މަޖިލިސް

އެއާއެކު، ދައުލަތުގެ އިގުތިޞާދަށް ބޮޑު ގެއްލުމެއް ލިބިދާނެކަން އެނގިހުރެ ނުވަތަ ފަރުވާލެއް ނެތި ކުރާ ހަތަރު ކަމެއް ކުރުމަކީ ކުށެއް ކަމުގައި ހަދަން ވެސް ވަނީ ބިލުގައިވެއެވެ. އޭގެ ތެރޭގައި، މުހިންމު އުމްރާނީ ވަސީލަތަކަށް ނުވަތަ އެ ފަދަ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓަރު ސިސްޓަމަށް ގެއްލުންދިނުމަކީ ކުށެއް ކަމުގައި ކަނޑައަޅަން ހިމަނާފައިވެއެވެ.

އެ ކަންކަމަށް އަމަލުކުރަން ފަށާނީ، ގާނޫނު ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރައްވައި، ގެޒެޓުގައި ޝާއިއުކުރެއްވުމުންނެވެ.

މި ފަދަ ބިލެއް ސަރުކާރުން ހުށަހަޅާފައިވަނީ، ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މަރީނާ" މަޝްރޫއު ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސްއާ ދެމެދު ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށެވެ. ވިހި ބިލިއަން ޑޮލަރުގެ މި މަޝްރޫއުގެ ތެރެއިން އިސްރާއީލުގެ މީހުންނަށް އެ ސަރަހައްދުން ޕްރޮޕަޓީ ގަނެވިދާނެ ކަމުގެ ކަންބޮޑުވުން ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކާއި އެކްޓިވިސްޓުން ވަނީ ފާޅުކޮށްފައެވެ. ނަމަވެސް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ވަނީ، ރަސްމާލެ މަޝްރޫއުގެ ދަށުން އިސްރާއީލުގެ ރައްޔިތުންނަށާއި އެ ގައުމާ ގުޅުންހުރި ކުންފުނިތަކަށް ޕްރޮޕަޓީ ނުގަނެވޭނެ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް