ރޭގެ ވަގުތެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރައްޔިތުންގެ މަޖިލީހަށް ގެންދެވި ކަޅު ދަބަހަކީ އާރަށުގައި ކުޅިވަރު ކުޅުއްވަން ހުންނަވާފައި ކުޅެން ބޭނުންކުރެއްވި ސާމާނު އަޅައިގެން ގެނައި ދަބަހެއް ކަމަށް މިނިސްޓަރު މިއަދު ވިދާޅުވެއްޖެއެވެ.
މިކަން ފެންމަތިވީ ނޫސް މީޑިއާއަކުން ރޭ އާއްމުކުރި ވީޑިއޯއެއްގައި މުއްތަލިބު 'ކަޅު ދަބަހެއް' ހިފައިގެންދިޔުމުން ގިނަ ބަޔަކު ފާޑުކިޔަމުން ދަނިކޮށެވެ. އެގޮތުން އެ ދަބަހަކީ ފައިސާ އަޅާފައިވާ ދަބަހެއް ކަމަށް ބުނެ ބައެއް މީހުން ވަނީ ތުހުމަތުތަކެއް ކޮށްފައެވެ.
އެ ތުހުމަތުތައް ކުރެވެމުން ދަނިކޮށް ސޯޝަލް މީޑިއާގައި މިނިސްޓަރު މުއްތަލިބު މިއަދު ހިއްސާކުރެއްވި ބަޔާނެއްގައި ވަނީ މަޖިލީހަށް ވަޑައިގެންނެވި ސަބަބާއި ކަޅު ދަބަހުގެ ހަގީގަތް ސާފުކޮށްދެއްވައިފައެވެ.
އެގޮތުން ރޭ މަޖިލީހުގެ އިދާރާއަށް ބަންޑާރަނައިބު އަހުމަދު އުޝާމާއެކު ވަޑައިގަތީ މެންބަރުންތަކެއްގެ އެދިވަޑައިގަތުމަށް ކަމަށް ވިދާޅުވިއެވެ. އަދި އެއީ މިހާރު މަޖިލީހަށް ހުށަހަޅާފައި އޮތް ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލާ ގުޅޭގޮތުން އެ މެންބަރުން ސާފުކުރަން ބޭނުންވި ބައެއް ކަންކަން ސާފުކޮށްދިނުމަށް ކަމަށް ވެސް މުއްތަލިބު ވިދާޅުވިއެވެ.
ހަމައެއާއެކު އެ ބައްދަލުވުން ހަމަޖައްސާފައި އޮތް ގަޑިއާ، އޭނާ އާރަށުން ފުޓްބޯޅަ ކުޅެގެން އައި ގަޑިއާ ދިމާވާތީ، ލޯންޗުން ފޭބި ގޮތަށް މަޖިލީހުގެ އިދާރާއަށް ދިޔައީ ކަމަށް މުއްތަލިބު ވިދާޅުވިއެވެ. އަދި އެ ދިޔައިރު އޭނާ ދިޔައީ ކުޅޭ ސާމާނު އަޅާފައިވާ ދަބަސް ހިފައިގެން ކަމަށް ވެސް މުއްތަލިބު ވިދާޅުވިއެވެ.
"މަޖިލިސް އިދާރާއަށް ވަނީ އެ ދަބަސް ސެކިއުރިޓީ ޗެކް ކުރުމަށް ޓަކައި ސްކޭނާއިން ސްކޭން ވެސް ކޮށްގެން. ބައްދަލުވުމަށްފަހު މަޖިލިސް އިދާރާއިން އަޅުގަނޑު ނިކުތީ އެ ދަބަސް ކޮނޑުގައި އަޅުވައިގެން،" މުއްތަލިބު ވިދާޅުވިއެވެ.
https://x.com/muththo/status/2122236243723559045
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަކީ ދިވެހި ސިފައިން ސަލާމަތީ ކަންކަން ބަލަހައްޓަވާ އަދި ސީސީޓީވީ ކެމެރާއާއި ދަބަސް ސްކޭނަރު އަދި ބޮޑީ ސްކޭނަރު ވެސް ބަހައްޓާފައިވާ ތަނެކެވެ. އެހެންކަމުން އެ ތަނަށް ދައުލަތުގެ ވަޒީރުންނަށް ވެސް ވަދެވެނީ އައިޑީ ކާޑު ކޮޕީ ފޮނުވައިގެން ކުރިން ހުއްދަ ހޯދައިގެން ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
"އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އޮތް ބައްދަލުވުމަށް ދިޔައީ މި ދެންނެވި ގޮތަށް ސެކިއުރިޓީ ކަންކަން ފުރިހަމަކޮށްގެން،" މުއްތަލިބު ވިދާޅުވިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެސް ޕީއެންސީއަށް ތާއީދުކުރައްވާ ބައެއް މެންބަރުން ވަނީ މުއްތަލިބުގެ ދިފާއުގައި ވާހަކަދައްކަވައިފައެވެ. އެގޮތުން އެ ދަބަހަކީ، ކުޅެން އުޅުނު "ބޫޓު" ލައިގެން ގެންދިޔަ ދަބަހެއް ކަމަށް ވިލިމާލެ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިސްމާއީލް ވަނީ ވިދާޅުވެފައެވެ.