އޭސީސީ ހިންގަން އެއް ރުފިޔާ ޚަރަދުކުރިނަމަ، ބަދަލުގައި 2.9 ރުފިޔާ ހޯދަން އަންގައިފައިވާނެ: ޝާމިލް

އޭސީސީ މިއަދުގެ ބަޖެޓު ކޮމިޓީ ބައްދަލުވުމުގައި --- ފޮޓޯ: މަޖިލިސް

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހިންގަން ދައުލަތުން އެއް ރުފިޔާ ޚަރަދުކޮށްފައިވާނަމަ ބަދަލުގައި ދައުލަތަށް އަނބުރާ 2.9 ރުފިޔާ ހޯދަން ތަހުގީގުތަކުން އަންގައިފައިވާނެ ކަމަށް، އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝާމިލް ވިދާޅުވީ ގިނަ މުހިންމު ތަހުގީގުތައް މިހާރު ވެސް އޭސީސީން ކުރަމުން އަންނަ ކަމަށެވެ.

ޝާމިލް ވިދާޅުވީ މުސާރައިގެ އޮނިގަނޑަށް އައި ބަދަލަށްފަހު ކޭސް އިންވެސްޓިގޭޓަރުންނަށް އެއްވެސް އިނާޔަތެއް ނެތް ކަމަށެވެ. އޭސީސީން ބަލަމުން އަންނަ މައްސަލަތައް ތަހުގީގުކުރުމުގައި ކޭސް އިންވެސްޓިގޭޓަރުން ގިނަ ވަގުތު ހޭދަކުރާކަން ފާހަގަކުރައްވައި ޝާމިލް ވިދާޅުވީ މުސާރައިގެ އޮނިގަނޑަށް އައި ބަދަލުގެ ސަބަބުން ރަނގަޅަށް މަސައްކަތްކުރި ބައެއް މުވައްޒަފުން ވެސް ވަކިވެއްޖެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި 2022ވަނަ އަހަރުން ފެށިގެން 2025ވަނަ އަހަރުގެ ނިޔަލަށް ކޮމިޝަނަށް ދައުލަތުން ޚަރަދުކުރީ 70 މިލިއަން ރުފިޔާއެވެ.

"އެއީ މުސާރައާއި އިނާޔަތްތަކާއި ދަތުރުތަކާ، މި ބާވަތުގެ ހުރިހާ ކަމަށް އަޅުގަނޑުމެން ހިސާބުކުރި އިރު އޮތް ގޮތް، އެކަމަކު އެ މުއްދަތުގެ ތެރޭގައި އަޅުގަނޑުމެން ދައުލަތަށް އަނބުރާ ހޯދަންޖެހޭނެ ކަމަށް އޭސީސީގެ މައްޗަށް ލާޒިމްކުރައްވައިފައިވާ މި އޮތް އަދަދު، މަސްއޫލުކުރައްވައިފައިވާ މަސްއޫލިއްޔަތުގެ ތެރެއިން 206 މިލިއަން ރުފިޔާ ހޯދަން އަޅުގަނޑުމެން ވާނީ އެދިފައި،" ޝާމިލް ވިދާޅުވިއެވެ.

ދައުލަތަށް ހޯދަންޖެހޭ ފައިސާ އަނބުރާ ހޯދަން ކޯޓަށް ދެވޭކަށް ނެތް ކަމާއި އެއީ އޭސީސީގެ މަސްއޫލިއްޔަތުގައި އޮތް ކަމެއްނޫންކަން ޝާމިލް ފާހަގަކުރެއްވިއެވެ. ޝާމިލް ވިދާޅުވިގޮތުގައި ގާނޫނުން އޭސީސީއަށް މަތިކޮށްފައި އޮތީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް ދައުލަތަށް ދައްކަންޖެހޭ ފައިސާގެ އަދަދު ކަނޑައަޅައި އެކަން މައްސަލައާ ގުޅުންހުރި ފަރާތްތަކަށް އެންގުމެވެ.

"އެހެންވީމާ 206 މިލިއަން ރުފިޔާއިން ޚަރަދުކުރި އަދަދުން ބަލާ ކަމަށް ވަންޏާ 2022ވަނަ އަހަރުން 2025ވަނަ އަހަރުގެ ނިޔަލަށް މި ކޮމިޝަން ހިންގުމަށްޓަކައި އާންމުކޮށް ބޭބޭފުޅުންގެ ވިސްނުންފުޅު ހުންނަ ގޮތާ ޚިލާފަށް އަޅުގަނޑުމެންނަށް އެއް ރުފިޔާ ޚަރަދުކުރައްވައިފައި އޮތް ކަމަށް ވަންޏާ އަޅުގަނޑުމެން ވާނީ 2.9 ރުފިޔާ ހޯދަންޖެހޭނެ ކަމަށް ތަހުގީގުތަކުން ކަނޑައަޅައިދީ އަންގައިފައި،" ޝާމިލް ވިދާޅުވިއެވެ.

ޝާމިލް ވިދާޅުވީ ދައުލަތަށް ގެއްލޭ ފައިސާ ރައްކައުތެރިކުރުމަށްޓަކައި ބައެއް ތަހުގީގުތައް ހުއްޓުވައިފައި ވެސް އޮންނާނެ ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް އޭސީސީއަށް ހުށަހަޅައިފައިވަނީ 47.5 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

comment ކޮމެންޓް