މާލެ ކައިރީ އަޅާފައި އޮތް ބޭރުގެ ބޮޑު ދެ ތެޔޮ ބޯޓު ކަނޑުގަދަވެގެން އޮޔާ ގޮސް މާލޭ އިރުމަތީ ފަރަށާއި ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާއާއި އިއްޔެ ށ. ފުނަދޫގެ ޕެޓްރޯލް ޝެޑެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާ ގުލިގެން ކަމާބެހޭ އިދާރާތަކުގެ ވެރިން ހާޒިރުކުރަން ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މިއަދު ނިންމައިފިއެވެ.
މި ހާދިސާތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ކަމާބެހޭ އިދާރާތަކުގެ ވެރިން ހާޒިރުކުރަން ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުލްޣަފޫރު މޫސާއެވެ.
ޣަފޫރު ވިދާޅުވީ، ބްރިޖުގައި ދެ ތެޔޮ އުޅަނދު ޖެހުނު ހާދިސާއާއި އިއްޔެ ށ. ފުނަދޫގެ ޕެޓްރޯލް ޝެޑެއްގައި ރޯވެގެން ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީއާއި ފުލުހުންގެ ކޮމިޝަނަރު އަޙްމަދު މުޙައްމަދު ހިމެނޭހެން އިސް ބޭފުޅުން މި ކަންކަމުގައި ޖަވާބުދާރީވެ ވަޑައިގަތުމަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ.
ޣަފޫރުގެ އެ ހުށަހެޅުއްވުމަށް މާފަންނު އުތުރު ދާއިރާގެ އެމްއެންޕީ މެންބަރު މުޙައްމަދު ނާޒިމާއި މަހިބަދޫ ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު ޠާރިޤް ތާއީދުކުރެއްވިއެވެ.
ހަމައެއާއެކު ޣަފޫރުގެ ހުށަހެޅުމުގެ ދަށުން ނާޒިމް ވަނީ ދެ ތެޔޮ އުޅަނދު ޖެހުނު ހާދިސާއާ ގުޅިގެން ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލް ފާޠިމަތު ދިޔާނާ ހާޒިރުކުރަން ވެސް ހުށަހަޅުއްވައިފައެވެ. ނާޒިމްގެ އެ ހުށަހެޅުއްވުމަށް ވެސް ޠާރިޤް ތާއީދުކުރެއްވިއެވެ.
އެއާއެކު ޢަބްދުލްޣަފޫރުގެ އެ ހުށަހެޅުއްވުން ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
ފާހަގަކުރެވޭ ގޮތުގައި މިދިޔަ ސެޕްޓެންބަރު މަހުގެ 10ވަނަ ދުވަހު ހިނގި ހާދިސާގައި އޮޔާ ދިޔައީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގާނޫނާ ޚިލާފަށް ވަދެގެން ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ "އެމްޓީކޭޖީ 1" އަދި "އޭއެލް 1" ނަމަކަށް ކިޔާ ދެ ތެޔޮ ޓޭންކަރެވެ. އެ ދެ އުޅަނދު ފަހުން ބުރިޖު ދަށުން އޮޔާ ގޮސް، ރާއްޖޭގެ ސަރަހައްދުން ބޭރަށް ގާތްގަނޑަކަށް 30 ނޯޓިކަލް މޭލު ބޭރަށް އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ.
މީގެ އިތުރުން އިއްޔެ ހެނދުނުގެ ވަގުތެއްގައި ފުނަދޫގެ ޕެޓްރޯލް ޝެޑެއްގައި އަލިފާން ރޯވެ ހިނގި ހާދިސާގައި އެ ހާދިސާ ހިނގި ސަރަހައްދުގައި ހުރި ގެއަކަށް ވަރަށް ބޮޑަށް ގެއްލުންވެ އެ ގޭގައި ދިރިއުޅޭ 11 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ވެސް ދީފައިވެއެވެ. އެ ހާދިސާގައި 20 މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިގެން ވަނީ ފަރުވާ ދީފައެވެ.
ހަމައެއާއެކު އަލިފާން ރޯވެ ހިނގި ހާދިސާގެ ތަހުގީގަށް ފުލުހުންގެ ޚާއްސަ ޓީމެއް ވެސް މިއަދު ފުނަދުއަށް ހިނގައްޖެއެވެ.