ގދ. ވާދޫގައި ހުރި ބީއެމްއެލްގެ އޭޓީއެމްއަކަށް ގެއްލުންދީފައިވާ މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދީފައިވާ މައްސަލައެއް މިއަދުގެ ހެނދުނުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ނަމަވެސް ދީފައިވަނީ ކޮން ގެއްލުމެއް ކަމެއް ފުލުުހުން ހާމަކޮށްފައެއް ނުވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، އޭޓީއެމް މެޝިނުގެ ލާރި އަޅާ ދިމާލަށް ގޭތެރެ ފޮޅައި ސާފުކުރުމަށް ބޭނުންކުރާ ފިހިގަނޑެއްގެ ދަނޑި ވަނީ ޖަހައިފައެވެ.
މިއީ ކޮން ބަޔަކު ކޮން ނިޔަތެއްގައި ކޮށްފައިވާ ކަމެއްކަމެއް އަދި އެނގިފައެއް ނުވެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.