މާލެ ކައިރީގައި އަޅާފައި އޮތް ބޮޑު ދެ ތެޔޮ ބޯޓު ކަނޑުގަދަވެގެން އޮޔާ ގޮސް އެއް ބޯޓު ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހި، ފަރަށް އަރައި ތިމާވެއްޓަށް ލިބުނީ ވަރަށް ކުޑަ ގެއްލުމެއް ކަމަށް އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން މިއަދު ބުނެފިއެވެ.
މާލެ ކައިރީ އަޅާފައި އޮއްވައި އޮޔާ ގޮސް، ސިނަމާލެ ބުރިޖަށް ތެޔޮ ބޯޓު އުރުނު ހާދިސާ ހިނގާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ރެއެވެ. އެ ބޯޓުތައް އޮޔާ ދިޔައީ ކަނޑުގަދަވެ، މޫސުން ގޯސްވެގެން ކަމަށްވާއިރު، އެއީ މި ފަހުން މާލެ ކައިރި ހިނގި މިފަދަ އެންމެ ނުރައްކާތެރި އެއް ހާދިސާއެވެ.
މާލޭ ސިޓީ ކައުންސިލުން ވަނީ އެ ދެ އުޅަނދަކީ މިދިޔަ އޭޕްރިލް މަހުގެ 26ގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގާނޫނާ ޚިލާފަށް ވަދެފައިވާ ދެ އުޅަނދު ކަމަށާއި ދެ އުޅަނދު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ މެއި މަހުގެ ތިން ވަނަ ދުވަހު ކަމަށް ބުނެފައެވެ.
އެ ދެ ބޯޓު އޮޔާ ދިޔުމަށް ފަހު، ސިނަމާލެ ބުރިޖު ދަށުން ގޮސް، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ މީގެ ކުރިން ބުނެފައެވެ.
'ސަން'އިން ސުވާލުކުރުމުން އީއާރުއޭގެ ސީއީއޯ ހައްސާން މުހައްމަދު މިއަދު ވިދާޅުވީ، ބޯޓުތައް ފަރަށް އެރި ހާދިސާގައި ލިބުނު ގެއްލުންތައް ބެލުމަށް އެ އޮތޯރިޓީން އިއްޔެ ހެނދުނު ސާވޭއެއް ކުރިއަށް ގެންދިޔަ ކަމަށެވެ.
ސިނަމާލެ ބުރިޖަށް ތެޔޮ ބޯޓުތައް އުރުން: މި ހާދިސާގައި ތިމާވެއްޓަށް ކުރި އަސަރު ވަރަށް ކުޑަ ކަމަށް އީއާރުއޭއިން ވަނީ ބުނެފައި ---މިގޮތުން، ގިނައީ މުރަކަތަކުގެ މަތިން ހުރި ކުދި ނިޝާންތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ބައެއް ދިމަދިމާލުން ފަރުގައި ބޯޓު ޖެހިފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށާއި އެ ސަރަހައްދުގައި ހުރި މުރަކަތައް ވެސް މަދު ކަމަށް ހައްސާން ވަނީ ވިދާޅުވެފައެވެ. އަދި، ގެއްލުން ލިބުނު މުރަކަތައް މަދުކަން ފާހަގަކުރައްވައި، ހައްސާން ވިދާޅުވީ، އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުގެ ދިގުމިނުގައި 8.4 މީޓަރާއި ފުޅާމިނުގައި 6.7 މީޓަރު ހުރި ކަމަށެވެ.
އެކަމަކު، ޖުމުލަކޮށް އެ ހާދިސާގައި ފަރަށް ލިބުނު ގެއްލުން ވަރަށް ކުޑަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެ ހާދިސާއާ ގުޅިގެން ބްރިޖަށް ލިބިދާނެ ގެއްލުމަކާ މެދު ގިނަ ބައެއްގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައި ވަނިކޮށް، ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވަނީ ބޯޓުތައް އުރުމާ ގުޅިގެން ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީން ބުރިޖަށް ގެއްލުމެއް ލިބުނުތޯ ބެލުމަށް އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދިޔަ ކަމަށް ވިދާޅުވެފައެވެ. އަދި ބުރިޖުގެ ސްޓްރަކްޗާއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި ނަމަވެސް ކުދިކުދި ކޫރު އެޅިފައި ހުރި ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
އެ މައްސަލައިގައި ކަސްޓަމްސްއިން ވަނީ ބުރިޖަށް އުރުނު ބޯޓުތައް ހަ ލައްކައިން ޖޫރިމަނާ ކުރި ކަމަށާއި، ބޯޓުތައް އޮޔާ ދިޔަ ހާދިސާއަކީ ގުދުރަތީ ހާދިސާއެއް ކަމަށާއި، އެކަމުގައި އެ އިދާރާގެ އެއްވެސް ޒިންމާއެއް ނެތް ކަމަށް ބުނެފައެވެ.
މީގެއިތުރުން، އެ މައްސަލައިގައި ކަސްޓަމްސްއިން ގާނޫނާ ޚިލާފުވެފައިތޯ ބަލަން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ން ވަނީ ނިންމާފައެވެ.