ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ވައިގެ ތެރެއަށް ބޯދުމާއި ތެލުގެ އަސަރު ފެތުރިފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ވަގުތު ވެހޭ ވާރޭފެން ނުނެގުމަށް ށ. އަތޮޅު ހޮސްޕިޓަލުން އިލްތިމާސްކޮށްފިއެވެ.
ށ. އަތޮޅު ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ، މި ހާދިސާގެ ސަބަބުން ވައިގެ ތެރެއަށް ބޯދުމާއި ތެލުގެ އަސަރު ފެތުރިފައިވާތީ، މިހާރު ވެހެމުންދާ ވާރޭފެނުގައި ނުރައްކާތެރި މާއްދާތައް އެކުލެވިގެންވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އެހެންކަމުން، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މި ވަގުތު ވެހޭ ވާރޭފެން ނުނެގުމަށާއި، ވާރެޔާ ނުތެމި ރައްކާތެރިވެ ތިބުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.
ފުނަދޫގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ޕެޓްރޯލް ޝެޑުގައި މިއަދު ހެނދުނު ގާތްގަނޑަކަށް 7:00 ހާއިރު ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ގިނަ އިރުތަކެއްވި ފަހުންނެވެ. މި ހާދިސާގައި އެ ސަރަހައްދުގައި ހުރި ގެތަކަށާއި ވޯކްޝޮޕްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މައުލޫމާތު ދީފައިވާ ގޮތުގައި، އަލިފާން ރޯވި ސަރަހައްދުގައި ހުރި އިމާރާތްތަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.
އެގޮތުން އަލިފާނުގެ އަސަރު ކުރި ތަންތަނުގެ ތެރެއިން އެއް ގެއަކަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ އިރު، ހާދިސާއާ ގުޅިގެން 33 މީހަކު ވަނީ ރައްކާތެރި އެހެން ތަންތަނަށް ބަދަލުކޮށްފައެވެ.
ށ. އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން 20 މީހަކަށް ވަނީ ފަރުވާދީފައެވެ. ނަމަވެސް އެއްވެސް މީހަކަށް މި ހާދިސާހައި ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި އެ މީހުން ފަރުވާއަށް ފަހު ދޫކޮށްލައިފައިވާ ކަމަށް ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.