ފުނަދޫ އަލިފާނުގެ ހާދިސާ: ހަތަރު ގެއަކާއި ފަސް ވޯކްޝޮޕެއްގައި ވެސް ރޯވި

ފުނަދޫ ޕެޓްރޯލް ޝެޑުގައި ހިނގައިގެން އުޅޭ އަލިފާނުގެ ހާދިސާ--- ފޮޓޯ: އެންޑީއެމްއޭ

ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގައި ހުރި ހަތަރު ގެއަކާއި ފަސް ވޯކްޝޮޕަކަށް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރެޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

ފުނަދޫ ކައުންސިލުން ބުނީ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވީ މިއަދުގެ ހެނދުނު ގާތްގަނޑަކަށް އަށެއް ޖެހިއިރު ކަމަށެވެ.

އެންޑީއެމްއޭއިން ބުނީ، ށ. ފުނަދޫ ބަނދަރު ސަރަަހައްދުގައި ހުރި ތެޔޮ ޝެޑެއްގައި މިއަދު ހެނދުނު އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައިފައިވާ ކަމަށާއި އަލިފާން އަދިވެސް ކޮންޓްރޯލް ނުވާކަމަށެވެ.

އަލިފާނުގެ އަސަރު އެ ސަރަހައްދުގައި ހުރި ހަތަރު ގެޔަކަށާއި ފަސް ވޯކްޝޮޕަކާއި ގަރާޖަކަށް ކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ވަނީ މައުލޫމާތު ދީފައެވެ. އަދި އެ ސަރަޙައްދުގެ ގެތަކުން މިހާރު މީހުން ހުސްކޮށްފައިވާ ކަމަށްވެސް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

އެންޑީއެމްއޭއިން ވަނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް އަދި ލިބިފައި ނުވާކަމަށެވެ. އަދި އަލިފާން ނިއްވުމުގައި ފުލުހުންނާއި، އެއާޕޯޓް ފަޔާ އަދި އާންމުން ހަރަކާތްތެރިވަމުންދާ ކަމަށާއި ކުޅުދުއްފުށީގެ އެމްއެންޑީއެފް ފަޔާ ޓީމު މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

އަލިފާނުގެ މި ހާދިސާއާ ގުޅިގެން ށ. އަތޮޅު ހޮސްޕިޓަލުން ވަނީ، އޯޕީޑީގެ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލާފައެވެ. އަދި މިވަގުތު ޚިދުމަތްދެމުން ގެންދާނީ ހަމައެކަނި ކުއްލި ފަރުވާ ބޭނުންވާ އިމަޖެންސީ ހާލަތްތަކަށް ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

comment ކޮމެންޓް