ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމަކީ ރާއްޖެއަށް ނުރައްކާވާނެ ކަމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިއަދު ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު އަސްކަރީ ގޮތުން ގުޅުން ބަދަހިކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ރައީސް މުއިއްޒުގެ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދަނީ ގެއްލެމުން ކަމަށެވެ. އެގޮތުން ވާދަވެރި ގައުމުތަކުގެ ދެބަސްވުންތަކުގެ ތެރެއަށް ރާއްޖެ ވަދެގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ޕާކިސްތާނާއެކު އަސްކަރީ ގުޅުންތައް ފުޅާކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވާނެ ކަމެއް ކަމަށެވެ. އަދި އެއީ ރާއްޖެއަށް ނުރައްކާވާނެ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
https://x.com/MohamedNasheed/status/2113480307097891044
އިންޑިއާއާއި ޕާކިސްތާނުގެ ގުޅުމަކީ ތާރީޚީ ގޮތުން ނުހަނު ނާޒުކު، އަދި ޚާއްސަކޮށް ކަޝްމީރުގެ ސަރަހައްދީ މައްސަލައާ ހުރެ ސިޔާސީ ނުތަނަވަސްކަމާއި އަސްކަރީ ކުރިމަތިލުންތައް ހުރި ގުޅުމެކެވެ. އެގޮތުން 1947 ވަނަ އަހަރު މި ދެ ގައުމު ވަކިވިފަހުން، ނިއުކްލިއާ ބާރުވެރިކަން ލިބިފައިވާ މި ދެ ގައުމުގެ ދެމެދުގައި އެކި ފަހަރު މަތިން ހަނގުރާމަތައް ވަނީ ހިނގައިފައެވެ. އަދި ސަރަހައްދީ ހަމަނުޖެހުންތަކާއި ސަލާމަތީ ކަންބޮޑުވުންތަކާ ހުރެ ސިލްސިލާ ސިޔާސީ ޚިޔާލުތަފާތުވުންތައް ވަނީ އުފެދިފައެވެ.
އެ ދެ ގައުމުގެ ދެމެދުގައި ސިޔާސީ މަޝްވަރާތަކާއި ވިޔަފާރީގެ ގުޅުންތައް ގާއިމުކުރުމަށް ކުރު މުއްދަތުތަކަކަށް މަސައްކަތްކުރެވުނު ނަމަވެސް، ސިޔާސީ އިތުބާރު ނެތުމާއި ސަރަހައްދީ ވާދަވެރިކަމުގެ ސަބަބުން ދާއިމީ ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
ކަން އެހެން އޮތްއިރު އިންޑިއާއަކީ ރާއްޖެއާ އެންމެ ގާތުގައި އޮތް ޒަމާންވީ ބޮޑު ގުޅުމެކެވެ. އަދި ރާއްޖެއަށް ބޮޑެތި އެހީތައް ވުމުގައި އެންމެ ކުރީގައި އޮތް އެއް ގައުމަކީ ވެސް އިންޑިއާއެވެ.
ރައީސް ޕާކިސްތާނަށް ކުރެއްވި މި ދަތުރުފުޅަކީ 2015ވަނަ އަހަރުގެ މެއި މަހު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެ ގައުމަށް ކުރެއްވި ދަތުރުފުޅަށްފަހު، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އަދި މިއީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ތާރީޚީ ދަތުރުފުޅެއް ވެސް މެއެވެ.
މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 ދާއިރާއަކުން އެމްއޯޔޫއެއްގައި ސޮއިކޮށްފައިވެއެވެ. އަދި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ކުރާ ވިޔަފާރި 13 މިލިއަން ޑޮލަރުން 200 މިލިއަން ޑޮލަރަށް އިތުރުކުރަން ވެސް ވަނީ ނިންމައިފައެވެ.