ރާއްޖެއާއި ޕާކިސްތާނާ ދެމެދު ކުރާ ވިޔަފާރި 13 މިލިއަން ޑޮލަރުން 200 މިލިއަން ޑޮލަރަށް އިތުރުކުރަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒާއި، ޕާކިސްތާނުގެ ޚާރިޖީ ވަޒީރު -- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ކުރާ ވިޔަފާރި 13 މިލިއަން ޑޮލަރުން 200 މިލިއަން ޑޮލަރަށް އިތުރުކުރަން ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފާއި ރައީސް މުއިއްޒު ދެއްވި ގުޅިފައިވާ ބަޔާނުގައެވެ.

ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކުރުމަށްފަހު ދެއްވި ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ، އެ އެމްއޯޔޫތަކަކީ ދެ ގައުމުގެ ކުރިއެރުމަށް ވެސް މުހިންމު އަދި ބޭނުންތެރި ކަމެއް ކަމަށެވެ. އަދި މި އެމްއޯޔޫތަކާއެކު ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށާއި، ބޭނުމަކީ ދެ ގައުމަށް ވެސް އުފާ ފާގަތި ކުރިއެރުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި އިއުލާނުކުރެއްވީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ކުރާ ވިޔަފާރި، 200 މިލިއަން ޑޮލަރަށް އިތުރު ކުރަން ނިންމަވާފައިވާކަމެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިހާރު ދެ ގައުމުގެ ދެމެދުގައި ކުރާ ވިޔަފާރި ހުރީ 13 މިލިއަން ޑޮލަރުގައެވެ.

"ރާއްޖެ-ޕާކިސްތާން ގުޅުމަށް 60 އަހަރު ފުރުނުއިރު މިއަދު މި އެޅިގެންދާ ބިންގަލަކީ އަނެއްކާ ވެސް އާ މުސްތަގުބަލަކަށް ކޮށުނު މުހިންމު މަގެއް،" ރައީސްގެ ވާހަކަފުޅު ނިންމަވައިލައްވަމުން ވިދާޅުވިއެވެ.

ދެ ގައުމުގެ ދެމެދުގައި މިއަދު އެކި ދާއިރާތަކުން 20 ވަރަކަށް އެއްބަސްވުމާއި ފަހުމުނާމާގައި ސޮއިކޮށްފައިވާއިރު އޭގެ ތެރޭގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމުގެ އެއްބަސްވުމާއި ސިއްހީ ދާއިރާއިން އެއްބާރުލުން ދިނުމުގެ ފަހުމުނާމާތައް ހިމެނެއެވެ. އަދި މަތީ ތައުލީމާއި ދިރާސާ، ދިފާޢީ ދާއިރާ، މާލީ އަދި ޓެކްނޮލޮޖީގެ ދާއިރާގެ އިތުރުން މަޖިލިސްތަކުގެ ގުޅުމާއި، ފަތުރުވެރިކަން، މޫސުމަށް އަންނަ ބަދަލުތައް އަދި މީޑިއާގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއް ހިމެނެއެވެ.

https://www.sun.mv/229417

މާދަމާގެ ނިޔަލަށް ރައީސް ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ 2015ވަނަ އަހަރުގެ މެއި މަހު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެ ގައުމަށް ކުރެއްވި ދަތުރުފުޅަށްފަހު، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އަދި މިއީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ތާރީޚީ ދަތުރުފުޅެއް ވެސް މެއެވެ.

comment ކޮމެންޓް