"ޓަކާޓަކާ" ގޮވައިގެން ދިވެހީންނަށް ލިބެންއޮތް ތަނަވަސްކަން ހުއްޓުވުމަކީ ހީލަތްތެރި ރޭވުމެއް: ނަޝީދު

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، ކުރީގެ ނައިބު ރައީސް ޖަމީލް، ރައީސް ޔާމީން، ޕީއެންއެފްގެ އިސް ބޭފުޅުންނާ އެކު "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުގައި އާޓިފިޝަލް ބީޗު ސަރަހައްދުގައި -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ

"ޓަކާޓަކާ" ގޮވައިގެން ނުކުމެ، ދިވެހި އާންމު ރައްޔިތު މީހާއަށް ލިބެން އޮތް ތަނަވަސްކަމާއި އުފާވެރިކަން ހުއްޓުވުމަކީ ހުތުރުވެގެންވާ ހީލަތްތެރި ރޭވުމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ ސިޔާސީ އަދި އިޤްތިޞާދީ ހާލަތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ، މިފަދަ ކަންކަމަކީ ދިވެހިރާއްޖެ އަބަދު ވެސް ނިކަމެތިކަމާއި ފަގީރުކަމުގެ ތެރޭގައި ބޭއްވުމަށް ޓަކައި ޖަހަމުންދާ މަޅިއެއް ކަމަށެވެ.

ބައެއް ފަރާތްތަކުގެ ފުށުން ފެންނަ ފުށުއެރުންތަކަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގެ ތަނަވަސް އާއިލާތަކުގެ ބޭފުޅުންގެ ގެދޮރާއި ބިންތައް ސްރީލަންކާގައްޔާއި މާލޭގައި އެބަހުރި ކަމަށެވެ. އަދި އެ ބޭފުޅުންގެ ދަރިން ބޭރުގެ މީހުންނާ ކައިވެނިކޮށްގެން ދިރިއުޅެމުންދާއިރު، އާންމު ރައްޔިތުންނަށް ލިބެން އޮންނަ ފުރުސަތުތަކަށް ހުރަސްއަޅައި އެކަމާ ދެކޮޅަށް އަޑުއުފުލުމަކީ "ދެފުށްދެކެހެރި" އަމަލެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

އެމްޑީޕީގެ އަސާސްތަކާއި ވިސްނުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނު ދަންނަ އެމްޑީޕީއަކީ "އަމިއްލަ ނޭފަތު ކުރިއަށް ވުރެ ދުރަށް"، ރަށު ގޮނޑުދޮށުން ބޭރަށް، އަތޮޅު ދުނީގެ އިތުރުން މުޅި ރާއްޖޭގެ އިންފާރުން ބޭރަށް ވިސްނުން ގެންދިއުމަށް އުފެދިގެން އައި ޕާޓީއެއް ކަމަށެވެ. އަދި އެއީ މަލްޓިކަލްޗަރަލް އަދި ލިބަރަލް ވިސްނުމުގެ މައްޗަށް ބިނާވެފައިވާ ޕާޓީއެއް ކަމަށް ވެސް ވިދާޅުވިއެވެ.

https://www.facebook.com/share/p/1FDYVYK1nr/

ނަޝީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީން އަބަދުވެސް ޤަބޫލުކުރަނީ ދިވެހި ރައްޔިތުން އެދެނީ ތަނަވަސްކަމާއި، އެއްވެސް ހާސްކަމެއް ނެތް ތާހިރު ދިރިއުޅުމަކަށެވެ. އަދި ރައްޔިތުން އެދޭ މިފަދަ ތަރައްގީއާއި ތަނަވަސްކަން ހޯދައިދިނުމަކީ ޕާޓީގެ އަސާސީ އަމާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވެ ޕޯސްޓެއް ކުރެއްވިއިރު، އިއްޔެ ވަނީ އެ ޕާޓީއަށް ނިސްބަތްވާ މާލޭ ސިޓީގެ ކައުންސިލަރު ހުުސައިން ފުރުޝާން ނަޝީދުގެ ވިސްނުންފުޅާމެދު ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި އެ ޕާޓީގެ ގައުމީ މަޖިލިސް އިންތިޚާބުގެ ކެންޑިޑެސީ އަނބުރާ ގެންދަވަން ނިންމަވައިފައެވެ.

ފުރުޝާން ވިދާޅުވީ އެ އެއްބަސްވުމާ ދެކޮޅަށް އެމްޑީޕީން ސްޓޭންޑެއް ނަގާފައިވީ ނަމަވެސް، ޕާޓީގެ ހަރަކާތްތައް ހުއްޓުމަކަށް އައިސްފައިވާ ކަހަލަ ކަމަށާއި، ޕާޓީގެ ފަރާތުން ރައްދުދިނުމުގެ ގާބިލުކަން ކުޑަވަމުންދާތީ ކަންބޮޑުވާ ކަމަށެވެ. ވަކިން ޚާއްސަކޮށް، ޕާޓީގެ އެންމެންގެ މަސްލަހަތާއި އުސޫލުތައް ކުރިއަށްނެރުމުގެ މަސްއޫލިއްޔަތު މަތިކުރެވިފައިވާ ޗެއާޕާސަން، ޕާޓީގެ ސްޓޭންޑާ ޚިލާފު ވިސްނުމަކަށް ތާޢީދުކުރައްވާ މަންޒަރު ފެނުމަކީ މާޔޫސްވާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ތެރޭގައި ވެސް މި މަޝްރޫއާ މެދު ޚިޔާލު ތަފާތުވުންތައް ބޮޑުއިރު، "ދިވެހީންގެ ބިން ދިވެހިންނަށް" ނަމުގައި މަޝްރޫއާ ދެކޮޅު ކެމްޕޭނެއް، އެމްޑީޕީގެ ބައެއް ބޭފުޅުންނާއި، ޕީއެންއެފްގެ ވެރިންނާއި، ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިސްވެ ގެންދަވަނީ ހިންގަވަމުންނެވެ.

މާލެއާ ކައިރީގައި އޮންނަ ފުށިދިއްގަރު ފަޅުގައި ތަރައްގީކުރާ ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ހިންގާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫއެވެ. ރައީސް މުއިއްޒު މި މަޝްރޫއުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ޑިސެންބަރު 18، 2023 ގައެވެ. ދެމެހެއްޓެނިވި އަދި ޒަމާނީ ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް ރާވާފައިވާ ރަސްމާލޭގެ މާސްޓާޕްލޭންގައި އެކި ބާވަތްތަކުގެ 65،000 ހައުސިން ޔުނިޓް ހިމެނެއެވެ.

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް ދިވެހި ސަރުކާރާއި އަބޫދާބީގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސެޕްޓެންބަރު 21 ގައެވެ. އެޓާނީ ޖެނެރަލް އުޝާމް ވިދާޅުވި ގޮތުގައި، ޓޫރިޒަމާ ބެހޭ ގާނޫނުގެ އަށްވަނަ މާއްދާގައިވާ ގޮތުން، 99 އަހަރުގެ ކުއްޔަށް ދޫކުރާ ތަނެއްގެ މުއްދަތު ހަމަވުމުން، އެ ތަނަކަށް ކޮށްފައިވާ އިންވެސްޓްމަންޓުގެ އަގުން ޑިޕްރިސިއޭޝަން އުނިކުރުމަށްފަހު ޖެހޭ އަދަދު ސަރުކާރުން އިންވެސްޓަރަށް ދައްކަންޖެހެއެވެ.

comment ކޮމެންޓް