އޭސީސީއާއެކު ފުލުހުން ހިންގި ތަހުގީގަކީ، ފެށުމުގައި ވެސް އަސާސެއް ނެތް މައްސަލައެއްކަން ސާފުވެއްޖެ: އަޒްމިރަލްދާގެ ވަކީލުން

ސުޕްރީމްކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރު: އަޒްމިރަލްދާ ސުލޫކާ ޚިލާފަށް ކުރެއްވި ކަމެއް ޖޭއެސްސީއަށް ބުނެނުދެވުނު ކަމަށް އޭނާގެ ވަކީލު ވިދާޅުވި --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވި ކަމަށް ތުހުމަތުކޮށް ވަކިކުރި ނަމަވެސް އެ މައްސަލަ މިހާރު ފައިލްކޮށްފައިވާތީ، އެ މައްސަލައަކީ ފެށުމުގައި ވެސް އަސާސެސް ނެތް މައްސަލައެއްކަން ސާފުވެފައިވާ ކަމަށް އަޒްމިރަލްދާގެ ގާނޫނީ ވަކީލުން މިއަދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް އަޒްމިރަލްދާގެ އިތުރުން އޭރު އެ ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގެންނެވި މަހާޒު އަލީ ޒާހިރާއި ހުސްނުއްސުއޫދު، މިދިޔަ އަހަރުގެ ފެބުރުވަރީ މަހުގެ 26ގައި ކުއްލި ގޮތަކަށް ސަސްޕެންޑުކުރިއެވެ. އެ މައްސަލައިގައި ސުއޫދު އިސްތިއުފާ ދެއްވިއިރު، ސަރުކާރުގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހު އަޒްމިރަލްދާއާއި މަހާޒް މަގާމުން ވަކިކޮށްފައެވެ.

އެހެންނަމަވެސް، އެ ބޭފުޅުންނަށް ތުހުމަތުތައްކޮށް ފުލުހުން ބަލަން ފެށި މައްސަލައިގައި ތުހުމަތުކުރެވޭ ފަދަ ޖިނާއީ ދައުވާއެއް ކުރެވިދާނެ އަމަލެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ނިންމައި، ދެ ބޭފުޅުންގެ މައްސަލަ ފައިލްކޮށްފައިވާކަން ފުލުހުން ވަނީ މިއަދު އަންގައިފައެވެ.

https://sun.mv/228755

އެކަމާ ގުޅޭ ގޮތުން އަޒްމިރަލްދާގެ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ، ފުލުހުން ފައިލްކޮށްފައިވަނީ މި އަހަރުގެ ޖޫން 11ގައި އެ މުއައްސަސާއަށް ހުށަހަޅައި، އިއްޔެ ނިންމައިފައިވާ މައްސަލައެއް ކަމަށް ފުލުހުންގެ ލިޔުމުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ވަކީލުން ވިދާޅުވި ގޮތުގައި އަޒްމިރަލްދާގެ މައްޗަށް ތުހުމަތުކޮށް މައްސަލައެެއް ތަހުގީގުކުރާކަން ވެސް ކުރިން އަންގާފައިނުވެއެވެ. އެހެންވެ، އެއީ ކޮންމެ މައްސަލައެއްތޯ ސާފުކުރުމަށް އަޒްމިރަލްދާ ގުޅުއްވުމުން، އެއީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ގުޅިގެން ތަހުގީގު ކުރަމުން ދިޔަ މައްސަލައެއް ކަމަށް ފުލުހުން މައުލޫމާތު ދިން ކަމަށް ބަޔާނުގައިވެއެވެ.

އޭސީސީގެ މެންބަރުންތަކެއް: ފައިލްކުރި މައްސަލައަކީ، އޭސީސީއާ ގުޅިގެން ތަހުގީގުކުރި މައްސަލައެއްކަން ފުލުހުން ހާމަކުރި ކަމަށް އަޒްމިރަލްދާގެ ވަކީލުން ވިދާޅުވި -- ފޮޓޯ/ އޭސީސީ

އެ މައްސަލަ ނިމުނު ގޮތާ ގުޅޭ ގޮތުން ފުލުހުން ފޮނުވި ލިޔުމުގައި، "ޖިނާއީ ކުށުގެ އަމަލެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް" ކަމަށް ބުނުމުން، އެއީ ކުށުގެ އަމަލެއް ހިންގި ކަމަށް ތުހުމަތު ވިޔަސް ހެކި ނެތިގެން ދައުވާ ނުކުރަން ނިންމި ނިންމި ހާލަތެއް ނޫންކަން އެނގޭ ކަމަށް ވަކީލުން ވިދާޅުވިއެވެ. އަދި ކުށެއްގެ ތުހުމަތު ކުރެވޭނެ އަސާސެއް ވެސް ނެތުމުން މައްސަލަ ފައިލްކުރީކަން، ފުލުހުންގެ ލިޔުމުން އެނގޭ ކަމަށް ބަޔާނުގައިވެއެވެ.

https://sun.mv/228781

މީގެ އިތުރުން، އެ މައްސަލަ ނިންމައިލީ އަޒްމިރަލްދާއާ ސުވާލެއް ވެސް ކުރުމެއް ނެތިކަން ވަކީލުން ފާހަގަކުރެއްވިއެވެ.

"މި މިންވަރުން އެކަނިވެސް، މި މައްސަލައަކީ ފެށުމުގައި ވެސް ތުހުމަތު ކުރެވޭނެ އަސާސެއް އޮތް މައްސަލައެއް ނޫންކަން އިތުރަށް ސާފުވެގެން ގޮސްފައިވާ ކަމަށް ދެކެމެވެ." އަޒްމިރަލްދާގެ ވަކީލުން ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ސުއޫދާއި އަޒްމިރަލްދާ ވެސް ވަނީ އުޝާމް ހިމެނޭ ގޮތަށް ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށާއި މަގުސަދަކީ ދުސްތޫރީ މައްސަލަ ބެލުން ހުއްޓުވުން ކަމަށް މީގެ ކުރިން ތުހުމަތު ކުރައްވައިފައެވެ.

ސަސްޕެންޑުކުރި ތިން ފަނޑިޔާރުން: ސުއޫދު އިސްތިއުފާ ދެއްވިއިރު، ސަރުކާރުގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން، މަހާޒާއި އަޒްމިރަލްދާ މަގާމުން ވަކިކުރި -- ފޮޓޯ: ރައީސް އޮފީސް

މަހާޒުގެ މައްސަލަ ވެސް ފައިލްކޮށްފައިވުމުން އޭނާ ވަނީ، އެ ތުހުމަތުތައް ކުރީ ބަޔަކު ވަކި ބޭނުމަކަށް، ނުހައްގުން މަގާމު ގެއްލުވާލަންކަން ސާބިތުވެފައިވާ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/205941

މަހާޒާއި އަޒްމިރަލްދާއާއި ސުޕްރީމް ކޯޓުގައި ހުސްނުއްސުއޫދު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ކުއްލި ގޮތަކަށެވެ. އެ ތިން ބޭފުޅުން ސަސްޕެންޑުކުރީ، ސިޔާސީ ގޮތުން ގައުމު ވަރަށް ހަލަބޮލިވި ދަނޑިވަޅެއްގައެވެ.

އެއީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފުރިހަމަ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލީހުން، މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި، އެއް ދުވަހުގެ މަސައްކަތުން ގާނޫނުއަސާސީއަށް ބަދަލު ގެނައި ފަހުންނެވެ. އެ ބަދަލު ގެނައީ، ނޮވެންބަރު 20، 2024ގައެވެ.

އެ އިސްލާހަށް ފާޑުކިޔުންތައް އަމާޒުވެ، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އަދި ތިން ފަނޑިޔާރުން ސަސްޕެންޑުކުރިކަން ޖޭއެސްސީން އެންގީ، އެ މައްސަލައިގެ ޝަރީއަތް ތާވަލުކޮށްފައި އޮތް ދުވަހު، ޝަރީއަތުގެ މަޖިލީހަށް ވަންނަވަން އުޅުއްވަނިކޮށެވެ.

https://sun.mv/222140

އެ ކުއްލި ފިޔަވަޅަކީ އޭރު ބަލަމުންދިޔަ، ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައަށް ނުފޫޒު ފޯރުވުން ކަމަށް ރާއްޖެއާއި ބޭރުގެ ގާނޫނީ މާހިރުން ތުހުމަތު ކުރެއްވިއެވެ.

އެ ތިން ފަނޑިޔާރުންނާ ގުޅޭ މައްސަލަތަކެއް ޖޭއެސްސީއާއި އޭސީސީއިން ބަލާ ކަމަށް ބުނިއިރު، ތަހުގީގާ ގުޅޭ މައުލޫމާތު ހިއްސާނުކުރުމާއި ޖަވާބުދާރީވާން ފުރުސަތު ނުދިނުމުގެ ޝަކުވާތައް މީގެ ކުރިން ވެސް ފަނޑިޔާރުން ކުރެއްވިއެވެ. އަދި އެ މައްސަލަ ބައިނަލްއަގުވާމީ އިދާރާތަކަށް ހުށަހެޅުއްވުމުން، ބޭރުގެ ގާނޫނީ ގިނަ އިދާރާތަކަކުން ކަންބޮޑުވުން ފާޅުކޮށް، ފަނޑިޔާރުންނަށް ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ގޮވާލިއެވެ. ނަމަވެސް އަޒްމިރަލްދާއާއި މަހާޒް މަގާމުން ވަކިކުރަން މަޖިލީހުން ފާސްކުރީ ޖުޑިޝަރީ ކޮމިޓީން އެ ފުރުސަތު ނުދީއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ އދ.ގެ ޚާއްސަ ރެޕެޓުވާ މާގަރެޓް ސެޓާތުވެއިޓް ކަންބޮޑުވުން ފާޅުކުރުމުން، ސަރުކާރުން މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 31ގައި ފޮނުވި ޖަވާބުގައި ވަނީ ސެޓާތުވެއިޓްއަށް ލިބިފައިވާ ބައެއް މައުލޫމާތުގައި ހަގީގަތާ ޚިލާފު ވާހަކަތަކާއި ތުހުމަތުތައް ހިމެނޭ ކަމަށް ބުނެފައެވެ. އަދި ފަނޑިޔާރުން ވަކިކުރީ ގާނޫނީ އިމުގެ ތެރެއިން ޖަވާބުދާރީ ކުރުވަން ކަމަށާއި، އޭގެ ސަބަބުން ކޯޓު ހުއްޓުމަކަށް ނާންނަ ކަމަށް ސަރުކާރުން އޭރު ބުނެފައިވެއެވެ.

comment ކޮމެންޓް