ނުފޫޒުފޯރުވިކަމުގެ ތުހުމަތުގައި ސުޕްރީމް ކޯޓުން ވަކިކުރި އަޒްމިރާލްދާގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވެން ނެތްކަމަށް ނިންމައި މައްސަލަ ފައިލްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން ނިންމައިފައިވާ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު --

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވި ކަމަށް ތުހުމަތުކޮށް ފުލުހުން ބެލި މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ނެތުމުން، އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމައި ފައިލްކޮށްފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މި މައްސަލައިގެ ތަހުގީގު ފައިލް ދިރާސާކުރުމަށްފަހު، މި މައްސަލާގައި ތުހުމަތުކުރެވޭ ފަދަ ޖިނާއީ ދައުވާއެއް ކުރެވިދާނެ އަމަލެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ޕީޖީ އޮފީހުން ނިންމާފައިވާތީ، މައްސަލައިގެ ތަހުގީގަށް ހޯދާފައިވާ ހެއްކާއި ގަރީނާތަކަށް ބެލުމަށްފަހު ފުލުހުން ވެސް މިހާރު ވަނީ އެ މައްސަލަ ނިންމާލައިފައެވެ.

ފުލުހުން މި މައްސަލަ ނިންމާލި ނަމަވެސް، މި މައްސަލައާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ބައިގެ އެއްވެސް ތަފްސީލެއް އަދި އެ ކޮމިޝަނުން ހާމައެއް ނުކުރެއެވެ.

މި މައްސަލައަކީ ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި، މަހާޒު ޢަލީ ޒާހިރު އަދި ޙުސްނުއްސުޢޫދުގެ މައްޗަށް ތުހުމަތުކޮށް ފެށި މައްސަލައެކެވެ. ސަރުކާރުގެ މަސްލަހަތު އޮތް މުހިންމު ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް، މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން މިދިޔަ އަހަރުގެ ފެބްރުވަރީ މަހުގެ 27 ވަނަ ދުވަހު، މި ތިން ފަނޑިޔާރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށް އޭސީސީން ޖޭއެސްސީއަށް އެންގިއެވެ.

އެ އެންގުމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަގުތުން އެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރިއެވެ. އޭގެ ފަހުން، މިދިޔަ އަހަރުގެ މާރިޗު މަހުގެ ހަވަނަ ދުވަހު ފަނޑިޔާރު ސުޢޫދު ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ. އަދި އަޒްމިރާލްދާއާއި މަހާޒު ވަނީ މޭ މަހުގެ 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން މަޤާމުން ވަކިކޮށްފައެވެ.

މި ފަނޑިޔާރުންނަށް ޖަވާބުދާރީވާން އެކަށީގެންވާ ފުރުސަތު ނުދީ ވަކިކުރި މައްސަލައިގައި، އެ ބޭފުޅުންގެ އިތުރުން ރާއްޖެއާއި ބައިނަލްއަޤްވާމީ ޤާނޫނީ އިދާރާތަކުން ވެސް އޭރު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރިއެވެ. އަދި މަޤާމުން ވަކިކުރިތާ އަހަރެއް ވެގެން ދިޔައިރު ވެސް އޭސީސީގެ ތަހުގީގު ނިމިފައި ނުވާތީ މަހާޒު ވަނީ ސޯޝަލް މީޑިއާގައި އެ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އޭސީސީގެ ތަހުގީގު ލަސްވާ މައްސަލައިގައި މިދިޔަ ފެބްރުއަރީ މަހު 'ސަން' އިން ސުވާލުކުރުމުން އެ ކޮމިޝަނުން ބުނެފައިވަނީ، މި މައްސަލައަކީ ޚާއްސަ ސަމާލުކަމެއް ދީގެން ބަލަމުން އަންނަ މައްސަލައެއް ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ދޭން އޭސީސީން ވަނީ ދެކޮޅު ހަދައިފައެވެ. ކޮމިޝަނުން ބުނެފައިވަނީ ކޮރަޕްޝަނުގެ އަމަލެއް ހުށަހެޅިއްޖެ ނަމަ، އެއްވެސް ފަރާތެއް އިސްތިސްނާ ކުރުމެއް ނެތި ތަހުގީގު ކުރުމަކީ ޤާނޫނީ ވާޖިބެއް ކަމަށެވެ.

މި ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބައްލަވަމުން ގެންދަވަނިކޮށެވެ. އެހެންކަމުން، ސުޢޫދާއި އަޒްމިރާލްދާ ވަނީ، ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވައިގެން އެ ދުސްތޫރީ މައްސަލަ ހުއްޓުވުމަށް މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރައްވާފައެވެ. ނަމަވެސް ސަރުކާރުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

comment ކޮމެންޓް