އަބޫދާބީގެ މަޝްހޫރު ރިއަލް އެސްޓޭޓް ކުންފުނި އީގަލް ހިލްސްއިން ރާއްޖޭގެ ރަސްމާލޭގައި ހިންގުމަށް ރާވާފައިވާ ބިޔަ މަޝްރޫއުގެ ސަބަބުން ލިބޭ ފައިދާގައި ބައިވެރިވުމުގެ ފުރިހަމަ ފުރުސަތު ދިވެހި ވިޔަފާރިތަކަށާއި އިންވެސްޓަރުންނަށް އޮންނާނެކަމުގެ ޔަގީންކަން އެ ކުންފުނީގެ ޗެއާމަން މުޙައްމަދު އަލާއްބާރު މިއަދު ދެއްވައިފިއެވެ.
އަލާއްބާރު މިހެން ވިދާޅުވީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރަސްމާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ މައުލޫމާތު ދިވެހި ވިޔަފާރިވެރިންނާ ހިއްސާކުރެއްވުމަށް ބޭއްވި ޚާއްސަ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަލާއްބާރު ވިދާޅުވީ، އެ ކުންފުނިން ރާއްޖެއަށް އައީ ހަމައެކަނި ބޭރުގެ އިންވެސްޓަރެއްގެ ގޮތުގައި ހުރިހާ ފައިދާއެއް ނަގައިގެން ދިއުމަށް ނޫން ކަމަށެވެ. އަދި އޭނާއަކީ މުސްލިމަކަށް ވީހިނދު، އެހެން މުސްލިމް މުޖުތަމައަކަށް އައިސް މަސައްކަތްކުރާއިރު، އެ ގައުމެއްގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް އޭގެ ހަގީގީ މަންފާ ލިބެންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.
އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލާއްބާރު ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރައްވަނީ -- ސަން ފޮޓޯ"އަޅުގަނޑުމެން ބޭނުމެއް ނޫން ބޭރު ބައެއްގެ ގޮތުގައި އައިސް ހުރިހާ ފައިދާއެއް ނަގާކަށް. ދިވެހި ވިޔަފާރިވެރިންނަށް އަޅުގަނޑުމެންގެ ދޮރުތައް މިހުރީ ހުޅުވިފައި. މި މަޝްރޫއަށް އިންވެސްޓްކޮށް، މީގެ ފައިދާ ހޯދުމުގެ ފުރުސަތު ދިވެހިންނަށް އެބައޮތް،" އަލާއްބާރު ވިދާޅުވިއެވެ.
އަލާއްބާރު ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ 20 ގައުމެއްގައި އެ ކުންފުނިން މަޝްރޫއުތައް ހިންގާއިރު ވެސް ގެންގުޅޭ އެންމެ މުހިންމު ސިޔާސަތަކީ އެ ގައުމެއްގެ ކޮންޓްރެކްޓަރުންނާއި، ސަޕްލަޔަރުން އަދި އާކިޓެކްޓުންނަށް އިސްކަންދިނުމެވެ. އެގޮތުން ރަސްމާލެ މަޝްރޫއުގައި ވެސް ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށާއި، މި މަޝްރޫއާއެކު ދިވެހި ވިޔަފާރިތައް ވެސް އިތުރަށް ފުޅާވެ، ކުރިއަރައިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، މި މަޝްރޫއު ކުރިއަށްދާނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި ސަރުކާރުގެ ހިއްސާ އެންމެ ފުރިހަމައަށް އަދާކުރެވިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.
އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލާއްބާރު ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރައްވަނީ -- ސަން ފޮޓޯރިއަލް އެސްޓޭޓް ދާއިރާގައި 28 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި އަލާއްބާރު އިތުރަށް ވިދާޅުވީ، ރަސްމާލެ މަޝްރޫއުގެ ސަބަބުން ރާއްޖެއަށް އަންނަ މަތީ ފަންތީގެ ފަތުރުވެރިން އިތުރުވެގެންދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށާއި އެހެނިހެން ދިވެހި ވިޔަފާރިތަކަށް އޮންނަ ޑިމާންޑް ބޮޑުވެ، މުޅި އިގްތިޞާދަށް އޭގެ އެދެވޭ އަސަރު ފޯރާނެ ކަމަށެވެ.
ހަމައެއާއެކު ދިވެހި ޒުވާނުންނަށް ޒަމާނީ ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން އައު ހުނަރުތައް ދަސްކޮށްދީ، ޒުވާން ވިޔަފާރިވެރިން ބިނާކުރުމަށް ޚާއްސަ ޕްރޮގްރާމްތަކެއް ހިންގަވާނެކަމަށް ވެސް އަލާއްބާރު ވަނީ ހާމަކުރައްވާފައެވެ.
މަޝްރޫއުގެ މުހިންމު ތަފްސީލުތައް:
- ތަރައްގީކުރާ ތަން: ވެރިރަށް މާލެއިން ފުރައިގެން ލޯންޗުގައި ގާތްގަނޑަކަށް 17 މިނެޓުން ދެވޭ ފުށިދިއްގަރު ފަޅުގައި ހިއްކަމުންދާ "ރަސްމާލެ" ސިޓީގައެވެ.
- ހިމެނޭ ބައިތައް: ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތައް، ޕްރީމިއަމް އަދި ބްރޭންޑެޑް ރެޒިޑެންސްތައް، ދުނިޔޭގެ ފެންވަރުގެ މެރީނާއެއް، ވޯޓާފްރަންޓް ޕްރޮމެނާޑްތައް، ރެސްޓޯރެންޓްތަކާއި ފިހާރަތައް، އަދި މުނިފޫހިފިލުވުމާއި ދުޅަހެޔޮކަމުގެ މަރުކަޒުތައް (ވެލްނެސް ސެންޓަރުތައް).
- އިންވެސްޓްމަންޓް: އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ޖުމްލަ އިންވެސްޓްމަންޓް 20 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާކުރެވެއެވެ.
- އިގްތިސާދީ ފައިދާ: މި މަޝްރޫއުގެ ދަށުން ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ބެލެވޭއިރު، އޭގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ހިމެނެއެވެ. އަދި ސީދާ އަދި ނުސީދާ ގޮތުން 54،000 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެއެވެ.