ވިޔަފާރީގެ ދާއިރާއިން ހޯއްދަވާފައިވާ ބޮޑެތި ކާމިޔާބީތަކާއި އިންސާނިއްޔަތަށް ފޯރުކޮށްދެއްވާފައިވާ އަގުހުރި އެހީތެރިކަން ފާހަގަކޮށް، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ވިލާ ގްރޫޕާއި ވިލާ ފައުންޑޭޝަންގެ ބާނީ ޤާސިމް އިބްރާހީމަށް "އޭޝިއާސް ބެސްޓް އޮންޓްރަޕްރަނެއާ ފިލަންތުރޮޕިސްޓް 2026" އެވޯޑް ލިބިވަޑައިގެންފިއެވެ.
އޭޝިއާ ސެންޓަ ފޯ އޮންޓަޕްރެނާޝިޕް (އޭސީއީ) އިން އިންތިޒާމުކޮށްގެން ބޭއްވި "އޭސީއީ އައިކަންސް އެވޯޑްސް 2026" ރަސްމިއްޔާތު އޮތީ ރޭ މެލޭޝިއާގެ ޕުތުރަޖާޔާގައި ހުންނަ ޕަރްދާނާ ލީޑަޝިޕް ފައުންޑޭޝަންގައެވެ.
މި ރަސްމިއްޔާތުގައި ޤާސިމް އިބްރާހީމްގެ ފަރާތްޕުޅުން އެވޯޑާ ހަވާލުވެވަޑައިގަތީ އެމަނިކުފާނުގެ ދަރިކަލުން ޢުމަރު އަރްކާން ޤާސިމެވެ. މި ރަސްމިއްޔާތުގައި މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރު ޑރ. މަރިޔަމް ޝަބީނާ އަޙްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޤާސިމަށް ލިބިވަޑައިގަތް "އޭޝިއާސް ބެސްޓް އޮންޓްރަޕްރަނެއާ ފިލަންތުރޮޕިސްޓް 2026" އެވޯޑާ ދަރިކަލުން ޢުމަރު އަރްކާން ޤާސިމް ހަވާލުވެވަޑައިގަންނަވަނީ --މި އެވޯޑަކީ ޤާސިމް އިބްރާހީމް ދިވެހި ވިޔަފާރި ކުރިއެރުވުމަށާއި، ދިވެހި މުޖުތަމަޢުގެ ފައިދާއަށް—ޚާއްޞަކޮށް ޞިއްޙަތާއި ތަޢުލީމާއި އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް—ދިގު މުއްދަތަކަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެރުވި އެވޯޑެކެވެ.
ޤާސިމްގެ އިތުރުން މި ޝަރަފުވެރި އެވޯޑް އޭޝިއާގެ ފާހަގަކޮށްލެވޭ އެހެން ހަތަރު ވިޔަފާރިވެރިއަކަށް ވަނީ އަރުވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- މެލޭޝިއާގެ ބަޖާޔާ ކޯޕަރޭޝަންގެ ބާނީ ޓަން ސްރީ ވިންސެންޓް ޓަން
- އިންޑިއާގެ އިންފޯސިސްގެ ބާނީ އެން.އާރް. ނަރަޔަނަ މުރްތީ
- އިންޑޮނޭޝިއާގެ ބަކްރީ އެންޑް ބްރަދާސްގެ ސީއީއޯ އަނިންދިޔާ އެން. ބަކްރީ
- ބަންގްލަދޭޝްގެ އޭ.ކޭ ޚާން ފައުންޑޭޝަންގެ ސީއީއޯ ޞަލާޙުއްދީން ޤާސިމް ޚާން
މެލޭޝިއާގެ ނޫހެއް ކަަމައްވާ "ދި ސްޓާ" އިން ބުނެފައިވާ ގޮތުގައި މި ރަސްމިއްޔާތުގައި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޓުން ޑރ. މަހާތީރު މުޙައްމަދަށް ވަނީ "ފާދަ އޮފް އޮންޓަޕްރެނާޝިޕް ޑިވެލޮޕްމަންޓް، މެލޭޝިއާ" ގެ ޝަރަފުވެރި ލަޤަބު އަރުވާފައެވެ.
މީގެ އިތުރުން މި ޙަފުލާގައި ބައިނަރީ ޔުނިވަސިޓީގެ ޗާންސެލަ ޓުން އަޙްމަދު ފުޒީ ޢަބްދުއްރައްޒާޤު ވަނީ، ނިކަމެތި ޒުވާނުން އުފައްދާ ކޮންމެ ކުންފުންޏަކަށް ފެށުމުގެ ރައުސްމާލުގެ ގޮތުގައި 100,000 މެލޭޝިއަން ރިންގިޓް ފޯރުކޮށްދިނުމަށް އެކުލަވާލި "އޭސީއީ ހިއުމެނިޓޭރިއަން ފަންޑް ފޯ އޮންޓްރަޕްރަނެއާ ޑިވެލޮޕްމަންޓް" އިފްތިތާޙުކޮށްދެއްވާފައެވެ.
މި ފަންޑުގެ އެހީގައި ޒުވާނުންނަށް ވިޔަފާރީގެ ތަމްރީނާއި، މެންޓަރޝިޕް އަދި ވިޔަފާރީގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ވަނީ ހަމަޖެހިފައިކަމަށް ވެސް އެ ނޫހުގައި ބުނެފައިވެއެވެ.
ޤާސިމް ވިޔަފާރީގެ މައިދާނަށް ނުކުމެވަޑައިގަތީ 1976 ވަނަ އަހަރު، އަމިއްލަ މުދާ ރަހުނުކޮށް 15,000 ރުފިޔާގެ ލޯނެއް ނަންގަވައިގެންނެވެ.
އޭގެ ފަހުން ވޭތުވެދިޔަ އަހަރުތަކުގައި ފަތުރުވެރިކަމާއި އެކި ދާއިރާތަކަށް ވިޔަފާރި ފުޅާކުރައްވައި، ރާއްޖޭގެ އަމިއްލަ ވިޔަފާރީގެ އެންމެ ވަރުގަދަ އެއް ބާނީގެ މަޤާމު އެމަނިކުފާނު ވަނީ ހޯއްދަވާފައެވެ. އަދި ވިލާ ފައުންޑޭޝަން މެދުވެރިކުރައްވައި އެތައް ހާސް ދިވެހިންނަކަށް ބޭސްފަރުވާއާއި މަތީ ތަޢުލީމުގެ ސްކޮލަޝިޕްގެ ފުރުސަތުތައް ވެސް ގެންދަވަނީ ފަހިކޮށްދެއްވަމުންނެވެ.
ގައުމަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވައި، ޖުލައި 2025 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިވެހި ދައުލަތުގެ އެންމެ މަތިވެރި އެއް ޢިއްޒަތް ކަމަށްވާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު (ނޢޢވ) ވެސް ޤާސިމް އިބްރާހީމަށް އަރުވާފައެވެ.