ވިލިމާލެ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

މީގެ ކުރިން ހއ. ހުވަހަންދޫ ކައިރިން ދަތުރުކުރަމުންދިޔަ ދޯންޏަކާއި ލޯންޗެއް ޖެހި، ހިނގި އެކްސިޑެންޓެއްގެ ފޮޓޯއެއް--- ފައިލް ފޮޓޯ/ އިހަވަންދޫ ކައުންސިލް

ވިލިމާލެއާ ދިމާ ބޭރުން މިއަދު ހަވީރު ލޯންޗަކާއި ދޯންޏެއް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް އެކިވަރުގެ އަނިޔާތައް ވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 16:50 އެހައިކަންހާއިރުއެވެ. އެކްސިޑެންޓް ހިނގާފައިވަނީ ވިލިމާލެއާ ދިމާ ބޭރު ކަނޑުމަތީގައެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ލޯންޗުގެ ކެޕްޓަނަށާއި އޭގެ ފަޅުވެރިއަކަށެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި، މި ހާދިސާގައި ދެ އުޅަނދަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކަނޑުމަތީގެ އެކްސިޑެންޓުތައް މަދުން ނަމަވެސް ހިނގަމުން އަންނައިރު، މިފަދަ އެކްސިޑެންޓުތަކުގެ ސަބަބުން މީގެ ކުރިން އެތައް ބައެއްގެ ފުރާނަ ގެއްލިފައިވެއެވެ. އަދި މީހުންގެ އަގުބޮޑު އެތައް މުދަލަކަށް ގެއްލުންލިބިފައިވެއެވެ.

ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ކަނޑުމަތީގެ އެކްސިޑެންޓްތަކަކީ ފުރާނައަށާއި މުދަލަށް ބޮޑެތި ގެއްލުންތައް ލިބޭ ނުރައްކާތެރި ހާދިސާތަކަކަށް ވާތީ، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ފުލުހުންގެ މެރިން ޕޮލިހުންނާއި އެމްއެންޑީއެފް ކޯސްޓްގާޑު ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

މެރިން ޕޮލިހުން ފާހަގަކުރާ ގޮތުގައި ކަނޑުމަތީގެ އެކްސިޑެންޓްތައް މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ފަޅުތެރެއާއި ކަނޑުއޮޅި ފަދަ ތަންތަނުގައި އެހެން އުޅަނދުތަކަށާއި މީހުންނަށް ނުރައްކާވާ މިންވަރަށް ބާރު ސްޕީޑުގައި ދުއްވުމާއި، މޫސުމީ އިންޒާރުތަކަށް ނުބަލައި ކަނޑުގަދަ އަދި ފެންނަ މިންވަރު ކުޑަ ހާލަތްތަކުގައި ދަތުރުކުރުން ހިމެނެއެވެ.

މީގެ އިތުރުން ލައިފްޖެކެޓާއި އަލިފާން ނިއްވާ އާލާތްތައް ފަދަ ސަލާމަތީ ވަސީލަތްތައް ފުރިހަމަ ނުވުމާއި، އުޅަނދުފަހަރުގެ އިންޖީނާއި ހުންގާނު ގަވާއިދުން މަރާމާތު ނުކުރުމުގެ ސަބަބުން ކޮންޓްރޯލް ގެއްލުމާއި، ރޭގަނޑު ދަތުރުކުރާއިރު އަޅަންޖެހޭ ނެވިގޭޝަން ލައިޓް ނުދިއްލުން ފަދަ ކަންކަން ހިމެނެއެވެ.

ކަނޑުމަތީގެ މިފަދަ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށްޓަކައި މެރިން ޕޮލިހުން ދަނީ މާލެ ސަރަހައްދާއި އަތޮޅުތެރޭގެ ކަނޑުގެ ސަރަހައްދުތައް ޕެޓްރޯލްކޮށް، އުޅަނދުފަހަރު ހުއްޓުވައި ސަލާމަތީ އާލާތްތަކާއި ކެޕްޓަނުންގެ ލައިސަންސް ޗެކްކުރަމުންނެވެ. އަދި ގަވާއިދާ ޚިލާފަށް ދުއްވާ ފަރާތްތަކަށް ފިޔަވަޅުއެޅުމާއި، އޮޑިވެރިންނާއި ކެޕްޓަނުން ހޭލުންތެރިކުރުވުމުގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ކުއްލި ހާލަތްތަކުގައި މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންތައްވެސް ދަނީ ހިންގަމުންނެވެ.

comment ކޮމެންޓް