ޓެކްނޮލޮޖީއާއެކު ވެސް ފަތުރުވެރިކަމުގެ މައިގަނޑަކީ އިންސާނީ ގުޅުން: ސިޔާމް

15 ޖޫން 2026: ވިލުރީފްގައި އާ އޯޝަން ވިލާތައް ހުޅުވުމުގެ ހަފްލާގެ ތެރެއިން ސަން ސިޔާމް ގްރޫޕުގެ ޗެއާމަން އަހްމަދު ސިޔާމް މުޙައްމަދު -- ސަން ފޮޓޯ: އާއިޝް އަޝްރަފް

ފަތުރުވެރިކަމުގެ ސިނާއަތުގައި ޑިޖިޓަލް ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރާ މިންވަރު އިތުރުވަމުން ދިޔަ ނަމަވެސް، މެހެމާންދާރީގެ އެންމެ މުހިންމު ބަޔަކީ އިންސާނީ ގުޅުން ކަމަށް ސަން ސިޔާމް ގްރޫޕްގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު އަޙްމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ނެރުއްވި މެސެޖެއްގައި ސިޔާމް ވިދާޅުވީ، މި އަހަރުގެ ޝިއާރު ކަމަށްވާ "ޑިޖިޓަލް އެޖެންޑާ އެންޑް އާޓިފިޝަލް އިންޓެލިޖެންސް ޓު ރީޑިޒައިން ޓުއަރިޒަމް" އިން ހަނދާންކޮށްދެނީ ޓެކްނޮލޮޖީގެ ސަބަބުން ދަތުރުފަތުރުކުރާ ގޮތަށް ބަދަލުތަކެއް އައި ނަމަވެސް، މެހެމާންދާރީގެ ހިތަކީ އަބަދުވެސް އިންސާނީ ގުޅުން ކަން ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަން އެހާ ޚާއްސަ ކަމަކަށް ހަދައިދޭ ހުރިހާ ފަރާތްތަކަށް، ޚާއްސަކޮށް އެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ރަށްރަށުގެ މުޖުތަމައުތަކަށް އެމަނިކުފާން ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ. އަދި ރާއްޖެ ތަފާތުކޮށްދޭ ސިފަތައް ނުގެއްލޭނެހެން އާ ކަންކަން ތައާރަފުކުރުމަށް ވެސް ސިޔާމް ގޮވާލެއްވިއެވެ.

ސިޔާމް، 1990 ވަނަ އަހަރު އުފެއްދެވި ސަން ސިޔާމް ގްރޫޕަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނީގެ ފުރަތަމަ ރިސޯޓު ކަމަށްވާ ސަން ސިޔާމް ވިލުރީފް 1998 ވަނަ އަހަރު ހުޅުވިއިރު، މިހާރު އެ ގްރޫޕުން ރާއްޖޭގައި ފަސް ރިސޯޓު އަދި ސްރީލަންކާގައި ބުޓީކް ބީޗް ރިޓްރީޓެއް ހިންގައެވެ. ކުންފުނިން ބުނާ ގޮތުގައި އެ ގްރޫޕުގެ ޕްރޮޕަޓީތައް ބަހާލެވިފައިވަނީ ލަގްޒަރީ، ޕްރިވޭ އަދި ލައިފްސްޓައިލް ކަލެކްޝަންތަކަށެވެ. މީގެ ތެރޭގައި 2021 ވަނަ އަހަރު ހުޅުވި ސިޔާމް ވޯލްޑް ހިމެނޭއިރު، އެތަނަކީ ތަފާތު ކުޅިވަރުތަކާއި، ކެއިންބުއިމުގެ ޚިދުމަތްތަކުގެ އިތުރުން އާއިލާތަކަށް ޚާއްސަ ގިނަ ވަސީލަތްތަކަކާއެކު ތަރައްގީކޮށްފައިވާ ރާއްޖޭގެ އެންމެ ބޮޑު އެއް ރިސޯޓެވެ.

ސިޔާމް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، އާ ރިސޯޓު ކޮންސެޕްޓްތައް ތަރައްގީކޮށް ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އިންވެސްޓުކުރަމުން ދިޔަ ނަމަވެސް، އެ ގްރޫޕުގެ ކުރިއެރުން ބިނާވެފައިވަނީ ދިވެހިންގެ ސަގާފަތާއި، އަސްލުވަންތަކަމާއި، މުޖުތަމައުގެ މައްޗަށެވެ.

comment ކޮމެންޓް