މުއްތަލިބުގެ ޔަގީންކަން: "ދުބާއީއާއި ސިންގަޕޫރުގެ ތަރައްގީގެ މޮޑެލްއާ އެއްގޮތަށް، ހޯދަނީ ދިގު މުއްދަތުގެ ކުރިއެރުން"

އީގަލް ހިލްސްއާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ހައުސިން މިނިސްޓްރީ

އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު، އީގަލް ހިލްސް އިން ރާއްޖޭގައި ކުރާ 20 ބިލިއަން ޑޮލަރު (308 ބިލިއަން ރުފިޔާ)ގެ އިންވެސްޓްމެންޓު ހޯދުމުގައި އަމަލުކޮށްފައިވަނީ ދުބާއާއި އާއި ސިންގަޕޫރުގެ ތަރައްގީގެ މޮޑެލްއިން މިސާލު ނަގައިގެން، ދިގު މުއްދަތުގެ ކުރިއެރުމަށް ވިސްނައިގެން ކަމަށް އިންްފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ރަސްމާލޭގައި މެރީނާއެއް ތަރައްގީ ކުރުން ހިމެނޭހެން ތާރީޚީ ބޮޑު މަޝްރޫއެއް ހިންގުމަށް، އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ މެދު މިދިޔަ ހޯމަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ މަޝްރޫއުގެ ދަށުން ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތަކާއި ޕްރީމިއަމް އަދި ބްރޭންޑެޑް ރެޒިޑެންސްތަކާއި ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި ވޯޓާފްރަންޓް ޕްރޮމެނާޑްތަކާއި، ރެސްޓޯރެންޓްތަކާއި ފިހާރަތަކާއި މުނިފޫހިފިލުވުމާއި ވެލްނެސް ސެންޓަރުތައް ތަރައްގީކުރާން ވަނީ އެއްބަސްވެފައެވެ.

އެ މަޝްރޫއާ ގުޅޭ މައުލޫމާތު ދެއްވަމުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މުއްތަލިބު ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން ސަރުކާރަށް އެޑްވާންސްކޮށް ފައިސާ ނުލިބުނު ނަމަވެސް، ދައުލަތަށް ދެމެހެއްޓެނިވި ގޮތެއްގައި ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މިހާރު ފަތުރުވެރިކަމުގެ ދާއިރާއިން ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ބިމު ކުއްޔާއި އެކުއިޒިޝަން ކޯސްޓުންނެއް ނޫނެވެ. އޭގެ ބަދަލުގައި އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ޓީޖީއެސްޓީންނެވެ. އެގޮތުން 2024 ވަނަ އަހަރު ބިމު ކުލީގެ ގޮތުގައި 1.88 ބިލިއަން ރުފިޔާ ލިބުނުއިރު، ޓީޖީއެސްޓީގެ ގޮތުގައި 9.6 ބިލިއަން ރުފިޔާ ލިބިފައިވާކަން މުއްތަލިބު ހާމަކުރެއްވިއެވެ.

އެހެންވެ، ރަސްމާލެ ތަރައްގީ ކުރީ، ޓީޖީއެސްޓީން އާމްދަނީ ލިބޭ ގޮތަށް ކަމަށާއި، އޭގެ އިތުރަށް މާސްޓަ ޑިވެލޮޕަރުގެ އާމްދަނީގެ 10 ޕަސެންޓް ވެސް ސަރުކާރަށް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހަމައެއާއެކު، ރަސްމާލޭން ވިއްކާ ކޮންމެ ޕްރޮޕަޓީއަކުން ހަތަރު ޕަސެންޓްގެ ފީއެއް ނެގުމަށް ހަމަޖެހިފައިވާއިރު، ޕްރޮޕަޓީ ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ޖަމާކުރާނީ ރާއްޖޭގައި ހުޅުވާ އެސްކްރޯ އެކައުންޓަކަށްކަން މުއްތަލިބު ފާހަގަކުރެއްވިއެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަނީ: ރަސްމާލޭގެ މަޝްރޫއުގެ އިންވެސްޓްމެންޓްގައި ބަލަނީ ދުބާއީއާއި ސިންގަޕޫރުގެ ތަރައްގީގެ މޮޑެލްއާ އެއްގޮތަށް ކަމަށް ކުރިއަށްދިޔުމަށް ކަމަށް މިނިސްޓަރު ވިދާޅުވި --- ފޮޓޯ/ އެމްއޭސީއެލް

އޭނާ ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި މި މަޝްރޫއު ފުރިހަމަވާއިރު، އަހަރަކު އެއް މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ބެލެވެއެވެ. އަދި މަޝްރޫއު ހިނގަމުންދާ މުއްދަތުގައި ދައުލަތަށް 11 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބި، 54،000 ވަޒީފާ އުފެދޭނެ ކަމަށް މުއްތަލިބު ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވީ އެއީ ސަރުކާރުން ލޯނެއް ނުނަގައި، ސޮވެރިން ގެރެންޓީއެއް އަދި ޓެކްސްގެ ލުޔެއް ވެސް ނުދީ ހިންގާ މަޝްރޫއެއް ކަމެވެ.

ރަސްމާލެ ތަރައްގީ ކުރުމުގެ ބަދަލުގައި، ހުޅުމާލޭގައި ބޯހިޔާވަހިކަން ފޯރުކޮށްދޭން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފައިވާތީ، އެ ވާހަކަފުޅަށް ވެސް މުއްތަލިބު ރައްދެއް ދެއްވިއެވެ. އެގޮތުން އީގަލް ހިލްސްއިން ހުޅުމާލޭގައި ތިން ކޮޓަރީގެ 5،000 ހައުސިން ޔުނިޓް އިމާރާތްކުރާނެ ކަމަށާއި، އެ ކަމަށް 400 މިލިއަނާއި 500 މިލިއަން ޑޮލަރާ ދެމެދުގެ ޚަރަދެއް ހިނގާއިރު އެ ފައިސާ ހަމަޖައްސާނީ އީގަލް ހިލްސްއިންކަން އޭނާ ފާހަގަކުރެއްވިއެވެ.

މުއްތަލިބު ވިދާޅުވި ގޮތުގައި އެ ފައިސާ އަނބުރާ ދައްކާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީން ކަނޑައިގެންނެވެ.

މީގެ އިތުރުން، ބޮޑެތި މަޝްރޫއުތަކަކީ ދައުލަތުގެ ފައިސާ އިސްރާފުކުރުން ކަމަށް ސިފަކުރައްވައި، އެފަދަ މަޝްރޫއުތައް ހުއްޓާލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައިވާތީ، މުއްތަލިބު ވިދާޅުވީ އަސްލު އިސްރާފަކީ ބިން ހިއްކުމަށްފަހު އެ ތަންތަނުގައި އަސާސީ ޚިދުމަތްތައް ގާއިމުނުކުރެވި، އެތައް އަހަރެއް ވަންދެން ބިންތައް ހުސްކޮށް އޮތުން ކަމަށެވެ.

އެފަދަ ބިން ހިއްކުމުގެ މަޝްރޫއުތަކާ ޚިލާފަށް، ރަސްމާލެ ތަރައްގީކުރަން ހަދައިފައިވާ އެއްބަސްވުމުގެ ސަބަބުން އެ ސަރަހައްދުގައި ޚިދުމަތްތައް ގާއިމުކުރުމަށް ބޭނުންވާ ފައިސާ ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހަމައެއާއެކު، އިގުތިސާދު ސިންދަފާތުކޮށް، އާމްދަނީ އިތުރުކުރުމުން ނޫނީ ކޮންމެ ސަރުކާރެއްގައި ވެސް ދަރަނި ކުޑަކޮށް، ޚަރަދުތައް ހަމަޖެއްސުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ، ކުރިއަށް އޮތް ޖީލަށް އެކަން ބަދަލުކޮށްދިނުމަށް ޓަކައި، ޒިންމާދާރު ސަރުކާރަކުން އިސްލާހުތައް ގެނެސް، ދައުލަތަށް އިތުރު އާމްދަނީއާއި ވިޔަފާރި ފުރުސަތުތަކާއި ރަނގަޅު މުސާރައެއް ލިބޭ ވަޒީފާތައް ހޯދައިދޭން ޖެހޭ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

https://sun.mv/227817

މުއްތަލިބު ކިޔައިދެއްވި ގޮތުގައި، ދުބާއީއާއި ސިންގަޕޫރުން މިހާރު ފެންނަ ތަރައްގީއަށް ވާސިލުވެފައިވަނީ އެއްބަސްވުންތަކުގައި ސޮއިކުރިއިރު ލިބުނު ފައިސާއަކުން ނޫނެވެ. ނަމަވެސް އެއީ، އިންވެސްޓްމެންޓުތަކުން ލިބުނު ވިޔަފާރިއާއި ފަތުރުވެރިންނާއި ޓެކްސްއާއި ވަޒީފާތަކުން ކޮންމެ އަހަރަކު ލިބުނު އާމްދަނީންކަން އޭނާ ފާހަގަކުރެއްވިއެވެ.

ރަސްމާލޭގެ އިންވެސްޓްމެންޓް ހޯދުމުގައި ވެސް މިސާލަކަށް ނެގީ ސިންގަޕޫރާއި ދުބާއީގެ މޮޑެލް ކަމަށާއި އެއީ، ދިގު މުއްދަތުގެ ދެމެހެއްޓެނިވި، އިގުތިސާދީ އަދި އިޖުތިމާއީ ކުރިއެރުން ލިބޭ ފަދަ ގޮތަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އީގަލް ހިލްސްއަކީ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ މާކެޓުތަކުގައި ބޮޑެތި، އެކި ބޭނުންތަކަށް ޚާއްސަ މަންޒިލްތައް ތަރައްގީކުރުމަށް އަމާޒުކޮށްގެން ހިންގާ އަމިއްލަ ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް އަދި ޑިވެލޮޕްމަންޓް ކުންފުންޏެކެވެ. އެ ކުންފުނީގެ މަޝްރޫއުތަކުގައި އާންމުގޮތެއްގައި މީހުން ދިރިއުޅޭ ގޯތިގެދޮރާއި، ހޮޓާތަކާއި، ފިހާރަތަކާއި، ރެސްޓޯރެންޓްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ވަސީލަތްތަކާއި އާންމު މައިދާންތައް ހިމެނެއެވެ.

https://sun.mv/227849

ކުންފުނިން ބުނާ ގޮތުގައި އެ ކުންފުނީގެ މަޝްރޫއުތައް ތިން ބައްރަކަށް ފެތުރިފައިވާއިރު، 20 ގައުމެއްގައި ކުންފުނީގެ ހަރަކާތްތައް ހިންގައެވެ. އަދި ކުންފުނީގެ ޕޯޓްފޯލިއޯގެ އަގު 40 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާކަމަށް ވެސް ބައެއް މަޝްރޫއުތަކުގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގައި އެ ކުންފުނިން ހިންގުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއު ކުރިއަށްގެންދާނީ ރަސްމާލޭގައި ހިއްކާފައިވާ 500 ހެކްޓަރުގެ ބިމުގައެވެ. އެ މަޝްރޫއާއެކު ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި އަހަރަކު ދެ ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް