ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޕީއެންއެފުން މެންބަރުން ވަކިކުރަމުންދާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޝަކީލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް އެދި އެ ޕާޓީން ފުލުހަށް ހުށަހެޅި މައްސަލަ ރަޖިސްޓްރީކޮށްފިއެވެ.
ޝަކީލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް އެދި ޕީއެންއެފުން ފުލުހަށް މައްސަލަ ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހެވެ.
އެ މައްސަލަ ބަލައިގަތްކަން ހާމަކޮށް ފުލުހުން ޔާމީނަށް މިއަދު ފޮނުވި ސިޓީގައިވަނީ، އެ މައްސަލަ އިއްޔެ ބަލައިގެންފައިވާ ކަމަށެވެ.
ބުރާސްފަތި ދުވަހު އެ މައްސަލަ ހުށަހެޅުމުގެ ކުރިން ޕީއެންއެފްގެ ނައިބު ރައީސް އަދި ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ، އެ ޕާޓީން ހޯދި ހޯދުންތަކުން އިލެކްޝަންސް ކޮމިޝަންގެ ތެރެއިން ގަވައިދާ ޚިލާފަށް ޕާޓީން މީހުން ވަކިކުރާކަން އެނގިފައިވާ ކަމަށެވެ.
އެހެނިހެން ޕާޓީތަކުގެ ދަފުތަރުގައި މީހުން ޖައްސާ ކަމާއި ޕީއެންއެފުން މީހުން ވަކިކުރާ ކަމަށް ސާބިތުހިފޭ ވަަރަށް އެ ޕާޓީގައި ހެކި އެބަހުރި ކަމަށް ޖަމީލް ވިދާޅުވިއެވެ.
ޝަކީލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދުނީ އެ މައްސަލަތަކާ ހެދި ކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ޕީއެންއެފްގެ ތުހުމަތުތައް ދޮގުކޮށް ހުކުރު ދުވަހު އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައިވަނީ އާންމުންގެ މެދުގައި ކޮމިޝަނަށާއި ޕާޓީތަކުގެ މެންބަޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭ ގޮތަށް ހަގީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށާއި ހުރިހާ ފަރާތްތަކުން ވެސް ޒިންމާދާރުކަމާއެކު ސިޔާސީ ހަރަކާތްތައް ހިންގުމަށް އެދިފައެވެ.
އެ ކޮމިޝަންގެ ބަޔާނުގައިވަނީ ސިޔާސީ ޕާޓީތަކުގައި ރަޖިސްޓްރީވުމަށް މިހާރު ގާއިމުކޮށްފައިވާ ނިޒާމުގެ ދަށުން ކޮންމެ ރައްޔިތަކަށް ވެސް އީ-ފާސް މެދުވެރިކޮށް ފުރިހަމަ އިޚްތިޔާރުގައި ބޭނުން ވަގުތެއްގައި ޕާޓީއަކަށް ވަނުމާއި ވަކިވުމުގެ ފުރުސަތު ފަހިކޮށްދީފައިވާނެ ކަމަށެވެ.
އެހެންކަމުން، އެ މުއާމަލާތް ހިނގަނީ އެ މީހަކާއި ޕާޓީއާ ދެމެދު ކަމަށާއި، އެ ނިޒާމުގެ ތެރެއިން އެއްވެސް ފަރާތަކަށް ނޭނގި ޕާޓީން އެހެން އެއްވެސް ފަރާތަކަށް ވަތްކެއް ނުކުރެވޭނެ ކަމަށް، އެ ބަޔާނުގައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި، ގިނަ ބަޔަކަށް ނޭނގި ވެރިކަން ކުރާ ޕާޓީ ޕީއެންސީއަށް ވައްދާފައިވާ ކަމުގެ ތުހުމަތުތައް މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭ ފެންމަތިވިއެވެ.
އެ ތުހުމަތުތައް ކުރަމުންދަނިކޮށް، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް)ގެ ތެރޭ، އެ ތަނުގެ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވަގަށް މެންބަރުން ވައްދަން މަސައްކަތްކުރާކަމަށް ތުހުމަތުކުރެވޭ ފޮޓޯއެއް ވެސް ލީކުވިއެވެ.
އީފާސް މެދުވެރިކޮށް އޮންލައިންކޮށް ސިޔާސީ ޕާޓީތަކުގައި ރަޖިސްޓްރީވެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ބަދަލުކުރީ އޮޅުވައިލައިގެން ޕާޓީއަށް ވެއްދުމާއި ޕާޓީ ބަދަލުކުރާ މައްސަލަ ބޮޑުވުމުންނެވެ.