ޕީއެންއެފުގެ މެންބަރުން ޕާޓީން ވަކިކުރަމުންދާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޝަކީލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި އެ ޕާޓީން މިއަދު ފުލުހަށް ހުށަހަޅައިފިއެވެ.
އެ މައްސަލަ ހުށަހެޅުމުގެކުރިން ހެންވޭރު ޕޮލިސް ކުރިމަތީ ހުންނަވައި، ޕީއެންއެފުގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވީ، އެ ޕާޓީން ހޯދި ހޯދުންތަކުން އީސީގެ ތެރެއިން ގަވައިދާ ޚިލާފަށް ޕާޓީން މީހުން ވަކިކުރާކަން އެނގިފައިވާ ކަމަށެވެ.
އެހެނިހެން ޕާޓީތަކުގެ ދަފުތަރުގައި މީހުން ޖައްސާ ކަމާއި ޕީއެންއެފުން މީހުން ވަކިކުރާ ކަމަށް ސާބިތުހިފޭ ވަަރަށް އެ ޕާޓީގައި ހެކި އެބަހުރި ކަމަށް ޖަމީލު ވިދާޅުވިއެވެ.
ޝަކީލުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދުނީ، މި މައްސަލަތަކާ ހެދި ކަމަށް ޖަމީލު ވަނީ ވިދާޅުވެފައެވެ.

މައްސަލަ ހުށަހެޅުމަށް ޕީއެންއެފުން ޕޮލިހަށް ދިޔުން --- ފޮޓޯ/ ޕީއެންއެފް
ޕީއެންއެފުން ނެރުނު ބަޔާނެއް ބުނީ، މެންބަރުންގެ ރުހުމަކާ ނުލައި، ގާނޫނާ ޚިލާފަށް ސޮއި ފޯޖުކޮށްގެންނާއި އޮޅުވާލައިގެން ޕާޓީން ވަކިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އީސީއަކީ ސިޔާސީ ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމާއި އިންތިޚާބުތަކާއި ސިޔާސީ ޙަރަކާތްތައް އިންސާފުވެރިކަމާއެކު ހިންގުމުގެ އެންމެ އިސް މަސްއޫލިއްޔަތު އުފުލަންޖެހޭ މުއައްސަސާކަން ފާހަގަކޮށް ޕީއެންއެފުން ބުނީ، އީސީގެ އިސްވެރިޔާގެ އިހުމާލުން ނުވަތަ ބައިވެރިވުމާއެކު މިފަދަ ޖިނާއީ އަމަލުތަކެއް ހިންގުމަކީ ޑިމޮކްރެޓިކް ނިޒާމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.
މި މައްސަލަ ރަސްމީކޮށް ފުލުހުން ބަލައިގަނެފައިވާކަން ހާމަކޮށް ޕީއެންއެފުން ވަނީ، ފުރިހަމަ މިނިވަންކަމާއެކު ވީއެންމެ އަވަހަކަށް މައްސަލަ ތަހުގީގުކޮށް، މި ކަމުގައި ބައިވެރިވި މީހުންނާއި ޝަކީލްގެ މައްޗަށް ޤާނޫނީ ފިޔަވަޅު އަޅައިދިނުމަށް ގޮވާލާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަކީލާއި އިސްވެރިން --- ފޮޓޯ: އިލެކްޝަންސް ކޮމިޝަން
މި ކަމާ ގުޅިގެން ޝަކީލްގެ ބަހެއް ހޯދުމަށް 'ސަން'އިން މަސައްކަތްކުރި ނަމަވެސް ފޯނަށް ޖަވާބުނުދެއްވާތީ ބަހެއް ލިބިފައެއް ނުވެއެވެ.
ފާހަގަކުރެވޭ ގޮތުގައި، ގިނަ ބަޔަކަށް ނޭނގި ވެރިކަން ކުރާ ޕާޓީ، ޕީއެންސީއަށް ވައްދާފައިވާ ކަމުގެ ތުހުމަތުތައް މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފެންމަތިވިއެވެ.
އެ ތުހުމަތުތައް ކުރަމުންދަނިކޮށް، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް)ގެ ތެރޭ، އެ ތަނުގެ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވަގަށް މެންބަރުން ވައްދަން މަސައްކަތްކުރާކަމަށް ތުހުމަތުކުރެވޭ ފޮޓޯއެއް ވެސް ލީކުވިއެވެ. ޑީއެންއާރުން ވެސް ވަނީ ފޯމުތަކެއް
އޭގެތެރޭގައި، ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)ވެސް ހިމެނިވަޑައިގެންވިއެވެ. ފަހުން ފިއްޓޭ ވަނީ އަލުން އެމްޑީޕީއަށް ރަޖިސްޓްރީކޮށްފައެވެ.
އޭގެއިތުރުން، އެމްޑީޕީ އުފެއްދީންސުރެ އެ ޕާޓީގައި އިސްކޮށް މަސައްކަތް ކުރައްވަމުން އަންނަ, ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ތޯރިގު, އޮޅުވާލައިގެން ސަރުކާރު ހިންގާ ޕީއެންސީއަށް ވައްދާފައިވާ ކަމަށް ވިދާޅުވެ, އެ މައްސަލަ އޭނާ ވަނީ ފުލުހަށް ވެސް އޭރު ހުށަހެޅިއެވެ.
އެ މައްސަލަ ބޮޑުވެ، އީސީން ވަނީ ހަމައެކަނި އީފާސް މެދުވެރިކޮށް އޮންލައިންކޮށް ސިޔާސީ ޕާޓީތަކުގައި ރަޖިސްޓްރީވެވޭ ގޮތަށް ބަދަލުކޮށްފައެވެ.