ޕީއެންއެފްގެ ތުހުމަތުތައް ދޮގު، ޕާޓީން މީހުން ވަތްކެއް ނުކުރަން: އީސީ

އީސީގެ ރައީސް މުހައްމަދު ޝަކީލް (ފޮޓޯ/އިސްލާމިކް މިނިސްޓްރީ)

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ މެންބަރުންނަށް ނޭނގި އެ ޕާޓީން ވަކިކުރަމުންދާ ކަމަށް ބުނެ ކުރަމުންދާ ތުހުމަތުތައް ދޮގުކޮށް، އެ އަމަލު އިލެކްޝަންސް ކޮމިޝަނުން މިއަދު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިފަދައިން ބަޔާން ނެރެފައިވަނީ، ޕީއެންއެފްގެ މެންބަރުން ޕާޓީން ވަކިކުރަމުންދާ ކަމަށް ބުނެ، އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޝަކީލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި އެ ޕާޓީން އިއްޔެ ފުލުހަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ.

https://sun.mv/227627

މި މައްސަލަ ހުށަހެޅުމުގެ ކުރިން ހެންވޭރު ޕޮލިސް ސްޓޭޝަން ކުރިމަތީގައި ހުންނަވައި، ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވި ގޮތުގައި، އެ ޕާޓީން ހޯދި ހޯދުންތަކުން އީސީގެ ތެރެއިން ގަވައިދާ ހިލާފަށް ޕާޓީން މީހުން ވަކިކުރާކަން ވަނީ އެނގިފައެވެ. އަދި އެހެނިހެން ޕާޓީތަކުގެ ދަފުތަރުގައި މީހުން ޖައްސާ ކަމާއި ޕީއެންއެފުން މީހުން ވަކިކުރާ ކަމަށް ސާބިތުހިފޭ ވަރަށް އެ ޕާޓީގައި ހެކި އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝަކީލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދުނީ މި މައްސަލަތަކާ ގުޅިގެން ކަމަށް ޖަމީލު ފާހަގަކުރެއްވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، އާންމުންގެ މެދުގައި ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށާއި، ހުރިހާ ފަރާތްތަކުން ވެސް ޒިންމާދާރުކަމާއެކު ސިޔާސީ ހަރަކާތްތައް ހިންގުމަށް އެދެއެވެ.

ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިކުރުމުގައި އޮޅުވާލުންތައް ހިނގާ ކަމަށް ބުނެ އާންމުންނާއި ޕާޓީތަކުން ކުރަމުންދިޔަ ޝަކުވާތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ޕާޓީތަކުގެ މެންބާޝިޕް ނިޒާމުގެ ތެރެއަށް އީ-ފާސް މިހާރު ވަނީ ތައާރަފުކޮށްފައި ކަމަށް ކޮމިޝަނުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، މިހާރު ގާއިމުކޮށްފައިވާ ނިޒާމުގެ ދަށުން ކޮންމެ ރައްޔިތަކަށް ވެސް އެ މީހެއްގެ އަމިއްލަ އީ-ފާސް މެދުވެރިކޮށް، ފުރިހަމަ އިހުތިޔާރުގައި ބޭނުން ވަގުތެއްގައި ޕާޓީއަކަށް ވަނުމާއި ވަކިވުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އެހެންކަމުން، އެއީ ހަމައެކަނި އެ ފަރާތަކާއި ޕާޓީއަކާ ދެމެދު ހިނގާ މުއާމަލާތެއް ކަމަށާއި، މިއީ އިތުރު ފަރާތެއްގެ ބައިވެރިވުމެއް ނެތި ފަރުދީ މިނިވަންކަމުގެ ތެރެއިން ނިންމާ ނިންމުމެއް ކަމަށް އެ ކޮމިޝަނުން ފާހަގަކުރިއެވެ.

މިފަދަ ރައްކާތެރި އަދި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން، އެއްވެސް ފަރާތަކަށް ނޭނގި ޕާޓީން ވަކިކުރުމަކީ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުކުރުމަކީ އެ ކޮމިޝަނަށް ވެސް އަދި އެހެން ފަރާތަކަށް ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

comment ކޮމެންޓް