މަގުމައްޗާއި އިމާރާތްތަކުގައި ސަލާމަތްކަން ޔަގީންކުރަން އެންމެން ގުޅިގެން ފިޔަވަޅު އަޅަން ރައީސްގެ އިލްތިމާސެއް

ރައީސް ޑރ. މުޙައްމަދު މުއިއްޒު: މަގުމައްޗާއި އިމާރާތްތަކުގެ ސަލާމަތްކަން ޔަގީންކުރަން އެންމެން ގުޅިގެން ފިޔަވަޅު އަޅަން ރައީސްވަނީ އިލްތިމާސް ކުރައްވައިފައި -- ފޮޓޯ: ރައީސް އޮފީސް

މަގުމައްޗާއި އިމާރާތްތަކުގައި ސަލާމަތްކަން ޔަގީންކުރަން އެންމެން ގުޅިގެން ފިޔަވަޅު އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިލްތިމާސްކުރައްވައިފިއެވެ.

ރައީސް އެފަދައިން އިލްތިމާސްކުރެއްވީ، ނުރައްކާތެރި ދެ ހާދިސާއެއްްގައި ކުޑަ ދެ ކުދިން މަރުވުމާ ގުޅިގެންނެވެ. އެގޮތުން، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް-7 ކައިރި ހިނގި އެކްސިޑެންޓެއްގައި ނުވަ އަހަރުގެ، ކ.މާލެ، މ.ލެމަންޓްރީ1، ޒީވާ ސިނާން އަޙްމަދު ވަނީ މަރުވެފައެވެ. އަދި ހަމަ އެ ފިޔަވަހީގައި ހުންނަ ސްޓެލްކޯ ޓަވަރަކުން ވެއްޓި، އުމުރުން ދެ އަހަރުގެ އަންހެން ކުއްޖަކު މިއަދު ވަނީ މަރުވެފައެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ދެ ކުދިންގެ މަރުގެ ޚަބަރާއެކު މުޅި ގައުމަށް ވެސް ނުތަނަވަސްކަމާއި ހިތާމަވެރިކަން ވެރިވެފައިވާ ކަމަށެވެ. އެ ދެ ކުދިންގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެ، ރައީސް ވަނީ އެ ދެ ކުދިން ސުވަރުގޭގެ މަތިވެރި ނިޢުމަތްތަކާއި ފާގަތިކަމުގައި ލެހެއްޓެވުން އެދި ދުޢާކުރައްވައިފައެވެ.

https://sun.mv/226821

އެއަށްފަހު އެ މަނިކުފާނު ވަނީ، މަގުމައްޗާއި އުސް އިމާރާތްތަކުގައި ހިނގާ ކުއްލި ނުރައްކާތެރި އެކްސިޑެންޓްތަކާމެދު ޢާންމު ހޭލުންތެރިކަން އިތުރުކުރުމަކީ މުޅި މުޖްތަމަޢު ގުޅިގެން ކުރަން ޖެހިފައިވާ ގައުމީ އަދި އިންސާނީ މަސައްކަތެއް ކަމަށް ވިދާޅުވެފައެވެ. ވަކިން ޚާއްޞަކޮށް، އުސް އިމާރާތްތަކުގެ ކުޑަދޮރާއި ބެލްކަންޏާއި ރެއިލިން ފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުން މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

"ނަފުސާނީ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ތުއްތު ކުދިން ބެލެހެއްޓުމުގައި، އެފަދަ މީހުންނާއި ކުދިން އުޅޭ ގޭގެގައި އިމާރާތްތައް ބަލަހައްޓާ ފަރާތްތަކާއި ޢާއިލާތައް ގުޅިގެން ޒިންމާދާރު ފިޔަވަޅުތަކެއް އަޅަން ޖެހޭ." އެ މަނިކުފާނު ލިޔުއްވާފައިވެއެވެ.

https://sun.mv/226807

މީގެ އިތުރުން، ސަރުކާރާއި ކުންފުނިތަކާއި މަދަނީ ޖަމުޢިއްޔާތަކާއި އެންމެހައި ފަރުދުން ގުޅިގެން، ޚާއްޞަ އިސްކަމެއް ދީގެން، މަގުމައްޗާއި އިމާރާތްތަކުގެ ސަލާމަތް ޔަގީންކޮށް، ހޭލުންތެރިކަން އިތުރުކުރުމުގެ ޕުރޮގްރާމުތައް ވަރަށް ރަނގަޅަށް އިންތިޒާމުކޮށް ކުރިއަށް ގެންގޮސްދިނުމަށް ރައީސް ވަނީ އިލްތިމާސްކުރައްވައިފައެވެ.

ފާހަގަކުރެވޭ ގޮތުގައި، އެފަދަ އިތުރު ހާދިސާއެއް ވެސް އިއްޔެ ހިނގައިފައިވެއެވެ. އެގޮތުން، ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސް ޓަވަރު ދޭއްގެ ތިން ވަނަ ފަންގިފިލާއިން ބޭރަށް 16 އަހަރުގެ ކުއްޖަކު ވެއްޓިފައިވެއެވެ. އެ ކުއްޖާއަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގައި ކަމަށްވާއިރު، ކުއްޖާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

comment ކޮމެންޓް