އަމާން އުދަރެސް ޓަވަރުން ވެއްޓުނު ކުއްޖާގެ ހާލު ރަނގަޅު: ހޮސްޕިޓަލް

ހުޅުމާލޭ ހޮސްޕިޓަލް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހުޅުމާލޭގައި އަލަށް މީހުން ދިރިއުޅެން ފެށި އަމާން އުދަރެސް ޓަވަރަކުން އިއްޔެ ވެއްޓުނު ކުއްޖާގެ ހާލު ސްޓޭބަލް ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެފި އެވެ.

އަމާން އުދަރެސް-2 ގެ ތިންވަނަ ފަންގިފިލާއިން އިއްޔެ ހެނދުނު ވެއްޓިފައިވަނީ 16 އަހަރުގެ ދިވެހި އަންހެން ކުއްޖެކެވެ.

އަމާން އުދަރެސް ޓަަވަރަކުން އެ ކުއްޖަކު ވެއްޓިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ 11:35 ހާއިރުގައި ކަމަށް ފުލުހުން ބުންޏެވެ.

https://sun.mv/226746

ހުޅުމާލެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، އެ ކުއްޖާއަށް ސީރިއަސް އެއްވެސް އަނިޔާއެއް ވެފައި ނުވާ ކަމަށާއި ހާލު ސްޓޭބަލް ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެ ވެއްޓިގެން އެ ކުއްޖާ ހުޅުމާލޭ ހޮސްޕިޓަލަށް ގެނައިރު ވެސް ހާލަތު ރަނގަޅު ކަމަށެވެ. ނަމަވެސް އެ ކުއްޖާއަށް އަދިވެސް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެއާއެކު އަންހެން ކުއްޖާގެ ސާޖަރީއެއް ހެދުމަށް ނިންމައި އެކަން ތާވަލުކޮށްފައިވާ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ވަނީ ބުނެފައެވެ. ހާދިސާއަށްފަހު އެ ކުއްޖާއަށް ފުރަތަމަ ފަރުވާދީފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ހޮސްޕިޓަލުގައި ފަރުވާދެމުން އައި އެ އަންހެން ކުއްޖާގެ ބޮލަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށާއި، ނިއުރޯ ޑިޕާޓްމަންޓުގެ ދަށުން އިތުރު ޓެސްޓުތައް ހެދުމަށްޓަކައި އިއްޔެ ހަވީރު 5:00 ހާއިރު އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އިމާރާތުން ވެއްޓުނު އަންހެން ކުއްޖާ މިހާރު އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށާއި، އެ ކުއްޖާގެ ސާޖަރީއެއް ހެދުމަށް މިހާރު ވަނީ ތާވަލުކުރެވިފައި ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ގޮތުގެ ތަފްސީލެއް އަދި ލިބިފައި ނުވާއިރު، ފުލުހުން ވަނީ މި މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

comment ކޮމެންޓް