ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ، ސްޓެލްކޯގެ ފްލެޓެއްގެ މަތިން ކުޑަ އަންހެން ކުއްޖަކު ވެއްޓި މަރުވެއްޖެއެވެ.
މަންޒަރު ދުށް މީހަކު 'ސަން'އަށް ކިޔައިދިން ގޮތުގައި، އެ ކުއްޖާ ވެއްޓުނީ 12:40 ހާއިރެވެ.
ހުޅުމާލޭ ހޮސްޕިޓަލުން ބުނީ 12:43 ކަންހާއިރު އެ ކުއްޖާ ހޮސްޕިޓަލަށް ގެނައި އިރުވެސް ވަނީ މަރުވެފައި ކަމަށެވެ. އެއީ ދެ އަހަރުގެ ކުއްޖެއް ކަމަށް ފުލުހުން ބުންޏެވެ.
އެ ސަރަހައްދުގައި މިހާރު ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ފާހަގަކުރެވޭ ގޮތުގައި، އިއްޔެ ވެސް މި ފަދަ ހާދިސާ އެއް ހިނގިއެވެ. އެގޮތުން، ހުޅުމާލެ ފޭސް 2، އަމާން އުދަރެސް ޓަވަރު ދޭއްގެ ތިން ވަނަ ފަންގިފިލާއިން ބޭރަށް 16 އަހަރުގެ ކުއްޖަކު ވެއްޓުނެވެ. އެ ކުއްޖާއަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގައެވެ.
އެ ހޮސްޕިޓަލުން ވަނީ އެ ކުއްޖާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ބުނެފައެވެ.