ހިނިތުންވުމުން ފުރިގެންވި، ހަރަކާތްތެރި، އަދި ކިޔެވުމަށް ލޯބިކުރި އެ ސްކޫލުގެ ދަރިވަރު ޒީވާ ސިނާން އަހުމަދު މިއަދު ފަތިހު ފަނާވަނިވި ދުނިޔެއާ އަލްވަދާއު ކިޔުމަކީ މުޅި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލަށާއި އޭނާ ދަންނަ އެންމެހައި ފަރާތްތަކަށް ކުއްލި ސިހުމަކާއި ފުން ހިތާމައެއް ގެނުވި ކަމެކެވެ.
ޒީވާ ދުނިޔެ ދޫކުރީ، މިދިޔަ ހޮނިހިރު ދުވަހު ހިނގި އެކްސިޑެންޓެއްގައި ލިބުނު ސީރިއަސް އަނިޔާތަކަަށް ފަރުވާ ދެނިކޮށް މިއަދު ފަތިހުގެ ވަގުތެއްގައެވެ.
ގްރޭޑް ހަތަރެއްގައި ތަޢުލީމު ހާސިލުކުރަމުން ދިޔަ ޒީވާ ވަކިވެދިޔުމާ ގުޅިގެން، ބިލަބޮންގް ސްކޫލުން ނެރުނު ހިތާމައިގެ ބަޔާނުގައި ވަނީ، ޒީވާއަކީ ގްރޭޑް އެކަކުން ފެށިގެން އެ ސްކޫލުގެ އާއިލާއާ ގުޅި، ގިނަގުނަ އަގުހުރި ހަނދާންތަކެއް އެކުގައި ބިނާކޮށްފައިވާ ދަރިވަރެއް ކަމަށެވެ.
މިއަދު ފަތިހު މަރުވި ޒީވާ --އަދި އޭނާއަކީ ކިޔެވުމަށް ނުހަނު ޝައުގުވެރިކަން ބަހައްޓައި، ސްކޫލް ފަޚުރުވެރިވާ ފަދަ ނަތީޖާތަކެއް ހޯދަމުން އައި ކުޅަދާނަ ދަރިވަރެއްކަން ސްކޫލުން ފާހަގަކުރެއެވެ.
މީގެ އިތުރުން، ޒީވާއަކީ އަބަދުވެސް ރީތި ހިނިތުންވުމަކާއެކު އެންމެންނާ ބައްދަލުކުރާ، އޯގާތެރި، އަދި އެކުވެރި މިޒާޖެއްގެ ކުއްޖެއް ކަމަށާއި، އޭނާގެ "ހިނިތުންވުމާއި ހުނުމުގެ އަޑު ސްކޫލުގެ ހޯލުތަކުގައި އަބަދުވެސް ގުގުމަމުންދާނެ" ކަމަށް ސްކޫލުން ބުނެފައިވެއެވެ.
ސްކޫލުން ވަނީ މި ހިތާމަވެރި ވަގުތުގައި ޒީވާގެ އާއިލާއަށާއި އެކުވެރިންނަށް ކެތްތެރިކަން ދެއްވުމަށާއި، ޒީވާއަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރެއްވުން އެދި ދުޢާކޮށްފައެވެ.
ޒީވާގެ ވަކިވުމާއެކު ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ދަނީ އޭނާއަށް ހެޔޮ ދުޢާކޮށް، އޭނާގެ ހަނދާންތައް އާކުރަމުންނެވެ. އެގޮތުން، ވާހަކަދެއްކުމުގެ ދާއިރާގެ މަޝްހޫރު ކޯޗެއް ކަމަށްވާ ފާތިމަތު އާފިޔާ ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މީގެ މަދު މަސްތަކެއް ކުރިން އޭނާ ހިންގި ޕަބްލިކް ސްޕީކިން ޕްރޮގްރާމެއްގައި ޒީވާ ބައިވެރިވި ކަމަށެވެ.
އާފިޔާ ހިއްސާކުރި ޕޯސްޓު --އާފިޔާ ފާހަގަކުރި ގޮތުގައި ޒީވާއަކީ ވަރަށް ހަރަކާތްތެރި، ވާހަކަދައްކަން ލޯބިކުރާ، އަދި ހިތްއަލި ކުއްޖެކެވެ. ފުރަތަމަ ދުވަހުން ފެށިގެން ވެސް ޒީވާއާ މެދު ޚާއްސަ ގުޅުމެއް އުފެދުނު ކަމަށާއި، ޒީވާ އޭނާގެ ބައްޕަދެކެ ވާ ލޯތްބާއި، ބައްޕަ ޒީވާއަށް ޓަކައި ވާ ގުރުބާނީގެ ވާހަކަތައް ހިއްސާކުރި ކަމަށް އާފިޔާ ބުންޏެވެ.
ކުލާހުގެ ބޯޑުގައި ޒީވާ ލިޔެފައިވާ ރީތި މެސެޖެއްގެ ފޮޓޯއެއް ނެގިފައި އޮތުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި، ޒީވާގެ ވަކިވުމުގެ ޚަބަރުން އިންތިހާއަށް ސިހުން ލިބުނު ކަމަށް އާފިޔާ ވަނީ ބަޔާންކޮށްފައެވެ.
ޒީވާގެ މި ކުރު ޙަޔާތުގައި އޭނާ ވަނީ ވަށައިގެންވި އެތައް ބައެއްގެ ހިތްތަކުން ޚާއްސަ ޖާގައެއް ހޯދާފައެވެ. މިއަދު ޒީވާ މި ދުނިޔެއާ ވަކިވެދިޔަ ނަމަވެސް، އޭނާ ދޫކޮށްދިޔަ ފޮނި ހަނދާންތަކާއި އެ މައުސޫމު ހިނިތުންވުން އެކުވެރިންނާއި، ޓީޗަރުން އަދި އާއިލާގެ ހިތްތަކުގައި އަބަދަށް ޓަކައި ދިރިހުންނާނެއެވެ.