ސާފު ކުރާ މީހެއް ހިމެނޭހެން، ޑޮލަރު ވިއްކައިގެން 54 މިލިއަން ރުފިޔާއާއި 1.6 މިލިއަން ޑޮލަރު ދައުރުކުރި 6 ބިދޭސީއެއް

އެ މައްސަލައިގައި ހިފެހެއްޓި މީހުން: އެ މީހުންގެ އެކައުންޓުގައި 54 މިލިއަން ރުފިޔާއާއި 1.6 މިލިއަން ޑޮލަރު ދައުރުކޮށްފައިވޭ -- ފޮޓޯ/ ފުލުހުން

ގާނޫނާއި ގަަވައިދާ ޚިލާފަށް ހުއްދަ ނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމާލަތްކޮށް، އަމިއްލަ އެކައުންޓުތަކުގައި ތިން އަހަރު ތެރޭ 54 މިލިއަން ރުފިޔާއާއި 1.6 މިލިއަން ޑޮލަރު ދައުރުކުރި ހަ ބިދޭސީއެއް ފުލުހުންނާއި އިމިގްރޭޝަނުން ހޯދައިފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގާނޫނާއި ގަަވައިދާ ޚިލާފަށް ހުއްދަ ނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމާލަތް ކުރާ މީހުން ދެނެގަތުމަށް އެކުލަވައިލައިފައިވާ ޓާސްކްފޯސްއިން ހަ ބިދޭސިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެެވެ.

މިހާތަނަށް ތަހުގީގަށް އެއްކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ފާއިތުވި ތިން އަހަރު ތެރޭގައި އެ މީހުންގެ އެކައުންޓުތަކުގައި ޖުމުލަ 54.4 މިލިއަން ރުފިޔާއާއި 1.63 މިލިއަން ޑޮލަރު ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ. އަދި އެ މީހުންނަކީ ހުއްދަ ދީފައިވާ މަސައްކަތްކުރުމުގެ ދާއިރާގެ ބޭރުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުން އަންނަ ބަޔެއްކަން ދެނެގަނެވިފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

އެ ހަ މީހުންނަކީ:

  • މުހައްމަދު ރާހުލް އަމީން، ބަންގްލަދޭޝް [ވަޒީފާ: އެކައުންޓެންޓް]
  • މަސްއޫދު މިއާ، ބަންގްލަދޭޝް [ވަޒީފާ: ވެއިޓަރު]
  • އެމްޑީ ފަރީދުއްދީން، ބަންގްލަދޭޝް [ވަޒީފާ: ޑްރައިވަރު]
  • ދުލްކަރުނައި އިމްރާން ޚާން، އިންޑިއާ [ވަޒީފާ: އިންޖިނިއަރު]
  • މުހައްމަދު އަސަތު ކަަލަންދަރު ހުސައިން، އިންޑިއާ [ވަޒީފާ: ސޭލްސްޕާސަން]
  • މުހައްމަދު މަހަމުދުރު ހަސަން، ބަންގްލަދޭޝް [ވަޒީފާ: ސާފުކުރުން]

ފުލުހުން ބުނީ، ގާނޫނާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކާ މީހުންގެ މައްސަލަތައް ބެލުމަށް މިހާތަނަށް ޓާސްކްފޯސްއިން އެއްކޮށްފައިވާ މައުލޫމާތުތައް ދިރާސާކުރިއިރު، ބައެއް އަމިއްލަ ފަރުދުންގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކާއި އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް ބިދޭސީން އިސްވެ ހިންގާ ގާނޫނާ ޚިލާފު އަމަލުތަކުން ހޯދާ ފައިސާ ދައުރުކޮށް މުޢާމަލާތްކުރުމަށް އެ ބިދޭސީންނާ ހަވާލުކޮށްފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ މުއައްސަސާއިން ވަނީ އެއްވެސް މީހެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓް އެހެން ބަޔަކު ހިންގާ ޤާނޫނާއި ޚިލާފު އަމަލުތަކަށް މަގުފަހިކުރުމަށް ދޫކުރުމަކީ އެ މީހެއްގެ މައްޗަށް ވެސް ކުށުގެ ބައިވެރިއެއްގެ ހައިސިއްޔަތުން ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމެއް ކަމަށެވެ. އެހެންވެ، ގާނޫނާ ޚިލާފު އަމަލުތައް ހިންގުމަށް އެއްވެސް މީހަކަށް ބޭންކު އެކައުންޓް ބޭނުންކުރުމުގެ ފުރުސަތު ނުދިނުމަށް ފުލުހުން އިލްތިމާސްކުރިއެވެ.

https://sun.mv/226501

އެފަދަ އަމަލުތައް ކުރާ މީހުން ހޯދައި ގާނޫނީ ފިޔަވަޅު އަޅަމުންދާނެކަމުގެ ޔަގީންކަން އެ މުއައްސަސާއިން ވަނީ ދީފައެވެ.

މިދިޔަ މަހުގެ 24ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ، ހުއްދަ ނުނަގައި ގަވައިދާ ޚިލާފަށް ފައިސާ އެކްސްޗޭންޖު ކުރަމުންދިޔަ ހަތް ފަރާތެއް ބެލިއިރު، ވޭތުވެދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި އެ ފަރާތްތަކުން 76 މިލިއަން ޑޮލަރު ކަޅުބާޒާރުގައި މާރުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

މި ސަރުކާރުން ވަނީ، ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ނިންމައިފައެވެ. އޭގެ ތެރޭގައި އެމްއެމްއޭން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާކަން އިޝްތިހާރުކުރުމާއި ޕްރޮމޯޓުކުރުން މަނާކޮށްފައިވެއެވެ. މިގޮތުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެ ނޫން ވެސް ގޮތަކަށް ކަޅުބާޒާރުގެ ރޭޓުތައް ހާމަކުރުމާއި، ޝާއިއުކުރުމާއި އަދި ފެތުރުމަކީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

https://sun.mv/226457

އެފަދަ އަމަލެއް ކޮށްފިނަމަ އާންމު ފަރުދަކު 25،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި ގާނޫނީ ޝަހުސަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކުން އެފަދަ މައުލޫމާތެއް އާންމުކޮށްފިނަމަ 100،000 ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

އެ ބަދަލުތައް ގާނޫނަށް ގެނައުމަށް، ވެރިކަން ކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިއަދެވެ.

comment ކޮމެންޓް