ދިވެހިރާއްޖޭގައި ހުއްދަ ނުނަގައި ގަވައިދާ ޚިލާފަށް ފައިސާ އެކްސްޗޭންޖު ކުރަމުންދިޔަ ހަތް ފަރާތެއް ބެލިއިރު، ވޭތުވެދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި އެ ފަރާތްތަކުން 76 މިލިއަން ޑޮލަރު ކަޅުބާޒާރުގައި މާރުކޮށްފައިވާ ކަމަށް ހޯމް ލޭންޑް މިނިސްޓަރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.
ކަޅުބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކާ މައްސަލައާ ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އިޙްސާން ވިދާޅުވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރެކޯޑްތަކުން ދައްކާ ގޮތުގައި ރަޖިސްޓްރީ ކޮށްގެން ހިންގަނީ 63 މަނީ އެކްސްޗޭންޖަރެއް ކަމަށެވެ. ނަމަވެސް އެއްވެސް ލައިސަންސެއް އަދި ހުއްދައެއް ނެތި މި ވިޔަފާރިކުރާ ގިނަ ފަރާތްތަކެއް ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ޑޮލަރުން އާމްދަނީ ލިބޭ ވަކިވަކި ފަރުދުން ހިމެނޭކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި މައްސަލައިގެ ތެރެއިން މިހާތަނަށް އެނަލިސިސް ހެދި ހަތް ފަރާތަކުން އެކަނިވެސް ފާއިތުވި ނުވަ މަސް ތެރޭގައި ކަޅުބާޒާރަށް 76 މިލިއަން ޑޮލަރު ނެރެފައިވެއެވެ.
އަދި ރާއްޖޭގެ ގާނޫނު ބުނާގޮތުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމަކީ ޖިނާއީ ކުށެއް ކަމަށާއި، އެފަދަ ކުށެއް ކޮށްގެން ހޯދާ ފައިސާ ވިޔަފާރީގައާއި އަމިއްލަ ބޭނުމަށް ބޭނުންކުރުމަކީ މަނީ ލޯންޑްރިން ކަމަށްވާތީ، އެ ފަރާތްތަކުން އެނގިގެންނާއި ނޭނގި ނަމަވެސް ބައިވެރިވަނީ މަނީ ލޯންޑްރިންގގެ ޢަމަލުތަކެއްގައި ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، މި ތަންތަނަކީ އަމިއްލައަށް ރާއްޖެއަށް ބޭރު ފައިސާ އެތެރެކުރާ ނުވަތަ ޚިދުމަތެއް ދީގެން ޑޮލަރު ހޯދާ ތަންތަން ނޫންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މި މީހުންނަށް ޑޮލަރު ދެނީ ރާއްޖެއިން ޑޮލަރުން އާމްދަނީ ހޯދާ ބޮޑެތި ވިޔަފާރިތަކުން ކަމަށެވެ.
މީގެ ތެރޭގައި ރާއްޖޭގެ ނަން މަޝްހޫރު ބޮޑެތި ރިސޯޓުތަކާއި، ކޮންސްޓްރަކްޝަން ފަދަ ޓޫރިޒަމް ދާއިރާއަށް ޚިދުމަތްދީގެން ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތައް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
"އޭގެ ތެރެއިން އެއް ރިސޯޓު ޗޭނަކުން މިދިޔަ ނުވަމަސް ދުވަސް ތެރޭގައި ހަތަރު މިލިއަން ޑޮލަރު ކަޅުބާޒާރުގައި މާރުކޮށްފައިވޭ. އެމްއެމްއޭގެ އުސޫލުން މާރުކުރަން ޖެހޭ މިންވަރު މިއަށްވުރެ ކުޑަ. އެކަމަކު އެމްއެމްއޭއަށް މާރުކުރަން ޖެހޭއިރު ޑޮލަރު ނުހުރޭ، ކަޅުބާޒާރަށް ނެރެން ޑޮލަރު އެބަހުރޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިޙްސާން އިތުރަށް ވިދާޅުވީ، ހުއްދަ ނުނަގައި ޑޮލަރު މާރުކުރުމަކީ ބައެއް މީހުން އާދައިގެ ކަމެއްގެ ގޮތުގައި ދުށްނަމަވެސް އެއީ ސީރިއަސް ޖިނާއީ ކުށެއް ކަމަށެވެ.
އަދި އެމްއެމްއޭގެ ކަންބޮޑުވުންތަކާ ގުޅިގެން މިފަދަ އިތުރު ތަންތަން ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް ސަރުކާރުން މިހާރު ވެސް ކުރިއަށް ގެންދާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.