ޝާހިދުގެ އިސްތިއުފާއާ ގުޅުވައި، އެމްޑީޕީގެ ނައިބު ރައީސްކަމުން ހިސާން އިސްތިއުފާ ދެއްވައިފި

ހިސާން އާއި ޝާހިދު އެކުގައި: ޝާހިދުގެ އިސްތިއުފާއާ ގުޅުވައި ހިސާން މިއަދު ވަނީ އެމްޑީޕީގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވައިފައި-- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހިސާން ހުސައިން އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި، އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދަށް ވަނީ އިސްތިއުފާގެ ސިޓީ ފޮނުއްވާފައެވެ.

ހިސާން މި މަގާމަށް އައްޔަންކުރީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެ މަގާމަށް އޭނާ އައްޔަންކުރީ، އޭގެ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒު މަގާމުން އިސްތިއުފާ ދެއްވައި ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.

ހިސާން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި، އެމްޑީޕީގެ އަސާސީ ގަވާއިދު މިހާރު އޮތް ގޮތުން ޕާޓީގެ ނައިބު ރައީސްގެ މަގާމަކީ އާންމު މެންބަރުންގެ ސީދާ ވޯޓަކުން އިންތިހާބުކުރާ މަގާމެއް ނޫނެވެ. އެއީ ޕާޓީގެ ރައީސްގެ ހުށަހެޅުއްވުމަށް، ގައުމީ މަޖިލީހުގެ ރުހުމާއެކު އައްޔަންކުރާ މަގާމެކެވެ. އެހެންކަމުން، އޭނާގެ މަގާމުގެ ހައިސިއްޔަތާއި މެންޑޭޓް ގުޅިފައިވަނީ ނަން ހުށަހެޅުއްވި ޕާޓީގެ އޭރުގެ ރައީސް އަބްދުالله ޝާހިދުގެ މެންޑޭޓާ ކަމަށް ހިސާން ވިދާޅުވިއެވެ.

https://sun.mv/226033

ޕާޓީގެ ރައީސް މަގާމުން އިސްތިއުފާ ދެއްވުމުން، ޑިމޮކްރަސީގެ ރިވެތި އުސޫލުތަކާއި ހަމަތަކަށް ރިއާޔަތްކުރާއިރު، އާ މެންޑޭޓެއް ނެތި ނައިބު ރައީސްގެ މަގާމުގައި ދެމިހުރުމަކީ ޑިމޮކްރަސީގެ އަސާސްތަކާ އެކަށީގެންވާ ކަމެއް ކަމަށް ނުދެކޭ ކަމަށް ހިސާން ވިދާޅުވިއެވެ.

ރަސްމީ މަގާމެއްގައި ނެތް ކަމުގައި ވިޔަސް، ޕާޓީގެ އާންމު މެންބަރެއްގެ ހައިސިއްޔަތުން އެމްޑީޕީގެ ކުރިއެރުމަށާއި ޕާޓީއަށް ހިދުމަތްކުރުމުގައި އަބަދުވެސް ދެމިހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ހިސާން ވަނީ ޕާޓީގެ ލީޑާޝިޕަށާއި މެންބަރުންނަށް އަރުވާފައެވެ. އަދި މަގާމުގައި ހިދުމަތްކުރުމަށް ލިބުނު ފުރުސަތުގައި ޕާޓީގެ އެންމެހައި ފަރާތްތަކުން ދެއްވި އެއްބާރުލުމަށް އޭނާ އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

ހިސާން އިސްތިއުފާ ދެއްވާފައި މިވަނީ، އެމްޑީޕީގެ ރައީސް ކަމުން ޝާހިދު ދާދި ފަހުން އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ. ޝާހިދު އިސްތިއުފާ ދެއްވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށެވެ. އޭނާ ވަނީ މިހާރު ރަސްމީކޮށް ކެމްޕެއިން ފައްޓަވާފައެވެ.

މީގެ އިތުރުން، ޝާހިދުގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންކަމުގެ މަގާމުގައި ހުންނެވި އަހުމަދު އަބްދުﷲ ވެސް އިއްޔެ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

comment ކޮމެންޓް