މުސާރަ ބޮޑުކުރުމުގެ ނިންމުމަށް އެމްޑީޕީ މެންބަރުންގެ ކަންބޮޑުވުން: "އެއީ އިތުރުވާ 40 މިލިއަން ރުފިޔާ"

އެމްޑީޕީގެ މަޖިލިސް މެންބަރުން: ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރައާއި އިނާޔަތް ބޮޑުކުރުމަށް ވުރެ އާންމުންގެ ކަންކަމަށް އިސްކަންދިނުމަށް ވަނީ ގޮވައިލައިފައި -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރައާއި އިނާޔަތް ބޮޑުކުރުމަށް ނިންމުމުގެ ސަބަބުން ދައުލަތުގެ ޚަރަދަށް އަހަރަކު 40 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެ، އެ ނިންމުން ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މައި އިދިކޮޅު ޕާޓީ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޮވައިލައްވައިފިއެވެ.

އެމްޑީޕީގެ މަޖިލީހުގެ މެންބަރުންގެ ތެރޭ ތިއްބަވާ 13 މެންބަރުންގެ ތެރެއިން 12 މެންބަރަކު ސޮއިކުރައްވައި ނެރުއްވި ނޫސްބަޔާނުގައި ވަނީ، ގައުމުގެ އިގުތިޞާދީ ހާލަތު ދަށަށް ގޮސް އާންމުންގެ ދިރިއުޅުމުގެ ޚަރަދުބަރަދު އުފުލިފައިވާ ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރައާއި އިނާޔަތް ބޮޑުކުރުމަށް ނިންމި ނިންމުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

އެ ނިންމުމުގައި އެމްޑީޕީގެ އެއްވެސް މެންބަރެއްގެ ބައިވެރިވުމެއް ނެތް ކަމަށް އެ ބަޔާނުގައިވެއެވެ.

https://sun.mv/229424

ބަޔާނުގައި ވަނީ، ކައުންސިލުތަކަށް ދައުލަތުގެ ބަޖެޓުން ދޭ ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ އަދަދަކީ އާންމުންގެ އެތައް ބޭނުމެއް ފުއްދަން ބަޖެޓުގައި ހިމަނައިފައިވާ އަދަދުތަކެއް ކަމަށާއި ބްލޮކް ގްރާންޓަށް ބަދަލު ނުގެނެސް ކައުންސިލަރުންނާއި ކައުންސިލު ރައީސުންގެ މުސާރައަށް ބަދަލު ގެނައުމަކީ އާންމުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކަށް ބުރޫއަރާނެ ކަމެއް ކަމަށް ކައުންސިލުތަކުން ވެސް ބުނަމުން އަންނަ ކަމަށެވެ.

އޭގެ އިތުރުން ޕޭ ހާމަނައިޒޭޝަންގެ އެތައް ކަންބޮޑުވުމެއް އޮތް އިރު އެ ކަންބޮޑުވުންތަކާ ގުޅިގެން މިދިޔަ އަހަރުގެ ޖޫން މަހުގެ މެދުތެރޭ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރުގެ މަސައްކަތް އަދިވެސް އޮތީ ކޮމިޓީގައި ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

މާލިއްޔަތު ކޮމިޓީން މިދިޔަ ބުދަ ދުވަހު ނިންމި ނިންމުމުގެ ސަބަބުން ދައުލަތުގެ ޚަރަދަށް އަހަރަކު 40 މިލިއަން ރުފިޔާ އިތުރުވާނެ ކަން ފާހަގަކޮށް، އެ ބަޔާނުގައި އެމްޑީޕީގެ މަޖިލީހުގެ މެންބަރުން ވަނީ، މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރައާއި އިނާޔަތް ބޮޑުކުރުމަށް ނިންމި ނިންމުން ބަދަލުކުރުމަށް ގޮވައިލައްވައިފައެވެ. އަދި ވަޒީރުންނާއި މަޖިލީހުގެ ރައީސްގެ މުސާރައާއި އިނާޔަތް އިތުރުކުރުމަށްވުރެ މުހިންމު ކަންކަން އެބައޮތް ކަމަށާއި އެ ކަންކަމަށް ވެސް އިސްކަންދޭން އެ ބަޔާނުގައި ވަނީ ގޮވައިލައިފައެވެ.

ފާހަގަކުރެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ 95،000 ރުފިޔާއަށް ބޮޑުކޮށް، ވަޒީރުންގެ ކާރު އިނާޔަތަށް ލިބޭ ފައިސާ އިތުރުކޮށް، ރަށު ކައުންސިލްތަކުގެ މުސާރަ ވެސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރީ މިދިޔަ ބުދަ ދުވަހެވެ.

މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފައިވާ ގޮތުގައި މިހާރު މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވަނީ 73،125 ރުފިޔާއެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސަށް 91،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު، މަޖިލިސް މެންބަރުންނަށް 82،500 ލިބިވަޑައިގަންނަވައެވެ.

ކޮމިޓީގައި އިއުލާންކުރި ގޮތުގައި، އެ ފަރަގު އަންނަނީ މަޖިލީހުގެ ރައީސަށް ކޮމިޓީތަކުގައި ބައިވެރިވެވަޑައިނުގަނެވޭތީއެވެ. އެގޮތުން މެންބަރުން ކޮމިޓީތަކުގައި ބައިވެރިވާ އިންސަތައަށް ބަލައި އިނާޔަތް ލިބެން ހުރެއެވެ. އެއީ 50 އިންސައްތައާއި 75 އިންސައްތައިގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގަތުމުން 10،000 ރުފިޔާއާއި 75 އިންސައްތައަށްވުރެ މަތިވުމުން 20،000 ރުފިޔާއެވެ.

އެހެންވެ، ކޮމިޓީއަށް ހުށަހަޅައިފައިވަނީ މަޖިލީހުގެ ރައީސަށް 22،000 ރުފިޔާގެ އިނާޔަތެއް އިތުރުކުރުމަށެވެ. އެ އިނާޔަތް އިތުރުކުމުން މަޖިލީހުގެ ރައީސްގެ ޖުމުލަ މުސާރަ 95،125 ރުފިޔާއަށް އަރާނެއެވެ.

comment ކޮމެންޓް