ރިޔާސީ ރޭހަށް ނުކުންނަވަން ޝާހިދު އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވައިފި

ޝާހިދާއި ޞާލިޙް: ދެ ބޭފުޅުން ވެސް ވަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވައިފައި -- ފޮޓޯ/ ރައީސް އޮފީސް

އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަގާމުން އިސްތިއުފާ ދެއްވައި، ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ރަސްމީކޮށް މިރޭ ކެމްޕޭން ފައްޓަވައިފިއެވެ.

ޝާހިދު ރިޔާސީ ކެމްޕޭން އިއުލާން ކުރެއްވީ، ރާއްޖޭގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ސިޓީ އަދި އެމްޑީޕީއަށް އާންމުކޮށް ބޮޑު ތާއީދެއް ލިބޭ އައްޑޫ ސިޓީއަށް މިއަދު ވަޑައިގެން ބޭއްވެވި ޖަލްސާގައެވެ.

އެ ޖަލްސާގައި ޝާހިދު ވަނީ ދިވެހި ރައްޔިތުން މިހާރު ދިރިއުޅެމުންދަނީ ދަތި ހާލަތެއްގައި ކަމަށް ވިދާޅުވެ، އެކަން ބަދަލުކުރެވެން އޮތީ އެމްޑީޕީއަށް ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އެގޮތުން ރައްޔިތުންގެ ދިރިއުޅޭ ގޮތުގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ، އައްޑޫގައި ތަކުރާރުކޮށް ކަރަންޓު ކެނޑޭ މައްސަލައެވެ.

ޝާހިދު ވިދާޅުވީ ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އިސްލާހު ކުރުމަށް، ގާނޫނުއަސާސީއަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެފަދަ ބަދަލުތައް އަނެއްކާވެސް ގެނެވޭނީ އެމްޑީޕީއަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގެ ތެރެއިން: ޝާހިދު ވަނީ ރިޔާސީ ޕްރައިމަރީ ކެމްޕޭން އިއުލާންކުރައްވައިފައި -- ފޮޓޯ/ ކެމްޕޭން ޓީމް

ރައީސް ކަމަށް ހޮވިވަޑައިގެންފި ނަމަ ކުރައްވާނެ އިތުރު ކަންތައްތަކުގެ ވައުދާއެކު ޝާހިދު ވަނީ، 2028ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމުގެ އަޒުމުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވިކަން އިއުލާންކުރައްވައިފައެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ، އެމްޑީޕީ ހިންގަން ޖެހޭނީ ޑިމޮކްރެޓިކް އުސޫލުން ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ.

"މި ދެންނެވި ޑިމޮކްރެޓިކް އުސޫލުތަކަށް ބަލާއިރު، ޕާޓީގެ އިސް މަގާމެއްގައި ހުރެގެން ޕާޓީގެ އެތެރޭގެ އިންތިޚާބެއްގައި ވާދަކުރުމާއި، ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސްކަމުގައި ހުންނެވިއިރު އަމަލުކުރެއްވީ އެ އުސޫލުންކަން ފާހަގަކުރައްވައި، ޝާހިދު ވަނީ، ރިޔާސީ ޕްރައިމަރީގައި ވާދަކުރަން އިއުލާންކުރުމާއެކު ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވާކަން ވެސް އިއުލާންކުރައްވައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޝާހިދު އެމްޑީޕީގެ ރައީސްކަމަށް ހޮވިވަޑައިގަތީ އިންތިޚާބަކާ ނުލައެވެ. އެއީ 2024 ވަނަ އަހަރުގެ ފެބުރުވަރީ މަހު އެ މަގާމަށް ފުރުސަތު ހުޅުވާލުމުން، އިތުރު މީހަކު ކުރިމަތިލައިފައިނުވާތީއެވެ.

https://sun.mv/188901

ގިނަ ދުވަސްތަކެއް ވަންދެން އެމްޑީޕީގައި ޚިދުމަތްކުރައްވާފައިވާ ޝާހިދު، އޭނާގެ ސިޔާސީ ހަޔާތް ފެއްޓެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޑީއާރުޕީންނެވެ. އެމްޑީޕީއާ ގުޅިވަޑައިގަތީ މައުމޫންގެ 30 އަހަރުގެ ވެރިކަން ނިމުނު ފަހުންނެވެ.

ނިމުނު އެމްޑީޕީ ވެރިކަމުގައި ޝާހިދު ފޮރިން މިނިސްޓަރު ކަމުގައި ހުންނެވިއިރު، އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ކުރެއްވިއެވެ.

އައްޑޫގައި އޮތް ޖަލްސާގައި ޝާހިދު: ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވައި، ކެމްޕޭން ވަނީ އިއުލާންކުރައްވައިފައި -- ފޮޓޯ/ ކެމްޕޭން ޓީމް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ދެމެދު އަދި ގިނަ ދުވަސްތަކެއް އޮތް ނަމަވެސް، އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ރިޔާސީ ޓިކެޓަށް ގިނަ ބޭފުޅުންތަކެއް އަންނަނީ ޝައުގުވެރިކަން ފާޅުކުރައްވަމުންނެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވެސް ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ ކަމަށް ޕާޓީގެ އިސް ބޭފުޅުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެ މަނިކުފާނު ގެންދަވަނީ ޕާޓީގެ އިސް ލީޑަރުންނާ މިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވަމުންނެވެ.

މީގެ އިތުރުން، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާންކުރައްވާފައެވެ. ފައްޔާޒު ވާދަ ކުރައްވަނީ ކުރީގެ ރައީސް, އަދި މިހާރު އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދުގެ ތާއީދާއެކުއެވެ.

ހަމައެއާއެކު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވައި، އެކަމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގައި އައްޑޫ ސިޓީއަކީ އަބަދުވެސް ވަރަށް މުހިންމު ދައުރެއް އަދާކުރާ ސިޓީއެކެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 35،000 އަށް ވުރެ ބޮޑު އާބާދީއެއް އޮންނަ އައްޑޫ ސިޓީއަކީ އެމްޑީޕީގެ މެންބަރުން ގިނަ ސަރަހައްދެކެވެ. މިދިޔަ 2023 ވަނަ އަހަރު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވެސް މާލެ ފިޔަވައި އެންމެ ގިނަ މީހުން ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވަނީ އައްޑޫ ސިޓީގައެވެ.

comment ކޮމެންޓް