ސަރުކާރުން އުޅެނީ، މަޖިލީހުގެ ރައީސް ހިމެނިވަޑައިގަންނަވާހެން މެންބަރުންގެ ވެސް މުސާރަ ބޮޑުކޮށް، މަޖިލިސް އަޅުވެތި ކުރަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސްގެ މުސާރަ 95،000އަށް ބޮޑުކުރުމަށާއި ވަޒީރުންގެ ކާރު އެލަވަންސަށް ލިބޭ ފައިސާ އިތުރުކޮށް، ރަށު ކައުންސިލްތަކުގެ ވެސް މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރީ މިދިޔަ ބުދަ ދުވަހެވެ.
އެ ކަމަށް އިޝާރަތްކުރައްވައި ޕީއެންއެފުގެ މިރޭގެ ޖަލްސާގައި ޔާމީން ވިދާޅުވީ، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މުސާރަ ބޮޑުކުރުމަކީ ގަނޑުފެންގަނޑެއްގެ މަތިމަތިން ކަހައިލުން ކަމަށެވެ.
މިގޮތުން، އަބްދުއްރަހީމްގެ މުސާރަ ބޮޑުކޮށްފިނަމަ، މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)ގެ މުސާރަ ބޮޑުވާނެ ކަމާމެދު ޝައްކެއް ނެތް ކަމަށް ޔާމީން ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް: ޔާމީން ވިދާޅުވި ގޮތުގައި، އުޅެނީ އަބްދުއްރަހީމާއި މެންބަރުންގެ ވެސް މުސާރަ ބޮޑުކުރަން -- ފޮޓޯ/ މަޖިލިސްޔާމީން ވިދާޅުވި ގޮތުގައި، އެ ކަމާ ގުޅިގެން އަންނާނީ މަޖިލިސް އަޅުވެތި ކުރުމުގެ ކަންކަމެވެ.
"މިހާރު ފަށަން އެ އުޅޭ ކަމަކީ، އެ ޕްރެޝަރުގައި އެ ކުރަން އުޅޭ ކަމަކީ މުޅި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑު ކުރަން އިނގޭތޯ. މިއަށްވުރެ މި ވަގުތު ރާއްޖޭގެ ރައްޔިތުންގެ ނަފުރަތު ކުރާނެ އެއްވެސް ކަމެއް ނޯންނާނެ" ޔާމީން ވިދާޅުވިއެވެ.
އެ މަނިކުފާނު ސިފަކުރެއްވި ގޮތުގައި، ރައްޔިތުންގެ މަޖިލީހާ ނުލައި، ރައީސް ޑރ. މުހައްމަދު މުއިއްޒަށް "ފެނަށް ދިރޭނެ" ގޮތެއް ނޯންނާނެއެވެ. އަދި، މަޖިލީހުގެ ރައީސާއި މެންބަރުންގެ މުސާރަ ބޮޑުކުރަނީ މަޖިލީހާ ނުލައި، ރައީސަށް މަގާމުގައި ނުހުންނެވޭނެ ކަމުގެ ބިރަށް، އެ ކަމުގެ އިންޝުއަރެންސްއެއްގެ ގޮތުގައި ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ.
ޔާމީން އެ ފަދައިން ވިދާޅުވިއިރު، މިހާރު މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވަނީ 73،125 ރުފިޔާގެ މުސާރައެކެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސަށް 91،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު، މަޖިލިސް މެންބަރުންނަށް 82،500 ލިބިވަޑައިގަންނަވައެވެ.
ރައީސް މުއިއްޒާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: ޔާމީން ވިދާޅުވީ، މެންބަރުންނާއި މުޅި މަޖިލީހުގެ މުސާރަ ބޮޑުކުރަނީ، ރައީސް މުއިއްޒަށް މަޖިލީހާ ނުލައި ނޫޅެވޭނެތީ --- ފޮޓޯ/ ރައީސް އޮފީސްމާލިއްޔަތު ކޮމިޓީގައި އިއުލާންކުރި ގޮތުގައި، އެ ފަރަގު އަންނަނީ މަޖިލީހުގެ ރައީސަށް ކޮމިޓީގައި ބައިވެރިވެވަޑައިނުގަނެވޭތީއެވެ. އެގޮތުން މެންބަރުން ކޮމިޓީތަކުގައި ބައިވެރިވާ އިންސައްތައަށް ބަލައި އެލަވަންސް ލިބެން ހުރެއެވެ. އެއީ 50 އާއި 75 އިންސައްތައިގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގަތުމުން 10،000 ރުފިޔާއާއި 75 އިންސައްތައަށްވުރެ މަތިވުމުން 20،000 ރުފިޔާއެވެ.
އެހެންވެ، ކޮމިޓީއަށް ހުށަހަޅައިފައިވަނީ މަޖިލީހުގެ ރައީސަށް 22،000 ރުފިޔާގެ އެލަވަންސަށް އިތުރުކުރުމަށެވެ. އެ އެލަވަންސް އިތުރުކުމުން މަޖިލީހުގެ ރައީސްގެ ޖުމުލަ މުސާރަ 95،125 ރުފިޔާއަށް އަރާނެއެވެ.
މަޖިލިސް މެންބަރުންގެ އަދަދު މިހާރު 93އަށް އަރާއިރު، ގާނޫނުއަސާސީ އޮންނަ ގޮތުން އާބާދީ އިތުރުވާ ވަރަކަށް މެންބަރުންގެ އަދަދު ވެސް އިތުރުވެއެވެ. އެ މެންބަރުންގެ މުސާރަ ބޮޑުވެފައި، އެހެނިހެން އިނާޔަތްތައް ވެސް ލިބޭއިރު، އެ މުސާރައާ ބައްދަލު މިންވަރަކަށް މަސައްކަތް ނުކުރާ ކަމުގެ ޝަކުވާ އަބަަދުވެސް އޮވެއެވެ.