ގޭސް ފުޅިއެއް ގޮވައި 4 މީހަކަށް އަނިޔާވެއްޖެ، 2 މީހަކު ސީރިއަސް

މީގެ ކުރިން އަލިފާނުގެ ހާދިސާއެއް ހިނގި ނިރުފެހި ގެ -- ސަން ފައިލް ފޮޓޯ/ މުހައްމަދު ހައްޔާން

މާލޭގެ ގެއެއްގައި ރޭ ފަތިހު ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއްގައި އަނިޔާވި ހަތަރު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި، އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނި ގޮތުގައި، ގ. ދޫގަސްގޭގައި ގޭސްފުޅިއެއް ގޮވައި އަލިފާން ރޯވެގެން ރިޕޯޓްކޮށްފައިވަނީ ފަތިހު 5:27 ހާއިރުއެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ބަންގްލަދޭޝްގެ ދެ މީހަކަށާއި އިންޑިއާގެ ދެ މީހުންނަށެވެ. އެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު، ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން ރޯވި އަލިފާންގަނޑު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން މިހާރު ވަނީ ކޮންޓްރޯލްކޮށްފައެވެ. އަދި ހާދިސާ ހިނގި ސަރަޙައްދުގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ޓީމުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 15 މީހުން ދިރިއުޅޭ، ފަސް ކޮޓަރީގެ އެޕާޓްމަންޓެއްގައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް