މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ ދަންވަރު ސޯސަން މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ޒުވާނާ އެކްސިޑެންޓް ހިނގި ވަގުތު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުނެފިއެވެ.
އެ އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓުކުރީ، މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ ދަންވަރު 01:13 ހާއިރެވެ. އެ އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވިއިރު އޭގެ ތެރޭގައި، އަންހެނަކާއި ދެ ފިރިހެނުން ހިމެނުނެވެ. އޭގެ ތެރެއިން، 26 އަހަރުގެ އާއިޝަތު މާހިދާއަށް ފަރުވާ ދެމުން ދަނިކޮށް އޭނާ ވަނީ، އެކްސިޑެންޓު ހިނގިތާ ފަސް ދުވަސް ފަހުން މަރުވެފައެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ، ތ. ދިގަމިގިލީ، އައްސޭރި، އުމުރުން 21 އަހަރުގެ މާހު ހަސަނެވެ. އޭނާގެ ބަންދަށް ކޯޓުން ފުރަތަމަ ޖެހީ 15 ދުވަހުގެ މުއްދަތެކެވެ. އެއަށްފަހު އެ މުއްދަތު ހަމަވުމުން ކޯޓުން މިއަދު ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރެފައިވާ އަމުރުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އެކްސިޑެންޓް ހިނގި ވަގުތު މަންޒަރު ދުށް ފަރާތުގެ ބަޔާނާއި، މާޙިދާގެ މަރުފޯމާއި އޭނާ ހޯދާފައިވާ ފަރުވާގެ މެޑިކަލް ލިޔުންތަކާއި ސީސީޓީވީ ފުޓޭޖްގެ ސްނެޕް ޝޮޓް ފޮޓޯ ރިޕޯޓުގެ އިތުރުން، ހާދިސާ ރިޕޯޓާއި ޓްރެފިކް ވަޔަލޭޝަން ރެކޯޑާއި ކުށުގެ ރެކޯޑު ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައިވަނީ ބުނެފައެވެ.
އޭނާގެ ބަންދާ ގުޅިގެން ފާހަގަކުރާނެ އެއްވެސް ކަމެއް ނެތް ކަމަށް އޭނާ ކޯޓުގައި ބުނެފައިވާ ކަމަށާއި އޭނާއަކީ ހައްޔަރާއި ބަންދުގެ ރެކޯޑު އޮތް މީހެއްކަމަށް ކޯޓު އަމުރުގައިވަނީ ބުނެފައެވެ. ފުލުހުން ކޯޓުގައި ފާހަގަކުރި ކަންތައްތަކުގެ ތޭރަގައި ވަނީ މާހުގެ ލައިސެންސް ނެތް ކަމާއި އޭނާ ސައިކަލު ދުއްވީ މަސްތުވެގެން ހުރެ ކަމަށް ބުނެފައެވެ.
ކޯޓު އަމުރުގައި ވަނީ މައްސަލައިގެ ތަހުގީގު ނިމުމުން، ތުހުމަތުކުރެވޭ މީހާ ރިމާންޑް ޖަލަކަށް ބަދަލުކުރަން ވާނެ ކަމަށް ބުނެފައެވެ.
މަސްތުވެގެން އުޅަނދުތައް ދުއްވުމުން މީގެ ކުރިން ވެސް ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައިފައިވެއެވެ. އަދި މިދިޔަ މަހުގެ 27ގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ، މަސްތުގެ ހާލަތުގައި ތިބެ މަގުމަތީ ވެހިކަލް ދުއްވާ މައްސަލަތައް އާދާޔާ ޚިލާފަށް ގިނަކަން ފާހަގަވެފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ. އެހެންވެ، އެކަމަށް މިހާރު ވަރަށް ބޮޑަށް ސަމާލުކަން ދީގެން ދިވެހި ފުލުހުން މަސައްކަތް ކުރާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.