އެހެނިހެން މެކްރޯ އަސާސްތައް ހިފެހެއްޓުމާއެކު ރާއްޖޭގައި ކުރާ މުއާމަލާތްތަކުގައި ހަމައެކަނި ދިވެހި ރުފިޔާ ބޭނުންކުރަން ފަށައި އެކަން ތަންފީޒުކޮށްފި ނަމަ، ޑޮލަރުގެ މައްސަލައަށް ހައްލެއް ލިބިދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
ޑޮލަރު މައްސަލަ ހައްލު ކުރެވޭނީ ސަރުކާރުތަކުން ފަހަތަށް ނުޖެހި ފިޔަވަޅު އަޅައިގެން ކަމަށް, އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވި ޚަބަރެއްގެ ސޯޝަލް މީޑިއާގައި ޝެއާ ކުރައްވަމުން މިހާރުގެ ގަވަރުނަރު މުނައްވަރު ވިދާޅުވި ގޮތުގައި، ހަމައެކަނި ރުފިޔާ ބޭނުންކުރުމުގެ ސިޔާސަތު ކާމިޔާބުވާނީ އިގުތިސާދުގެ އެހެނިހެން މެކްރޯ އަސާސްތައް ނުވަތަ ފަންޑަމެންޓަލްސް ހިފެހެއްޓިފައި އޮވެގެންނެވެ.
"އެހެން މެކްރޯ އިގުތިސާދީ އަސާސްތައް ހިފެހެއްޓިފައިވާ ނަމަ، ހަމައެކަނި ދިވެހި ރުފިޔާ ބޭނުންކުރަން ފަށައި، އެކަން ތަންފީޒުކުރެވިއްޖެ ނަމަ މި މައްސަލަ ހައްލުކުރެވިދާނެ،" އޭނާ ވިދާޅުވިއެވެ.
ނަމަވެސް އެ ވިދާޅުވި ވާހަކައިގެ މާ ބޮޑު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.
އިގުތިސާދީ ތަޖުރިބާކާރުންގެ ވާހަކަތަކަށް ބަލާއިރު ރާއްޖެއަށް ދިމާވެފައިވާ އެމެރިކާ ޑޮލަރުގެ ތާށިކަން ހައްލުކުރުމަށާއި، ކާމިޔާބުކަމާއެކު އިޤުތިޞާދު ޑީ-ޑޮލަރައިޒް ކުރުމަށްޓަކައި، މެކްރޯއިކޮނޮމިކްގެ މައިގަނޑު އަސާސްތައް އެކުއެކީގައި ހަމައަކަށް އެޅުވުން ބޭނުންވެއެވެ. މީގެ އަސާސެއްގެ ގޮތުން، މިކަމަށްޓަކައި މާލީ ހަރުދަނާ އުސޫލުތަކެއް ގެންގުޅުން ލާޒިމުކުރެއެވެ.
އެއީ ޚާއްޞަކޮށް، އިތުރުވާ ދިވެހި ރުފިޔާގެ ސަބަބުން ބޭރު ފައިސާއަށް އޮންނަ ޑިމާންޑް ބޮޑުވިޔަ ނުދިނުމަށްޓަކައި، ރިކަރަންޓް ޚަރަދުތައް ކުޑަކުރުމާއި މަރުކަޒީ ބޭންކުން ފައިސާ ޗާޕުކުރުން ހުއްޓާލުމެވެ. ހަމަމިއާއެކު، ފައިސާއާބެހޭ އިދާރާތަކުން، އިޤުތިޞާދުގައި އިތުރުވެފައިވާ ފައިސާ އަނބުރާ ނަގައި، ބޭރު ފައިސާގެ ސާފު ރިޒާވް އިތުރުކޮށް، އަދި ފަތުރުވެރިކަމުގެ ރިސޯޓުތައް ފަދަ ބޮޑު އާމްދަނީއެއް ހޯދާ ފަރާތްތަކުގެ މައްޗަށް ބޭރު ފައިސާ ރާއްޖެއަށް އެތެރެކުރުމުގެ ގަވާއިދުތައް ހަރުކަށިކޮށް ތަންފީޒުކުރަން ޖެހެއެވެ.
އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި ދިވެހި ރުފިޔާއިން އިންވެސްޓްކުރެވޭނެ ގޮތްތައް ފުޅާކުރުމަށް ކުރެވޭ ސްޓްރަކްޗަރަލް މަސައްކަތްތަކާ މި ފިޔަވަޅުތައް ގުޅިގެން ދިއުމުން، ހަމައެކަނި ދިވެހި ފައިސާއަށް ބަރޯސާވުމަށް ބޭނުންވާ އިތުބާރާއި ހަމަޖެހުން އުފެދިގެންދާނެއެވެ.
ދުނިޔޭގެ ގިނަ ގައުމުތަކަށް ބަލާއިރު އެ ގައުމުތަކުގެ އެތެރޭގެ ވިޔަފާރީގެ މުއާމަލާތްތަކާއި މުސާރަ ދިނުން ފަދަ ކަންކަމުގައި މުޅިންހެން ބޭނުން ކުރާނީ އެ ގައުމެއްގެ ފައިސާއެވެ. އެއާ ހިލާފަށް ރާއްޖޭގައި މުސާރަ ދިނުމާއި ޓެކްސީ ދަތުރުން ފެށިގެން އެހެނިހެން ވިޔަފާރިތައް ކުރުމަށް ވެސް ޑޮލަރާއި ބޭރު ފައިސާ ދަނީ ބޭނުން ކުރަމުންނެވެ.
ރާއްޖެއަކީ މުޅިންހެން އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު ޑޮލަރަށް އޮންނަ ޑިމާންޑް އަބަދުވެސް މައްޗެވެ. އަދި މި ދުވަސްކޮޅު ޑޮލަރެއް ކަޅު ބާޒާރުން ގަންނަން ލިބޭ އަގު ވަނީ 23 ރުފިޔާއާ ގާތްކޮށްފައެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ޑޮލަރުގެ އަގު މިހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެވެ.
ރާއްޖޭގެ އެތެރޭގެ މުއާމަލާތްތަކުގައި ޑޮލަރުގެ ބަދަލުގައި ރުފިޔާ ބޭނުންކުރުން މަޖުބޫރުކުރުމަކީ، ޑޮލަރަށް އޮންނަ ޑިމާންޑު ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅެއް ކަމަށް އެމްއެމްއޭއިން ބުނެއެވެ.
ޑޮލަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި، މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީގެ ވަކި މިންވަރެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން ވަނީ މަޖުބޫރުކޮށްފައެވެ. އެ ގާނޫނުގައިވާ ގޮތުން، ކެޓަގަރީ އޭ ގައި ހިމެނޭ ރިސޯޓުތަކުން އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ނުވަތަ ޖުމްލަ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހެއެވެ. އަދި ކެޓަގަރީ ބީ ގައި ހިމެނޭ ގެސްޓްހައުސްތަކާއި ސަފާރީތަކުން ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ. މި ފައިސާ މާރުކުރަން ޖެހެނީ އާމްދަނީ ލިބޭ މަސް ނިމޭތާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިންނެވެ.
މުނައްވަރު ކުރިން ވިދާޅުވި ގޮތުގައި، ރިސޯޓުތަކަށް ލިބޭ ޑޮލަރު ރާއްޖޭގެ އިގުތިސާދުގެ ތެރޭގައި ދައުރުވުމަކީ މުޅި އިގުތިސާދަށް އޭގެ ފައިދާ ކުރާނެ ކަމެކެވެ.
މި ފިޔަވަޅުތަކާއެކު ރާއްޖޭގެ ރިޒާވަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އަދި މިހާރު އެމްއެމްއޭއިން ވަނީ ފަތުރުވެރިއެއްގެ ބޮލަށް ޑޮލަރު މާރު ކުރުމުގެ ބަދަލުގައި ރިސޯޓްތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ޖެހޭ ގޮތަށް އިސްލާހު ގެންނަން މަޖިލީހަށް ހުށަހަޅައިފައެވެ. މީގެ އިތުރުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މީހުން އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހެދުމަށާއި ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު ރިޕޯޓް ކުރުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ވެސް މަޖިލީހުން ވަނީ ފަށައިފައެވެ.