ރައްޔިތުންގެ މަޖިލީހަށް ކުރިން ހުށަހަޅައިފައިވާ ޕެޓިޝަނަކާ ދެކޮޅު ޕެޓިޝަން ވެސް ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވައިދު މިއަދު ބަދަލުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ހުށަހަޅާ ޕެޓިޝަނެއްގެ ޝަރުތުތަކުގެ ތެރޭ, މަޖިލީހަށް ކުރިން ހުށަހެޅި ޕެޓިޝަނެއްގައި އެޅުމަށް ގޮވައިލައިފައިވާ ފިޔަވަޅެއް އަލުން އެޅުމަށް ހިމެނިފައި ނުވުން ހިމެނެއެވެ.
ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މަމްދޫޙް ޔޫނުސް އެ ޝަރުތު އުނިކުރުމަށް އިއްޔެ ހުށަހެޅުއްވި ހުށަހެޅުއްވުން ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ދިރާސާކުރުމަށް ފަހު ނިންމީ އެ ޝަރުތު އުނިކުރުމަށް ފަހު މަޖިލީހުގެ ގަވައިދު ތަރުތީބުކުރުމަށެވެ.
އެހެންވެ، މިއަދު ބޭއްވި ޖަލްސާގައި އެގޮތަށް މަޖިލީހުގެ ގަވައިދު ބަދަލުކުރުމާ ގުޅޭ ގޮތުން ރިޔާސަތުން ވޯޓަށް އެހުމުން، ގަވައިދު ބަދަލުކުރަން ފެންނަ ކަމަށް 56 މެންބަރަކު ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް ވޯޓުދެއްވީ ނުވަ މެންބަރުންނެވެ.
މަޖިލީހަށް ކުރިން ހުށަހަޅައިފައިވާ ޕެޓިޝަނަކާ ދެކޮޅު ޕެޓިޝަނެއް ހުށަހެޅޭ ގޮތަށް އާންމު ކޮމިޓީން ނިންމައި ތަޅުމަށް ހުށަހެޅި ރިޕޯޓަށް އެއްވެސް މެންބަރަކު ބަހުސް ވެސް ކޮށްފައި ނުވެއެވެ.
ފާހަގަކުރެވޭ ގޮތުގައި، ދެކޮޅު ޕެޓިޝަން ހުށަހެޅޭ ގޮތަށް ބަދަލު ގެނެސްފައި ވަނީ ކައުންސިލުތަކުގެ ބެލުމުގެ ދަށުގައި ހިމެނޭ ބިންތައް ސަރުކާރަށް ނަގައި ކައުންސިލުތަކުގެ ދަށުން އެ ބިންތައް ވަކިކުރުމުގެ ބާރު ސަރުކާރަށް ދޭ ބިލު އަނބުރާ ގެންދިއުމަށް ގޮވައިލައި ހުށަހެޅި ޕެޓިޝަނަށް ސޮއި ހަމަކޮށް، ތަޅުމުގައި އެޖެންޑާކުރަން ޕެޓިޝަން ކޮމިޓީން ނިންމައިފައި އޮއްވައެވެ.
އެކަމަކު އެ ބިލު ފާސްކުރުމަށް ގޮވައިލައި ވެރިކަންކުރާ ޕީއެންސީގެ ސަޕޯޓަރުން ވަނީ މަޖިލީހަށް ޕެޓިޝަނެއް ވެސް ވައްދައިފައެވެ.
އެގޮތުން ޕީއެންސީގެ ސަޕޯޓަރުންގެ ފަރާތުން ވެއްދި ޕެޓިޝަންގައި ވަނީ، ސަރުކާރާ އެއްކޮޅު ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލަކީ ރަށު ފެންވަރުގައި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ޚިދުމަތްތައް ހަލުވިކަމާއެކު ކޮށްދިނުމަށް މަގުފަހިކޮށްދޭ ބިލެއް ކަމަށެވެ.
ޢަބްދުލްޙަންނާންގެ ބިލާ ދެކޮޅަށް ހުށަހަޅައިފައިވާ ޕެޓިޝަނަކީ ސިޔާސީ މަގުސަދެއް ހާސިލްކުރަން ހުށަހަޅައިފައިވާ ޕެޓިޝަނެއްގެ ގޮތުގައި ވެސް، ޕީއެންސީގެ ސަޕޯޓަރުން ހުށަހެޅި ޕެޓިޝަންގައި ސިފަކޮށްފައިވެއެވެ.