ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބޭރުގެ ބުކިން ޕްލެޓްފޯމުތަކުން ދޭ ޚިދުމަތްތަކުން ޖީއެސްޓީ ނަގަން ލާޒިމުކުރުމަށް ސަރުކާރުން ހުށަހެޅި އިސްލާހު ފާސްކުރާނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ މަޝްވަރާކުރުމަށް ފަހު ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް މިއަދު ވިދާޅުވެއްޖެއެވެ.
މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހުގެ ގާނޫނަށް ސަރުކާރު ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ދާއޫދު ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރައްވަމުން ފަލާޙް ވިދާޅުވީ، އެ އިސްލާހުތައް ފާސްކުރާނީ ފަތުރުވެރިކަމުގެ ދާއިރާއަށް އެއްވެސް ލޮޅުމެއް ނާންނަ ގޮތަށް، މަޝްވަރާތަކަށް ފަހު ކަމަށެވެ.
"އަޅުގަނޑުމެން ކޮމިޓީ މަރުހަލާގައި ރާއްޖޭގައި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ހުރިހާ ބޭފުޅުންނާ މަޝްވަރާކުރާނަން، އެ ބޭފުޅުންގެ ލަފަޔާއި އިރުޝާދު ހޯދާނަން، އެ ބޭފުޅުން ދޭ ހެޔޮ ލަފާ ގަބޫލުކުރާނެ މި ސަރުކާރުން," ފަލާޙް ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ބޭފުޅުންނާއި އެ ޕާޓީގެ މަޖިލިސް މެންބަރުންނާ އެކު އިގުތިޞާދީ ބަހުސަކަށް ވަޑައިގަތުމަށް ވެސް ތައްޔާރު ކަމަށް އޭނާ ވިދާޅުވިއެވެ.
"ދައުވަތު ލިބިއްޖިއްޔާ އަޅުގަނޑު ދާނަން، އެހެން ނަމަވެސް އެ ބޭފުޅުން ދޭ ދައުވަތަކަށް ދާނީ އޭގެ ތެރެއިން ތެދު ހަދާ ބޭފުޅަކާ އެއްކޮށް އަޅުގަނޑު،" ފަލާޙް ވިދާޅުވިއެވެ.
ފަތުރުވެރިއެއް: ރާއްޖެއަށް މިހާރު ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ފަތުރުވެރިކަމުން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މި އިސްލާހުތައް މިއަދު ކޮންމެހެން ބޭނުންވާ ކަމަށް ފަލާޙް ވިދާޅުވިއެވެ. އެގޮތުން ދިވެހި ވިޔަފާރިވެރިން ޓެކްސް ދައްކަމުން އަންނައިރު، ބޭރުން ފަތުރުވެރިން ފޮނުވާ ވިޔަފާރިތަކުން ވެސް ޓެކްސް ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ދާއޫދު ހުށަހެޅުއްވި ބިލުގެ މަގުސަދެއް ކަމަށް ވަނީ، ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރަން ފެށުމަށްޓަކައި އޮފްޝޯ ބުކިން ޕްލެޓްފޯމުތަކާއި ބޭރު ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުން ފޯރުކޮށްދޭ ޚިދުމަތްތަކާއި އުސޫލުތައް ގާނޫނުގައި ބަޔާންކުރުމެވެ.
މި އިސްލާހުގައި ވަނީ، ފަތުރުވެރިކަމުގެ ދާއިރާގެ ޚިދުމަތްތަކުގެ ތެރޭގައި، ރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތަކުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ޚިދުމަތް ހިމަނަން ހުށަހަޅައިފައެވެ.
އޭގެ އިތުރުން، ފަތުރުވެރިކަމުގެ ޚިދުމަތްދޭ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ޚިދުމަތްތަކުން ޚިދުމަތްދޭތާ ތިން ދުވަހުގެ ތެރޭ ޓެކްސް އިންވޮއިސް ތައްޔާރުކުރަން މި އިސްލާހުން ލާޒިމްކުރާނެއެވެ.
މި އިސްލާހު ފާސްވެއްޖެ ނަމަ ދައުލަތަށް އަހަރަކު 1.61 ބިލިއަން ރުފިޔާ ވަންނާނެ ކަމަށް، ބިލާއެކު ހުށަހެޅި ކޯސްޓް އެސްޓިމޭޓުގައި ލަފާކޮށްފައިވެއެވެ.
މި ބިލު ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިލީ ވޯޓުގައި ބައިވެރިވި 71 މެންބަރުންގެ ތެރެއިން 70 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ނުފެންނަ ކަމަށް ވޯޓުދެއްވީ އެންމެ މެންބަރެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިހާރު ވެސް ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ފަތުރުވެރިކަމުންނެވެ. މި ސަރުކާރުގައި ފަތުރުވެރިކަމާ ގުޅުން ހުރި ޓެކްސްތައް ބޮޑުކުރުމާއި، ފަތުރުވެރިކަމުން ލިބޭ އާމްދަނީ މާރުކުރުން ލާޒިމުކުރުން ފަދަ ބަދަލުތައް ގެނެސްފައިވެއެވެ.
އޭގެ ތެރެއިން ފައިސާ މާރުކުރުމާ ބެހޭ ގަވައިދެއް ފުރަތަމަ އޮކްޓޫބަރު 2024ގައި އިއުލާންކުރިއިރު، އަމިއްލަ ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކަށް އިޖާބަ ނުދޭ ކަމަށް އޭރު ބުނެފައިވެއެވެ. އަދި ފަތުރުވެރިކަމުގެ ބާނީން ހިމެނޭ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން ވެސް އޭރު ވަނީ ގަވައިދުތައް އެކުލަވައިލީ އެ ޖަމިއްޔާގެ ކަންބޮޑުވުންތަކަށް އިޖާބަ ނުދީ ކަމަށް ބުނެފައެވެ.
އެއަށްފަހު، އެ ބަދަލު ގާނޫނީ ގޮތުން ގެންނަން މަޖިލީހަށް ހުށަހެޅިއިރު، މަރުކަޒީ ބޭންކުން އޮތީ ގަވައިދުގައި އޮތް ބައެއް ކަންކަން ބަދަލުކޮށްފައިކަން ފާހަގަކޮށްލެވެއެވެ.
މިއަދުގެ ބިލަށް ބަހުސް ކުރައްވަމުން ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުޙައްމަދު ޢައްބާސް ވަނީ، ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި ގާނޫނުތަކަށް ބަދަލު ގެންނައިރު ވިސްނައިލުން މުހިއްމު ކަމަށާއި ރާއްޖޭގެ އިގުތިޞާދުގެ މައި އެއް ތަނބު ކަމަށްވާ ފަތުރުވެރިކަން ނެތި ދާން ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.