އިކޮނޮމިކް އަދި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
ވަޒީރުންނާ ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ސަޢީދު އިހުމާލުވެ، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، މަޖިލީހަށް ސައީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުއްވީ، މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ 13 މެންބަރުންނެވެ.
މި މައްސަލަ މާދަމާގެ މަޖިލިސް ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.
މިދިޔަ އޮގަސްޓު މަހު އެމްޑީޕީން ސައީދުގެ މައްޗަށް މަޖިލީހަށް ހުށަހެޅި އެ މައްސަލަގައި ޖުމުލަ ހަ ކަމެއް ފާހަގަކޮށްފައިވެއެވެ.
އެގޮތުން އެމްޑީޕީން ފުރަތަމަ ފާހަގަކުރި ކަމަކީ އިގުތިޞާދީ އިސްލާހުތައް ގެނައުމަށް އެދެވޭ އެއްވެސް ސިޔާސަތެއް ތަންފީޒުކޮށްފައި ނެތުމުން ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21 ރުފިޔާއަށް ވުރެ މައްޗަށް ގޮސްފައިވުމެވެ. އެ ހާލަތުގައި މައްސަލަ ހައްލުކުރަން އުޅުއްވުމުގެ ބަދަލުގައި އެއީ ތަބީޢީކަމެއް ކަމަށް ވިދާޅުވެ، ސަޢީދު މި މައްސަލައިގެ ހައްސާސްކަން ކަނޑައިލައްވައިފައިވާ ކަމަށް އެ މައްސަލައިގައި އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.
ދެވަނަ ކަމަކަށް އެމްޑީޕީގެ މެންބަރުންގެ މައްސަލައިގައި ފާހަގަކުރީ، ސަޢީދު ދައުލަތުގެ މުދަލާއި ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓައިފައި ނުވާ ކަމަށެވެ. އެގޮތުން، ދައުލަތުގެ މާލީ ހާލަތު ގޯސް ދަނޑިވަޅެއްގައި ރާއްޖޭން ބޭރުގައި ބޭއްވި އިންވެސްޓަރު ފޯރަމްތަކަށާއި މަޝްރޫއުތައް އިފުތިތާހުކުރުމުގެ ރަސްމިއްޔާތު ތަކަށް ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާއާއި ވަސީލަތްތައް ބޭނުންކޮށްފައިވާ ކަމަށް، އެމްޑީޕީގެ މައްސަލައިގައި ވެއެވެ.
އެ މައްސަލައިގައި އެމްޑީޕީން ދެން ބުނެފައި ވަނީ، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގެ އެއް މަގުސަދަކީ ރާއްޖޭގެ އިގުތިޞާދު ފަތުރުވެރިކަމަށް ބަރޯސާވާ މިންވަރު ކުޑަކޮށް އިގުތިޞާދީ ދާއިރާތައް ސިންދަފާތުކުރުން ކަމަށް ވީ ނަމަވެސް މި ސަރުކާރުން އެ ގާނޫނު އިސްލާހުކުރީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށެވެ. އެގޮތުން ޓައުންޝިޕް ތައާރަފުކޮށް ދައުލަތުގެ ބާރު ކެނޑޭ ގޮތަށް ރާއްޖޭގެ ބައެއް ސަރަހައްދުތަކެއް ބޭރުގެ އަތް މައްޗަށް ދޫކޮށް އެ ފަރާތްތަކަށް ބޮޑެތި ލުއިތައް ދީފައިވާ ކަމަށް، މައްސަލައިގައި ބުނެފައިވެއެވެ.
ފަހު ކަމަކަށް އެމްޑީޕީން ފާހަގަކުރީ މި ސަރުކާރުން އިއުލާނުކުރި ބޮޑެތި މަޝްރޫއުތައް ހުއްޓި އެއްވެސް ނަފާއެއް އެދެވޭ ގޮތެއްގައި ލިބިފައި ނެތުމެވެ. މިގޮތުން، ބަންކަރިންގެ ޚިދުމަތުން ފުރަތަމަ އަހަރު ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކުރި 400 މިލިއަން ރުފިޔާގެ އާމްދަނީ ނުލިބުމާއި ގާތްގަނޑަކަށް ނުވަ ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރުގެ ބިންގާ އެޅުމަށްފަހު އޭގެ ތަފުސީލު ހާމަ ނުކުރުން ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، އިހަވަންދިއްޕޮޅުގެ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" މަޝްރޫއަށް ހއ. ހޯރަފުށީ ފަޅުން ބޮޑު ސަރަހައްދެއް ބޭރުގެ ބަޔަކާ ހަވާލުކުރި ނަމަވެސް، އަމަލީ މަސައްކަތެއް ފެށިފައިނުވާ ކަމަށް، އެމްޑީޕީގެ މައްސަލައިގައި ބުންޏެވެ.