"ގެރިއެއްގެ ކިރު ފެލަމުން ގޮސް" ފަތުރުވެރިކަން ނެތިދާން ފުރުސަތު ދީގެން ނުވާނެ، އޭރުން އަންނާނީ ލޭ: ޢައްބާސް

ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް: ވިދާޅުވީ ފަތުރުވެރިކަން ނެތި ދާން ފުރުސަތު ދީފިނަމަ އަންނާނީ ލޭ ކަމަށް -- ފޮޓޯ: މަޖިލިސް

ރާއްޖޭގެ އިގުތިޞާދުގެ މައި އެއް ތަނބު ކަމަށްވާ ފަތުރުވެރިކަން ނެތި ދާން ފުރުސަތު ދީގެން ނުވާނެ ކަމަށާއި، އޭރުން ދެން އަންނާނީ "ލޭ" ކަމަށް، ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުޙައްމަދު ޢައްބާސް މިއަދު ވިދާޅުވެއްޖެއެވެ.

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބޭރުގެ ބުކިން ޕްލެޓްފޯމުތަކުން ދޭ ޚިދުމަތްތަކުން ޖީއެސްޓީ ނަގަން ލާޒިމުކުރުމަށް ސަރުކާރުން ހުށަހެޅި އިސްލާހަށް ބަހުސްކުރައްވަމުން ޢައްބާސް ވިދާޅުވީ، ހަރުދަނާ ގޮތެއްގައި ދަނޑުވެރިކަމާއި މަސްވެރިކަން ކުރަމުން ނުދާތީ އެކަމުގެ ސަބަބުން ދިވެހީންނަށް ހަގީގީ މަންފާއެއް ލިބެމުން ނުދާ ކަމަށެވެ.

https://sun.mv/226066

ޢައްބާސް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި ގާނޫނުތަކަށް ބަދަލު ގެންނައިރު ވިސްނައިލުން މުހިއްމު ކަމަށެވެ.

ރާއްޖެއެކޭ އެއްގޮތަށް މޮރިޝަސްއާއި ބަހާމާސް ކަހަލަ އެހެން ގައުމުތަކުގައި އައު މަންޒިލުތައް އުފައްދައި ރާއްޖޭގެ ކޮންސެޕްޓަށް ރިސޯޓުތައް ހަދައި ފަތުރުވެރިކަން ކުރިއަރުވަމުން ދާ ކަމަށާއި، ރާއްޖެއަށް ވުރެ އެ ތަންތަނަށް ފަތުރުވެރިން ޒިޔާރަތްކުރާ ކަމަށް ޢައްބާސް ވިދާޅުވިއެވެ. މިއީ ރިސޯޓުތަކަށް ލިބޭ އާމްދަނީއަށް އަންނަ ލޮޅުމެއްކަމަށް އޭނާ ސިފަކުރެއްވިއެވެ.

މިއަދު ވެސް ހާހަކަށް ވުރެ ގިނަ ގެސްޓްހައުސްތަކާއި 200އަށް ވުރެ ގިނަ ރިސޯޓުތަކުން ޚިދުމަތްދޭ އިރު އެ ތަންތަނުގެ އޮކިއުޕަންސީ 50 އިންސައްތަ ވެސް ނުހިފަހައްޓާ ކަމަށް ޢައްބާސް ވިދާޅުވިއެވެ.

"އީސްޓާން ޔޫރަޕާއި ވެސްޓާން ޔޫރަޕާއި މެދުއިރުމައްޗާއި މި ތަންތާ މި ކުރާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް މި އޮތީ ހެސްކިޔައިފައި ލޮޅުން އަރައިފައި އިއްޒަތްތެރި ރައީސް، އަޅުގަނޑުމެން ގެސްޓްހައުސްތައް ހިންގަމުން ދިޔައީ، އަޅުގަނޑުމެން ދުވަހަކު ވެސް 60 ޕަސެންޓުން ދަށްވި ހަނދާނެއް ނާދޭ، މިއަދުގެ ހާލަތަކީ 10 ޕަސެންޓު 15 ޕަސެންޓު އިއްޒަތްތެރި ރައީސް،" ޢައްބާސް ވިދާޅުވިއެވެ.

ޢައްބާސް ވިދާޅުވީ، ބައެއް ރިސޯޓުތަކުން އޮކިއުޕަންސީ ހިފަހައްޓަނީ ނުއަގުގައި އޯލް އިންކްލޫސިވް ޕެކޭޖުތައް ދީގެން ކަމަށެވެ.

"އަޅުގަނޑުމެން މިއަދު ފަތުރުވެރިކަމާ ކުޅެން ވާހަކަ ދައްކާއިރު، އަޅުގަނޑުމެން މިއަދު ވަރަށް ބޮޑަށް ވިސްނައިލަން ޖެހޭ އިއްޒަތްތެރި ރައީސް، ފަތުރުވެރިކަން ގެރިއެއްގެ ކިރު ފެލާހެން ފެލަމުން ފެލަމުން ގޮސް އަޅުގަނޑުމެން މުޅި ފަތުރުވެރިކަން ނެތޭ ހިސާބަށް ދާކަށް ފުރުސަތު ދީގެން ނުވާނެ އިއްޒަތްތެރި ރައީސް، ދެން އަންނާނީ ލޭ އެހިސާބުން އިއްޒަތްތެރި ރައީސް،" ޢައްބާސް ވިދާޅުވިއެވެ.

މިއަދު ކޮންމެ ސަރުކާރަކުން ފަތުރުވެރިކަމާ ބެހޭ ގާނޫނުތަކަށް ބަދަލު ގެންނައިރު، ފަތުރުވެރިކަން ހިމެނޭހެން މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއަރުވަން މިހާތަނަށް މަސައްކަތްކޮށްފައި ނުވާކަން ޢައްބާސް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ މަސް ދޯނިފަހަރުގައި މިއަދު ގިނައިން ތިބީ ބިދޭސީން ކަމަށާއި ދިވެހީން މަސްވެރިކަންކުރަން ނުނިކުންނަ ކަމަށެވެ. އޭގެ އިތުރުން ވަޑާންކުރާ މީހުންނާއި ރާނާ މީހުން ވެސް ނުއުފެދޭ ކަން ޢައްބާސް ފާހަގަކުރެއްވިއެވެ.

"އެންމެން އަރާމުގައި ކޮފީތަކުގައި ރެސްޓޯރަންޓުގައި ތިބެނީ، ދެން ރާއްޖެއަށް ހުރިހާ ބިދޭސީން އައިސްގެން ތިމާގެ ދަރި ވެސް ބަލަން މިއަދު ތިބީ ބިދޭސީން،" ޢައްބާސް ވިދާޅުވިއެވެ.

ޢައްބާސް ވިދާޅުވީ ރާއްޖޭގެ އިގުތިޞާދު ރަނގަޅުވާނީ މަސައްކަތުގެ މާހައުލަށް ދިވެހި ޒުވާނުން ވެސް ނިކުމެގެން ކަމަށެވެ.

comment ކޮމެންޓް