ރާއްޖޭން ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބޭރުގެ ބުކިން ޕްލެޓްފޯމުތަކުން ދޭ ޚިދުމަތްތަކުން ޖީއެސްޓީ ނަގަން ލާޒިމުކުރުމަށް އިސްލާހެއް ހުށަހަޅައި، އަހަރަކު ދޮޅު ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީ ވަންނާނެ ކަމަށް ލަފާކޮށްފިއެވެ.
ސަރުކާރު ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ދާއޫދު މި އިސްލާހު ހުށަހެޅުއްވި މަގުސަދެއް ކަމަށް ވަނީ، ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރަން ފެށުމަށްޓަކައި އޮފްޝޯ ބުކިން ޕްލެޓްފޯމުތަކާއި ބޭރު ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުން ފޯރުކޮށްދޭ ޚިދުމަތްތަކާއި އުސޫލުތައް ގާނޫނުގައި ބަޔާންކުރުމެވެ.
މި އިސްލާހުގައި ވަނީ، ފަތުރުވެރިކަމުގެ ދާއިރާގެ ޚިދުމަތްތަކުގެ ތެރޭގައި، ރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތަކުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ޚިދުމަތް ހިމަނަން ހުށަހަޅައިފައެވެ.

ފަތުރުވެރިއަކު ރިސޯޓެއްގައި: -- ފޮޓޯ/ ކޯޕަރޭޓް މޯލްޑިވްސް
އޭގެ އިތުރުން، ފަތުރުވެރިކަމުގެ ޚިދުމަތްދޭ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ޚިދުމަތްތަކުން ޚިދުމަތްދޭތާ ތިން ދުވަހުގެ ތެރޭ ޓެކްސް އިންވޮއިސް ތައްޔާރުކުރަން މި އިސްލާހުން ލާޒިމްކުރާނެއެވެ.
ހަމަ އެއާއެކު މި އިސްލާހުގައި ވަނީ، ފަތުރުވެރިކަމުގެ ބޭރުގެ ވިޔަފާރިތަކުން ރާއްޖޭގައި ފޯރުކޮށްދޭ އޮފްޝޯ ވިޔަފާރިތަކުން އަގު ނަގާނެ ގޮތުގެ ތަފުސީލު ވެސް ހިމަނައިފައެވެ.
ބިލާއެކު ސަރުކާރުން ހުށަހަޅައިފައިވާ ކޯސްޓް އެސްޓިމޭޓު ނުވަތަ ޚަރަދުގެ އަންދާޒާގައިވާ ގޮތުން، ދައުލަތުން އެއް ފަހަރު ކުރަން ޖެހޭ ޚަރަދުގެ ގޮތުގައި 2.8 މިލިއަން ރުފިޔާ، އަދި މުވައްޒަފުންނަށް ރިކަރަންޓް ޚަރަދުގެ ގޮތުގައި އިތުރަށް 5.1 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ބެލެވެއެވެ.
ޚަރަދުގެ އަންދާޒާގައިވަނީ، އޮފްޝޯ ބުކިން ޕްލެޓްފޯމުތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުން ރާއްޖޭގައި ޖީއެސްޓީއަށް ރަޖިސްޓްރީކޮށް ފައިސާ ދައްކަން ފެށިގެން ދާނީ އެ ފަރާތްތަކާ މީރާއިން އެންގޭޖްވެ، ޓެކްސް ދެއްކުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީގެން ކަމަށެވެ.
މި އިސްލާހު ފާސްވެއްޖެ ނަމަ ދައުލަތަށް އަހަރަކު 1.61 ބިލިއަން ރުފިޔާ ވަންނާނެ ކަމަށް ކޯސްޓް އެސްޓިމޭޓުގައި ލަފާކޮށްފައިވެއެވެ.
ބިލަށް އަމަލުކުރަން ފެށުމަށް ހުށަހަޅައިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެހެންކަމުން ބެލެވޭ ގޮތުގައި މި ދައުރު ނިންމުމުގެ ކުރިން، ނުވަތަ ދައުރުން ބޭރުން ބާއްވާ ޖަލްސާއެއްގައި ބިލު ފާސްކުރުން އެކަށީގެންވެއެވެ.