ކުޑަކުދިންނާއި ނާޒުކު ހާލަތްތަކުގައިވާ މީހުންގެ މައްސަލަ ރިޕޯޓުކުރުމުގައި ސަމާލުވުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން، މީޑިއާތަކަށް އިއްޔެ އިލްތިމާސްކޮށްފިއެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ، ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް މުޖުތަމައުގައި ހިނގާ އެކި ހާދިސާތަކާއި މައްސަލަތަކުގެ މައުލޫމާތު މީޑިއާތަކުން އާންމުންނަށް ހާމަކުރުމަކީ، ފަރުދީ އަދި އިޖުތިމާއީ ގޮތުން އަދާކުރަން ޖެހޭ ޒިންމާއެއް ކަމަށެވެ.
ކުޑަކުދިންނާއި މައިންބަފައިންނާއި ނާޒުކު ހާލަތްތަކުގައިވާ މީހުންނާ ގުޅުން ހުރި މައްސަލަތައް ރިޕޯޓުކުރުމުގައި ސަމާލުކަން ދޭން ޖެހޭ ކަންކަމަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް މީޑިއާ ކޮމިޝަނުން ވަނީ ނޫސްވެރިންނަށް އިލްތިމާސްކޮށްފައެވެ.
މިގޮތުން، އެއްވެސް މީހެއްގެ އަބުރާއި ކަރާމާތަށް އުނިކަން ނާންނާނެ ގޮތަކަށް ކޮންޓެންޓު އާންމުކުރުމަށް އެ ކޮމިޝަނުން ވަނީ ހަނދާންކޮށްދީފައެވެ.
ޚާއްސަކޮށް، ކުޑަކުދިންނާއި ނާޒުކު ހާލަތުގައިވާ މީހުންގެ ވަނަވަރު ނުވަތަ އެ މީހުން ދެނެގަނެވިދާނެ މައުލޫމާތެއް ހާމަކުރަންވާނީ ގާނޫނުއަސާސީއާއި ގާނޫނުތަކާއި ގަވައިދުތަކުގެ އިތުރަށް އިދާރާތަކުން ރަސްމީކޮށް ހިއްސާކުރާ މައުލޫމާތުގެ މައްޗަށް ބިނާކޮށްކަން އެ ކޮމިޝަނުން ހަނދާންކޮށްދީފައިވެއެވެ.

ނޫސްވެރިއަކު ލިޔަނީ: ޚަބަރާއި މައުލޫމާތު ފެތުރުމުގައި އިންސާނީ ކަރާމާތާއި މުޖުތަމައުގެ މަސްލަތަށް އިސްކަންދިނުމަށް މީޑިއާ ކޮމިޝަނުން ވަނީ އަންގާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މައުލޫމާތެއް ޝާއިއުކޮށް ނުވަތަ ބްރޯޑްކާސްޓު ކުރުމުގެ ކުރިން އެއީ، ސައްހަ މައުލޫމާތެއްކަން ކަށަވަރުކުރުމުގެ އިތުރަށް މުޖުތަމައުގެ މަސްލަހަތު ގެއްލޭ ފަދަ ދޮގު ޚަބަރު ފެތުރުމާއި މީސްމީޑިއާގައި ޔަގީންނުވާ މައުލޫމާތު ހިއްސާކުރުމުން ދުރުހެލިވާން ޖެހޭމޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން
އެ ބަޔާނުގައި ބުނީ، ނާޒުކު ހާލަތުގައިވާ ފަރާތްތަކުގެ މައްސަލަތައް މީސްމީޑިއާގައި "ޝަރީއަތް" ކުރުމުގެ ބަދަލުގައި ގާނޫނީ އުސޫލުތަކުގެ ތެރެއިން، ކަމާ ބެހޭ އިދާރާތަކުން ހާމަކުރާ ސައްހަ މައުލޫމާތު ހާމަކުރުމަކީ އެންމެ މަސްހަލަތު ހުރި ގޮތް ކަމަށް ދެކޭ ކަމަށެވެ.
މީގެއިތުރުން، ކުޑަކުދިންނާއި މައިންބަފައިންގެ މައުލޫމާތު ގެނެސްދިނުމުގައި އެ މީހުންގެ ކަރާމާތައި އަމިއްލަ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ނޫސްވެރިންނާއި މީޑިއާއަށް ލާޒިމު ކަމެއް ކަމަށް މީޑިއާ ކޮމިޝަނުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ހިންގާ ބައެއް މީޑިއާތައް --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން
ކަނޑައެޅިފައިވާ ގާނޫނުތަކާއި ގަވައިދުތަކުގެ އިތުރަށް މީޑިއާގެ ސުލޫކީ މިންގަނޑަށް ފުރިހަމައަށް ތަބާވުމަށް މީޑިއާގައި މަސައްކަތް ކުރާ އެންމެނަށް އެ ކޮމިޝަނުން ވަނީ ހަނދާންކޮށްދީފައެވެ.
މީޑިއާ ކޮމިޝަނުން މި ފަދަ ބަޔާނެއް ނެރެފައި ވަނީ، އުފަންވުމާއެކު ތުއްތު ކުއްޖަކު މަންމަގެ ނުރުހުމުގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށް ބުނާ މައްސަލައެއްގައި ބޮޑު ބަހުސެއް އުފެދިފައި ވަނިކޮށެވެ.
މި ކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، މައްސަލަ ފެންމަތި ކުރުވީ އެ ކުއްޖާގެ މަންމައެވެ. އެ މަންމަ އާ ހަވާލާދީ، ސޯޝަލްމީޑިއާގައި ދައުރުވާ ޕޯސްޓުތަކުގައި ވަނީ، ދައުލަތަށް ދަރިފުޅު ނެގީ، އޭނާގެ ނުކުޅެދުންތެރިކަމެއް ހުންނާތީއާއި މީގެކުރިން އަމިއްލަ ނަފުސަށް ގެއްލުންދޭން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ ކަމަށެވެ.
މީގެއިތުރުން، އޭނާގެ ނުރުހުމުގައި އެހެން އާއިލާއަކާ ދަރިފުޅު ހަވާލުކުރަން މިނިސްޓްރީން މަސައްކަތް ކުރާ ކަމަށް ބުނެ، އެ ކުއްޖާގެ މަންމަ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި މައްސަލައިގައި ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ މިނިސްޓްރީން ބުނީ، ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުއްޖަކު ނަގާނީ، އެ ކުއްޖާގެ މައިންބަފައިންނާއި އާއިލާއަށް ވެސް ރައްކާތެރިކަން ކަށަވަރުނުކުރެވޭ ހާލަތުގައި ކަމަށެވެ.
މި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން އަންނަނީ ބަލަމުންނެވެ.