ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުއްޖަކު ނަގާނީ، އެ ކުއްޖާގެ މައިންބަފައިންނާއި އާއިލާއަށް ވެސް ރައްކާތެރިކަން ކަށަވަރުނުކުރެވޭ ހާލަތުގައި ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ މިނިސްޓްރީން މިއަދު ބުނެފިއެވެ.
މިނިސްޓްރީން މިފަދައިން ބުނެ، ބަޔާނެއް ނެރެފައި މި ވަނީ އުފަންވުމާއެކު، ކުއްޖަކު ދައުލަތަށް ނެގި ގޮތާމެދު ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
މި ކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، މައްސަލަ ފެންމަތި ކުރުވީ އެ ކުއްޖާގެ މަންމައެވެ. އެ މަންމަ އާ ހަވާލާދީ، ސޯޝަލްމީޑިއާގައި ދައުރުވާ ޕޯސްޓުތަކުގައި ވަނީ، ދައުލަތަށް ދަރިފުޅު ނެގީ، އޭނާގެ ނުކުޅެދުންތެރިކަމެއް ހުންނާތީއާއި މީގެކުރިން އަމިއްލަ ނަފުސަށް ގެއްލުންދޭން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ ކަމަށެވެ.
މީގެއިތުރުން، އޭނާގެ ނުރުހުމުގައި އެހެން އާއިލާއަކާ ދަރިފުޅު ހަވާލުކުރަން މިނިސްޓްރީން މަސައްކަތް ކުރާ ކަމަށް ބުނެ، އެ ކުއްޖާގެ މަންމަ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ކަމުގައި މިނިސްޓްރީއަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ނެރުނު ބަޔާނުގައި ވަނީ، ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ނެގުމުގައި އަމަލުކުރަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައިވާ ގޮތަށް ކަމަށެވެ.

ކުޑަކުއްޖަކު މަގުމަތިން ހިނގާފައި ދަނީ ---- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިގޮތުން، ކުއްޖާއަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށާއި އާއިލާއާއި ޖަމާއަތުގެ ފަރާތްތަކުންނާއި ދައުލަތުގެ ފަރާތުން ޚާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބުމަކީ ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނަށް ލިބިފައިވާ ހައްގެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ އަށްވަނަ މާއްދާއާ ހަވާލާދީ އެ ބަޔާނުގައި ބުނެފައި ވަނީ، ކުޑަކުއްޖަކާ ގުޅޭ ކަންކަން ނިންމުމުގައި އެންމެ އިސްކަންދޭން ވާނީ އެ ކުއްޖާގެ މަސްލަހަތަށް ކަމަށެވެ.
މީގެއިތުރުން، ކުޑަކުއްޖަކު ދައުލަތަށް ނަގާނީ، ކުއްޖާގެ މައިންބަފައިންނާއި އާއިލާގެ ފަރާތުން ވެސް ކުއްޖާގެ ރައްކާތެރިކަން ކަށަވަރުނުކުރެވޭ ހާލަތްތަކުގައި ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ކުޑަކުދިންނާ ގުޅިގެން ހުށަހެޅޭ ކޮންމެ މައްސަލައެއްގައި ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭނީ ކުއްޖެއްގެ އާއިލާ ތެރެއިން ކުއްޖާއަށް ލިބެންވާ ރައްކާތެރިކަން ކަށަވަރުނުކުރޭ ހާލަތުގައި ކަމާއި ކުއްޖާގެ ވަށައިގެންވާ ހާލަތްތައް ދެނެގަނެ، އެ ކަންކަމަށް ރިއާޔަތްކޮށްގެން ނޫން ގޮތަކަށް ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނުނެގޭނެސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ މިނިސްޓްރީ
މިނިސްޓްރީން ބުނީ، ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތް ކަމުގައިވާ ހާލަތުގައި ނޫނީ، ކުއްޖެއްގެ މައިންބަފައިންގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީ އެ ކުއްޖެއްގެ މައިންބަފައިންނާ ވަކިކުރުމަށް ސައްހަ ސަބަބެއް ނޫން ކަމުގައި ދެކޭ ކަމަށެވެ.
ނަމަވެސް، އެއްވެސް ކުއްޖެއްގެ ރައްކާތެރިކަން ކަށަވަރުނުވާ ހާލަތުގައި ކުއްޖަކަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވަގުތުން ފިޔަވަޅު އަޅާނެ ކަން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކުރިއެވެ.
އެހެންވެ، ކުއްޖާ ހުރި މާހައުލުން ވަކިކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ނަގައި، ކުއްޖާ ބެލެހެއްޓުން އެހެން ފަރާތަކާ ހަވާލުކުރުމަކީ ވެސް މިނިސްޓްރީއަށް އޮންނަ އިޚުތިޔާރެއްކަން ބަޔާނުން އެނގެއެވެ.
މިނިސްޓްރީގެ ބަޔާނުގައި ވަނީ، ކުޑަކުދިންނާއި ނާޒުކު ހާލަތުގައި ދިރިއުޅެމުން އަންނަ ފަރާތްތަކާ ގުޅޭ ގޮތުން، ސައްހަ ނޫން ޚަބަރުތައް ދައުުރުކުރުމަކީ ކަންބޮޑުވާ ކަމެއްކަން ފާހަގަކޮށްފައެވެ. އަދި، މި ފަދަ ޚަބަރުތައް ދައުރުކުރުމުގައި ސަމާލުވުމަށާއި ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށް މީޑިއާއަށާއި މީސްމީޑިއާ ބޭނުންކުރާ އެންމެނަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.