އެމްޑީޕީން އޮޅުވާލަނީ, ބޭންކުތަކުން ޑޮލަރު ދޫކުރި ނިސްބަތް މި ސަރުކާރުގައި މާ ބޮޑަށް އިތުރު: ސައީދު

އިކޮނޮމިކް މިނިސްޓަރު ސައީދު ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި -- ފޮޓޯ: ރައީސް އޮފީސް

ކުރީގެ އެމްޑީޕީ ސަރުކާރާ އަޅައިބަލާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޭންކުތައް މެދުވެރިކޮށް ރައްޔިތުންނަށް ދޫކުރި ޑޮލަރުގެ ނިސްބަތް މާބޮޑަށްވެސް އިތުރުވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ރޭ ހާމަކުރައްވައިފިއެވެ.

ތަފާސްހިސާބުތައް ހާމަ ކުރައްވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި، ޑޮލަރުގެ މައްސަލައިގައި އެމްޑީޕީން ދައްކާ ވާހަކަތަކާއި އަމަލީ މަންޒަރާ ދިމައެއް ނުވެއެވެ.

ރަސްމީ ރޭޓު ކަމަށްވާ 15.42 ރުފިޔާގެ މަގުން ބޭންކުތަކުން މަހެއްގެ މައްޗަށް އެވްރެޖްކޮށް ޑޮލަރު ދޫކޮށްފައިވާ މިންވަރަށް ބަލާއިރު، އެމްޑީޕީގެ ވެރިކަމުގައި 2021 ވަނަ އަހަރު ދޫކޮށްފައިވަނީ 21.1 މިލިއަން ޑޮލަރެވެ. އަދި 2022 ވަނަ އަހަރު 31.6 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، އެމްޑީޕީ ސަރުކާރު ނިމުނު 2023 ވަނަ އަހަރު ދޫކޮށްފައިވަނީ މަހަކު އެވްރެޖްކޮށް 36.9 މިލިއަން ޑޮލަރެވެ.

https://www.sun.mv/226002

ނަމަވެސް، ޕީއެންސީ ސަރުކާރުން 2024 ވަނަ އަހަރު މަހަކު 40.5 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، 2025 ވަނަ އަހަރު އެ އަދަދު ވަނީ 61.2 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. މިއަހަރުގެ ޖެނުއަރީން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ބޭންކިން ނިޒާމުގެ ތެރެއިން މަހެއްގެ މައްޗަށް އެވްރެޖްކޮށް 81.2 މިލިއަން ޑޮލަރު ދޫކޮށްފައިވެއެވެ. މިއީ 2023 ވަނަ އަހަރާ އަޅައިބަލާއިރު 120 ޕަސެންޓުގެ ބޮޑު ކުރިއެރުމެކެވެ.

މިނިސްޓަރު ހާމަ ކުރެއްވި މި އަދަދުތަކުން ދައްކާ ގޮތުގައި، ރަސްމީ ނިޒާމުގެ ތެރެއިން މާކެޓަށް ނެރޭ ބޭރު ފައިސާގެ ނިސްބަތް ވަނީ ދެގުނައަށް ވުރެ އިތުރުކުރެވިފައެވެ.

މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި، މި ކުރިއެރުން ހޯދާފައިވަނީ އެމްޑީޕީ ސަރުކާރު ނިމުނުއިރު ދޫކޮށްފައިދިޔަ ބިޔަ ދަރަނީގެ ތެރެއިން 1.2 ބިލިއަން ޑޮލަރު ދައްކައި، ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރަމުންނެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެކަނިވެސް ސަރުކާރުން ވަނީ 500 މިލިއަން ޑޮލަރުގެ ސުކޫކަކާއި އިންޑިއާގެ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ހިމެނޭހެން 924 މިލިއަން ޑޮލަރުގެ ދަރަނި އަދާކޮށްފައެވެ.

ސައީދު ފާހަގަކުރެއްވި ގޮތުގައި، މިފަދަ ބޮޑެތި ދަރަނިތައް ދައްކަމުންދާއިރުވެސް، ވިޔަފާރިތަކަށް ބޭނުންވާ ޓީޓީ ހެދުމަށާއި، ބޭސްފަރުވާއަށާއި، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފޮނުވާ ފައިސާގެ އިތުރުން ހައްޖާއި އުމްރާއަށް ދާ މީހުންނަށާއި އާންމު ދަތުރުވެރިންނަށް ދޫކުރި ޑޮލަރުގެ އަދަދު މި ސަރުކާރުގައި މާ ގިނައެވެ.

ރައީސް މުޢިއްޒު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ކުރީ ސަރުކާރުން ވައްޓާލި އިގުތިސާދީ އަނދަވަޅުން ގައުމު ސަލާމަތްކުރެއްވުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން މި ތަފާސްހިސާބުތައް އާންމުކޮށްފައިވަނީ، ތަކެތީގެ އަގުބޮޑުވުމާއި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލިފައިވާ ކަމަށް ބުނެ އެމްޑީޕީން ރޭ މާލޭގައި މުޒާހަރާކޮށްފައި ވަނިކޮށެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި ކުރިއަށްގެންދިޔަ މި މުޒާހަރާގައި، ޑޮލަރުގެ ތާށިކަން ހައްލުކުރުމަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުދާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާރު ވަނީ 22 ރުފިޔާއަށް ވުރެ މައްޗަށް ގޮސްފައެވެ.

ނަމަވެސް، މިނިސްޓަރު ސައީދު ވަނީ އިދިކޮޅު ފަރާތްތަކުން އިގުތިސާދީ ހަގީގަތްތައް އޮޅުވާލައި، ސިޔާސީ މަންފާއެއް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި ޑޮލަރުގެ އަގު ކަޅު ބާޒާރުގައި ބޮޑުވަނީ ދެ ނޫހަކުން ޖަހާ ސުރުހީގެ ސަބަބުން ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ސަރުކާރުން ދަނީ ވާރުތަވެފައިވާ ދަރަނިތައް މެނޭޖުކޮށް، އިގުތިސާދު ހަމައަކަށް އެޅުވުމުގެ މަސައްކަތް ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް